ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ރަސްމާލޭގެ 800 ހެކްޓަރުގެ ބިން ހިއްކައި ނިންމައިފިން: ރައީސް

ރަސްމާލޭގެ 800 ހެކްޓަރުގެ ބިން ހިއްކައި ނިންމައިފިން: ރައީސް

ރާއްޖޭގައި މިހާތަނަށް ހިންގާ ބޯހިޔާވަހިކަމާއި އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ރަސްމާލެ މަޝްރޫއުގެ ދަށުން، 800 ހެކްޓަރުގެ ބިން ހިއްކައި ނިމިއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް 3 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިރޭބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ޖުމްލަ 1،150 ހެކްޓަރުގެ ބިން ހިއްކުމަށް އަމާޒުހިފައިގެން ކުރިއަށްގެންދާ މި ބިޔަ މަޝްރޫއުގެ ތެރެއިން 800 ހެކްޓަރުގެ ބިން ހިއްކާ ނިމުމާއެކު، މުޅި މަޝްރޫއުގެ ބިން ހިއްކުމުގެ ގާތްގަނޑަކަށް 70 އިންސައްތަ މަސައްކަތް މިވަނީ ފުރިހަމަވެފައި ކަމުގައެވެ.

ކ. ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ "ރަސްމާލެ" މަޝްރޫއުގެ އަމަލީ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒު އިފްތިތާހު ކޮށްދެއްވީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. ފެށުނުއިރު މަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު، ބިން ހިއްކުމުގެ ދުވެލި ހަލުވިކޮށްފައިވަނީ ދުނިޔޭގެ އެންމެ ބޮޑެތި ޑްރެޖަރުތައް ގެނެސްގެންނެވެ. އެގޮތުން އެމްއޭސީއެލްއާއި އެމްޓީސީސީގެ އިތުރުން ބޭރުގެ ބޮޑެތި ކުންފުނިތަކާ ހަވާލުކޮށްގެން މަސައްކަތް އަންނަނީ ކުރިއަށް ގެންދަމުންނެވެ.

މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ފެށި މި މަޝްރޫއުގެ ދަށުން 65،000 އަށްވުރެ ގިނަ ބޯހިޔާވަހިކަމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ. ތިމާވެއްޓާ ރައްޓެހި "އިކޯ ސިޓީ" އެއްގެ ގޮތުގައި ތަރައްގީކުރާ މި ރަށުގެ ބާކީ އޮތް ބައި ހިއްކައި ނިންމުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ހަލުވިކަމާއެކު ކުރިއަށެވެ.