ދައުރު ނިމުމުގެ ކުރިން މަސްވެރިކަމުގެ ސިނާއަތަށް އިންގިލާބީ ކުރިއެރުމެއް ގެނެސްދޭނަން: ރައީސް
މި ދައުރު ނިމުމުގެ ކުރިން މަސްވެރިކަމުގެ ސިނާއަތަށް އިންގިލާބީ ބޮޑު ކުރިއެރުމެއް ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އިގުތިސާދީ ހަރަކާތް ކަމަށްވާ މަސްވެރިކަމުގެ ދާއިރާ ތަރައްގީކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ގިނަ މަޝްރޫއުތަކެއް ފަށާފައިވާ ކަމަށެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މަސްވެރިކަމުގެ ސިނާއަތް އޮތީ ވަރަށް ބޮޑަށް ހީނަރުވެ ފުން އަނދަވަޅަކަށް ވެއްޓިފައިކަން ފާހަގަކުރައްވައި، އެ ހާލަތުން ސިނާއަތް ސަލާމަތްކޮށް ކޮޅަށް ޖެހުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހުނު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
Ads by BMLވެރިކަމާ ހަވާލުވިއިރު މަސްވެރިންނަށް ނުދައްކާ ހުރި 250 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކައި ހަލާސްކޮށް، މިހާތަނަށް ޖުމްލަ 2.3 ބިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އޭގެ ތެރެއިން 1.3 ބިލިއަން ރުފިޔާއަކީ ރިޔާސީ ވައުދާއެއްގޮތަށް 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ދޫކޮށްފައިވާ ފައިސާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކުރުމަށްޓަކައި ކޯލްޑް ސްޓޯރޭޖު ފެސިލިޓީތަކާއި، އައިސް ޕްލާންޓުތަކުގެ އިތުރުން މަސް ޕްރޮސެސްކޮށް ބަންދުކުރާ ކާރުހާނާތައް އެޅުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ. މި ހުރިހާ މަޝްރޫއުތަކެއްވެސް މި ދައުރުގެ ތެރޭގައި ނިންމައި ހުޅުވުމުން މުޅި ސިނާއަތަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ދޯނިފަހަރުގައި ލޮނުފެނުން ގަނޑުފެން އުފައްދާ ނިޒާމު ނުވަތަ އާރްއެސްޑަބްލިއު ސިސްޓަމް ގާއިމުކުރުމަށް 37 މިލިއަން ރުފިޔާގެ ލޯނު ފެސިލިޓީއެއް ތައާރަފުކޮށްފައިވާއިރު، މިހާތަނަށް 40 ދޯންޏެއްގައި އެ ނިޒާމު ހަރުކުރުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.
އާރްއެސްޑަބްލިއު ނިޒާމުގެ ސަބަބުން އޮޑިވެރިންނާއި މަސްވެރިންނަށް ބޮޑެތި މާލީ ފައިދާތަކެއް ލިބެމުންދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައިވެސް މަސްވެރިންނަށް ސީދާ ފައިދާވާނެ ފަދަ ސިޔާސަތުތައް ތައާރަފުކޮށް ތަންފީޒުކުރުމަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ.
Ads by MACL
