ސްކޮލާޝިޕްގައި ކިޔަވައި ނިމި ގައުމަށް ޚިދުމަތްކުރަން ނާންނަނަމަ، ޚަރަދުކުރި ފައިސާ އަނބުރާ ހޯދާނެ: ރައީސް
ސަރުކާރުގެ ސްކޮލާޝިޕްތަކުގެ ދަށުން ރާއްޖެއިން ބޭރަށް ގޮސް ކިޔެވުން ފުރިހަމަކުރުމަށްފަހު، ގައުމަށް ޚިދުމަތް ކުރުމަށް އެނބުރި ނާންނަ ދަރިވަރުންގެ އަތުން ދައުލަތުން އެކަމަށް ކުރި ޚަރަދު އަނބުރާ ހޯދާ ގޮތަށް އުސޫލު ބަދަލުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ބޭއްވި ޚާއްޞަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މަތީ ތަޢުލީމު ހާސިލުކުރުމަށް ބޭރަށްދާ ދަރިވަރުން ކިޔަވައި ނިމިގެން އަމިއްލަ ގައުމަށް އެނބުރި ނައުމަކީ ނުހަނު ހިތާމަކުރައްވާ ކަމެއް ކަމަށެވެ. ޚާއްޞަކޮށް ދައުލަތުގެ ޚަރަދުގައި ސްކޮލާޝިޕް ލިބިގެން ކިޔަވާ ކުދިންނަކީ އެނބުރި ގައުމަށް އައިސް ޚިދުމަތް ކުރަންޖެހޭނެ ބައެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން މިހާރު އަމަލުކުރަމުންދާ އުސޫލަށް ބަދަލު ގެނެސްފައިވާކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، މަގުބޫލު އުޒުރެއް ނެތި، އުސޫލުގައި ކަނޑައަޅާފައިވާ ވަކި މުއްދަތެއްގެ ތެރޭގައި އެނބުރި ރާއްޖެ ނާންނަނަމަ، އެ ދަރިވަރަކަށް ދައުލަތުން ހޭދަކުރި ހުރިހާ ފައިސާއެއް އަނބުރާ ދައްކަންޖެހޭނެ ކަމަށެވެ. އަދި ސްކޮލާޝިޕްގައި ދާ ކުދިން އެނބުރި ނާންނަ ނަމަ ފިޔަވަޅު އެޅޭނެ ހަރުދަނާ ނިޒާމެއްވެސް ގާއިމުކުރަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
Ads by BMLމަތީ ތަޢުލީމުގެ ދާއިރާއަށް ސަރުކާރުން ކުރަމުންދާ ހޭދަތަކުގެ ތަފާސްހިސާބުތައް ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ، ހިލޭ ޑިގްރީ ޕްރޮގްރާމާއި ސްކޮލާޝިޕް އަދި ލޯނު ސްކީމް ހިމެނޭހެން މިހާތަނަށް 2.6 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ. އަދި ފާއިތުވި ތިން އަހަރުގެ ތެރޭގައި ޖުމްލަ 11،000 ދަރިވަރުންނަށް މަތީ ތަޢުލީމުގެ ފުރުޞަތު ސަރުކާރުން ފަހިކޮށްދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ސަރުކާރުގެ އެހީގައި މިހާރު އެކި ދާއިރާތަކުން ކިޔަވަމުންދާ ދަރިވަރުންގެ ތެރޭގައި އެންމެ ގިނައީ އެކައުންޓިންގ އަދި އޮޑިޓިންގ ދާއިރާއިން ކިޔަވާ 920 ދަރިވަރުންނެވެ. މީގެ އިތުރުން ޓީޗަރުކަން ކިޔަވާ 672 ދަރިވަރުންނާއި، ނަރުސްކަން ކިޔަވާ 634 ދަރިވަރުންނާއި، ޑޮކްޓަރުކަން ކިޔަވާ 502 ދަރިވަރުންގެ އިތުރުން އިންޖިނިއަރިންގ ދާއިރާއިން 451 ދަރިވަރުން، ތެރަޕީގެ ދާއިރާއިން 377 ދަރިވަރުން އަދި އެލައިޑް ހެލްތް ޕްރޮފެޝަންސްގެ އެކި ދާއިރާތަކުން 324 ދަރިވަރުން އަންނަނީ ތަޢުލީމު ހާސިލުކުރަމުންނެވެ.
މީގެ އިތުރުން، މި ސަރުކާރުގައި މަތީ ތަޢުލީމަށް ކިޔެވުމަށް ލޯނުގެ ފުރުޞަތަށް އެދި ކުރިމަތިލާ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ކޮންމެ ދަރިވަރަކަށްވެސް އެ ފުރުޞަތު ފަހިކޮށްދެމުންދާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފާހަގަކުރެއްވިއެވެ.
Ads by MACL
