ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

2028 ގެ މެދުތެރެއަށް ދާއިރު ހުރިހާ އެއާޕޯޓެއް ނިންމައި ހުޅުވާނަން: ރައީސް

2028 ގެ މެދުތެރެއަށް ދާއިރު ހުރިހާ އެއާޕޯޓެއް ނިންމައި ހުޅުވާނަން: ރައީސް

މި ސަރުކާރުން އަލަށް ސޮއިކޮށްފައިވާ އަދި ވެރިކަމާ ޙަވާލުވިއިރު މަސައްކަތް ފެށިފައިވާ ހުރިހާ އެއާޕޯޓެއްގެ މަސައްކަތް އެއްކޮށް ނިންމައި، 2028 ވަނަ އަހަރުގެ މެދުތެރެއަށް ދާއިރު އޮޕަރޭޓްކުރަން ފަށާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިރޭ ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ހިނގަމުންދާ ރިޔާސީ ދައުރު ނިމުމުގެ ކުރިން ތަރައްޤީކުރުމުގެ މަރުހަލާގައިވާ ހުރިހާ އެއާޕޯޓެއްގެ ޚިދުމަތް ރައްޔިތުންނަށް ލިބެން ފަށާނެ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި މި ހިނގާ އަހަރަކީ ލޯނުތައް ދެއްކުމުގެ އަހަރު ކަމުގައި ވީނަމަވެސް، ކުރިއަށް އޮތް އަހަރު ވެގެންދާނީ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ބާރު ސްޕީޑުގައި ނިންމައި ރައްޔިތުންނާ ޙަވާލުކުރާނެ އަހަރަށެވެ. އެގޮތުން، އެމްޓީސީސީއާއި އެމްއޭސީއެލްއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ އެއާޕޯޓްތަކުގެ މަސައްކަތްތައް ވެސް ހަލުވިމިނެއްގައި ކުރިއަށްދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަށްރަށުގެ ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރުމަށްޓަކައި އެމްޓީސީސީގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން، މިހާރު ބޭނުންކުރާ 'މަހާ ޖައްރާފު' އަށްވުރެ ތިން ގުނަ ބޮޑު ޑްރެޖަރަކަށް މިހާރު ފައިސާ ދައްކާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަންނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި އެ ޑްރެޖަރު ރާއްޖެ ގެނައުމުން ބިން ހިއްކުމުގެ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ބަނދަރުތަކާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުތަކަށް ބޭނުންވާ ބޮޑުހިލަ ލިބުމުގައި ހުރި ދަތިތައް ޙައްލުކުރުމަށްޓަކައި އެމްޓީސީސީއަށް ބޭރު ފައިސާ ހޯދުމުގެ މަގުފަހިކޮށްދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ބަލްކުކޮށް ހިލަ އެތެރެކުރަން ފަށާފައިވާތީ، ކުރިއަށް އޮތް ދެތިން މަސް ތެރޭގައި އެކަށީގެންވާ ސްޓޮކެއް ޤާއިމުކުރެވި އެ މަސައްކަތްތައް ވެސް ހަލުވިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު، އާރުޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމަކީ ވިސްނުންތެރިކަމާއެކު އެޅުނު ފިޔަވަޅެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އަންނަ އަހަރުގެ ތެރޭގައި އެއްފަހަރާ ގިނަ ރަށްތަކެއްގެ މަގުހެދުމުގެ މަސައްކަތްތައް ނިމި، ރައްޔިތުންނަށް އޭގެ ފައިދާ ފެންނަން ފަށާނެ ކަމަށެވެ.