ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

"އަޅުގަނޑުމެންނަކީ ކުޑަ ޤައުމެއް ނަމަވެސް، އިޚްލާޞްތެރިކަން މާބޮޑު": ރައީސް

ރައްޔިތުންގެ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޤައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވަނީ / ފޮޓޯ: ރައީސް އޮފީސް.
ރައްޔިތުންގެ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޤައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވަނީ / ފޮޓޯ: ރައީސް އޮފީސް.

ދިވެހިރާއްޖެއަކީ ބިމުގެ ގޮތުން ކުޑަ ޤައުމެއް ނަމަވެސް، ޤައުމާއި ރައްޔިތުންނަށްޓަކައި އޮތް އިޚްލާޞްތެރިކަމާއި ޤައުމީ ލޯބި މާބޮޑު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރައްޔިތުންގެ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވައި ދެއްކެވި އަސަރުގަދަ ވާހަކަފުޅުގައެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ޤައުމުގެ ކަރާމާތް ނެގެހެއްޓުމުގައި މި ސަރުކާރުން އަބަދުވެސް އިސްކުރާނީ ދިވެހި ރައްޔިތުންގެ އެންމެ މަތީ މަޞްލަޙަތު ކަމަށެވެ. އަދި ޤައުމުގެ ކުޑަބޮޑުމިނަށް ބެލުމެއްނެތި، ޙައްޤާއި އިންޞާފުގެ މަގުގައި ދިވެހިން ސާބިތުވެ ތިބޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންނަކީ ކުޑަ ޤައުމެއް ނަމަވެސް، އިޚްލާޞްތެރިކަން މާބޮޑު،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން، ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ސަރުކާރުން ނިންމި ކޮންމެ ނިންމުމެއްވެސް ނިންމާފައިވާނީ ޤައުމަށް އެންމެ ފައިދާހުރި ގޮތަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ކަމަށް ވިދާޅުވެ، ކުރިއަށް އޮތް ތަނުގައިވެސް ދިވެހިންގެ ފަޚުރާއި ޝަރަފު އުފުލުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.