ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އިހުތިރާމުގެ ގައުމީ މަޝްރޫއަށް މަލާމާތް ނުކުރުމަށް ރައީސް އިލްތިމާސް ކުރައްވައިފި

އިހުތިރާމުގެ ގައުމީ މަޝްރޫއަށް މަލާމާތް ނުކުރުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ސަރުކާރުން ފަށާފައިވާ އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއަކީ އާދައިގެ ކުޑަ ކަމެއްގެ ގޮތުގައި ދެކި އެކަމަށް މަލާމާތް ނުކުރުމަށާއި، އެއްވެސް މީހަކަށް ބޭއިހުތިރާމުކޮށް ބަސް ބުނުމަށް އެކަކުވެސް ފުރުސަތު ނުދިނުމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ އިލްތިމާސް ކުރައްވައިފިއެވެ.

ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިހުތިރާމު އަދާކުރުމުގެ މަޝްރޫއަކީ އަތްލެވޭ ތަރައްގީއާ އެއްވަރަށް ސީރިއަސްކަމާއެކު ދެކެންޖެހޭ ކަމެއް ކަމަށެވެ. އަދި އުމްރާނީ ތަރައްގީއާއި އިހުތިރާމު އަދާކުރުމުގެ މަސައްކަތް ހަމަހަމަކަމާއެކު ކުރިއަށް ގެންގޮސްފިނަމަ ގައުމުގެ މުސްތަގުބަލު ވަރަށް ބޮޑަށް އުޖާލާވެގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އިފްތިތާހުކުރި މި މަޝްރޫއަށް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން އަމާޒުކުރަމުންދާ ފާޑުކިޔުންތަކާއި މަލާމާތްތަކަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ، ސަރުކާރުން ކުރާ ކޮންމެ ކަމަކާ އިދިކޮޅު ހަދާ ބަޔަކު ރާއްޖޭގައި ނޫނީ ނޫޅޭނެ ކަމަށެވެ. އެހެންނަމަވެސް މި މަޝްރޫއަށް މަލާމާތް ކުރުމުންވެސް އެނގިގެންދަނީ މިކަމުގެ މުހިންމުކަން ބޮޑުކަން ކަމަށާއި، ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި އެއްބަޔަކު އަނެއްބަޔަކަށް އިހުތިރާމު ނުކުރުމުގެ ނަތީޖާ މިއަދު ފެންނަމުންދާ ކަމަށް ވިދާޅުވިއެވެ.

ކިތަންމެ ބޮޑެތި އިމާރާތްތަކެއް ބިނާކުރި ނަމަވެސް، އޭގެ ފުރިހަމަ މާނަ ނުކުންނާނީ ގައުމާއި ދީން ދެކެ ލޯބިވާ، މައިންބަފައިންނަށް ކަމޭހިތާ އަދި އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ޒުވާނުންތަކެއް ބިނާކުރެވިގެން ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ވަތަނީ ހިދުމަތުގެ ޕްރޮގްރާމަކީވެސް އެފަދަ އަގުހުރި ޖީލެއް ބިނާކުރުމުގެ މާތް މަގުސަދުގައި މި ސަރުކާރުން ފެށި ދެމެހެއްޓެނިވި މަސައްކަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހަތަރު ލައްކައެއްހާ މީހުންގެ ކުޑަ އާބާދީއެއް އޮތް މި ގައުމުގައި، ކޮންމެ ފަރުދަކުވެސް އިހުތިރާމު ކުރުމުގެ ސިފަ ދަމަހައްޓައިފިނަމަ ބޭއިހުތިރާމުގެ އަމަލުތައް ހިންގާނެ ބަޔަކު ނުތިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ބޭއިހުތިރާމުކޮށް ދައްކާ ވާހަކަތައް އަޑުނޭހުމަށާއި، ޓީވީއަކުން ނަމަވެސް އެފަދަ ވާހަކައެއް އަންނަނަމަ ޓީވީ ނިއްވާލުމަށްފަހު، އެފަދަ އަމަލުތައް ހުއްޓާލުމަށް ނަސޭހަތްތެރިވުމަށް ރައީސް ވަނީ އެންމެހައި ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.