ނިމިދިޔަ ސަރުކާރުގެ ބިލުތަކަށް 25.13 ބިލިއަން ރުފިޔާ ހޭދަކޮށްފިން: ރައީސް
މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، ނިމިދިޔަ ސަރުކާރުން އެކި ކުންފުނިތަކަށް ނުދައްކާ ހުރި ބިލުތައް ދައްކައި ޚަލާޞްކުރުމަށް މިހާތަނަށް 25.13 ބިލިއަން ރުފިޔާ ހޭދަކުރައްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރައްޔިތުންގެ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ކުރީގެ ސަރުކާރު ނިމުނުއިރު އަމިއްލަ ކުންފުނިތަކަށް ފައިސާ ނުދައްކާ ހުރި ގިނަ އަދަދެއްގެ ބިލުތަކެއް ހުރިކަން ފާހަގަކުރެވުނު ކަމަށެވެ. އަދި ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، އަމިއްލަ ވިޔަފާރިތަކަށް ދައްކަންޖެހޭ ފައިސާ ވީހާވެސް އަވަހަކަށް ދެއްކުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވި ކަމަށް ވިދާޅުވިއެވެ. މިގޮތުން 2024 އަދި 2025 ވަނަ އަހަރުގެ ތެރޭގައި އެކަނިވެސް 1.55 ބިލިއަން ރުފިޔާގެ ބިލުތައް އެކި ކުންފުނިތަކަށް ދައްކައި ނިންމާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
Ads by BMLޤައުމުގެ ދަރަންޏާއި އިޤްތިޞާދީ ހާލަތަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މި ބޮޑެތި ޕޭމަންޓްތައް ހެދުމަށްފަހުވެސް، 2028 ވަނަ އަހަރުގެ ބަޖެޓު އަންދާޒާކުރެވޭ ގޮތުގައި 2023 ވަނަ އަހަރު ސަރުކާރާ ހަވާލުވިއިރު ހުރި މިންވަރަށްވުރެ ވެސް ދަރަނީގެ ޑެފިސިޓް ކުޑަކުރެވިގެންދާނެ ކަމަށެވެ. އަދި 2029 ވަނަ އަހަރު 'ޑެބްޓް ޓު ޖީޑީޕީ' ރޭޝިއޯ %112.9 އަށް ކުޑަކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި، މިއީ ކޮވިޑް-19 ގެ ކުރިން ރާއްޖޭގެ އިޤްތިޞާދު އޮތް މިންވަރަށްވުރެ ވެސް ރަނގަޅު މިންވަރެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ދައުލަތުގެ ދަރަނި ދެއްކުމަށް މި އަހަރު ޚާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، ޑެބްޓް ޓު ޖީޑީޕީ ރޭޝިއޯ ކުޑަކުރެވުމުގެ ސަބަބުން ދިވެހި އިޤްތިޞާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
Ads by MACL
