އެއް މަޢުލޫމާތެއް ތަކުރާރުކޮށް ހުށަހަޅަން ނުޖެހޭ ގޮތަށް، އަންނަ އަހަރު ޑޭޓާ އެކްސްޗޭންޖު ސެންޓަރެއް ޤާއިމުކުރާނަން: ރައީސް
ދައުލަތުގެ އެކި އިދާރާތަކުން ޚިދުމަތް ހޯދުމުގައި ރައްޔިތުން އެއް މަޢުލޫމާތެއް ތަކުރާރުކޮށް ހުށަހަޅަން ނުޖެހޭ ގޮތަށް، ޒަމާނީ 'މޯލްޑިވްސް ޑޭޓާ އެކްސްޗޭންޖު ސެންޓަރެއް' އަންނަ އަހަރު ޤާއިމުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރައްޔިތުންގެ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ސަރުކާރުން ކުރިއަށްގެންދާ 'މޯލްޑިވްސް 2.0' ސިޔާސަތުގެ ދަށުން، އިދާރާތަކުގެ މެދުގައި މަޢުލޫމާތު ބަދަލުކުރުމުގެ ނިޒާމު ހަރުދަނާކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. މިގޮތުން، އަންނަ އަހަރު ޤާއިމުކުރެވޭ ޑޭޓާ އެކްސްޗޭންޖު ސެންޓަރުގެ ސަބަބުން، އެއް އިދާރާއަކަށް ހުށަހަޅާފައިވާ މަޢުލޫމާތެއް އަނެއް އިދާރާއަކަށް އަލުން ހުށަހަޅަންޖެހޭ ޖެހުން ނިމުމަކަށް އައިސް، ޚިދުމަތް ހޯދުމުގައި ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
Ads by BMLމީގެ އިތުރުން، މި ސެންޓަރު ޤާއިމުކުރެވުމާއެކު ދައުލަތުގެ ހިންގުމުގެ ޚަރަދު ކުޑަވެ، ރައްކާތެރިކަމާއެކު ޑޭޓާ ބެލެހެއްޓުމުގެ ޤާބިލުކަން އިތުރުވެގެންދާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
Ads by MACL
