ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ސިންގަޕޫރުގައި ވޭޕް ބޭނުންކުރުން މަސްތުވާތަކެތި ބޭނުންކުރުން ފަދަ ކުށަކަށް ހަދަނީ

ސިންގަޕޫރުގައި ވޭޕް ބޭނުންކުރުން މަސްތުވާތަކެތި ބޭނުންކުރުން ފަދަ ކުށަކަށް ހަދަނީ

ސިންގަޕޫރުގައި ވޭޕް ބޭނުންކުރުމަކީ މަސްތުވާތަކެތި ބޭނުންކުރުން ފަދަ ބޮޑު ކުށަކަށް ހަދަން ނިންމައިފިއެވެ.

ސިންގަޕޫރުގެ ބޮޑުވަޒީރު، ލައުރެންސް ވޮންގް، ވޭޕް ބޭނުންކުރުމާ ދެކޮޅަށް ވަރަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާނެކަން އިޢުލާން ކުރައްވާފައިވާއިރު، އެމަނިކުފާނު ވިދާޅުވީ، ވޭޕް ބޭނުންކުރުމަކީ މިހާރުން ފެށިގެން މަސްތުވާތަކެތި ބޭނުންކުރުން ފަދަ ސީރިއަސް ކުށެއްގެ ގޮތުގައި ބަލައި، އެކަމަށް ދޭ އަދަބުތައް ހަރުކަށި ކުރާނެ ކަމަށެވެ. މި ނިންމުން އައީ، ޒުވާނުންގެ މެދުގައި ވޭޕްކުރުން އާންމުވެ، އޭގައި ޞިއްޙަތަށް ނުރައްކާތެރި، ދެވި ހިފާ މާއްދާތައް ބޭނުންކުރާކަން ފާހަގަވެފައިވާ ދަނޑިވަޅެއްގައެވެ.


ޤައުމީ ދުވަހުގެ ޚިޠާބުގައި ވާހަކަ ދައްކަވަމުން ބޮޑުވަޒީރު ވޮންގް ފާހަގަކުރެއްވި ގޮތުގައި، ކޮންމެ ޖީލެއްގައި ވެސް ޒުވާނުންނަށް ނޭދެވޭ އަސަރު ފޯރުވަފާނެ އައު ނުރައްކާތަކެއް އުފެދެއެވެ. މިފަހަރު އެފަދަ ނުރައްކަލަކަށް ވެފައިވަނީ ވޭޕް ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ. ސިންގަޕޫރުގައި 2018 ވަނަ އަހަރުން ފެށިގެން ވޭޕް މަނާކޮށްފައި ވީ ނަމަވެސް، ޤަވާއިދާ ޚިލާފަށް އެތެރެކޮށް، ވޭޕް ބޭނުންކުރުން އިތުރުވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.


އެންމެ ބޮޑު ކަންބޮޑުވުމަކީ ވޭޕް ކުރުމަށް ބޭނުންކުރާ ދިޔާތަކެތި (ލިކުއިޑް) ގައި އެކުލެވޭ މާއްދާތައް ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މިފަދަ ގިނަ ވޭޕްތަކުގައި އެޓޮމިޑޭޓް (etomidate) ފަދަ ދެވި ހިފާ އަދި ޞިއްޙަތަށް ނުރައްކާތެރި މާއްދާތައް ހިމަނާފައި ހުންނަ ކަމަށެވެ. "ވޭޕް އޭގެ ޒާތުގައި އެއީ ހަމައެކަނި އާލާތެއް. އަސްލު ނުރައްކަލަކީ އޭގެ ތެރޭގައި ހުންނަ އެއްޗެހި،" ވޮންގް ވިދާޅުވިއެވެ. މުސްތަޤްބަލުގައި އެއަށްވުރެ މާ ނުރައްކާތެރި މާއްދާތައް ވެސް ބޭނުންކޮށްފާނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.


މިހާތަނަށް ވޭޕް ގެންގުޅުން، ބޭނުންކުރުން ނުވަތަ ގަތުމުގެ އަދަބަކީ 2،000 ސިންގަޕޫރު ޑޮލަރާ ހަމައަށް ޖޫރިމަނާ ކުރުމެވެ. ނަމަވެސް ބޮޑުވަޒީރު ވިދާޅުވީ، ހަމައެކަނި ޖޫރިމަނާ ކުރުން މިހާރު އެކަށީގެން ނުވާ ކަމަށާއި، މީގެ ފަހުން ވޭޕްގެ މައްސަލަތައް ޑްރަގްގެ މައްސަލައެއްގެ ގޮތުގައި ބަލައި، ޖަލު ޙުކުމް ފަދަ ހަރުކަށި އަދަބުތައް ދޭނެ ކަމަށެވެ. ޚާއްޞަކޮށް، ވޭޕް ވިއްކާ ފަރާތްތަކަށް މާ ބޮޑެތި އަދަބުތައް އަމާޒުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.


މިކަމާ ދެކޮޅަށް ކުރާ މަސައްކަތަކީ ހަމައެކަނި އަދަބު ދިނުން ނޫން ކަމަށް ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ. ވޭޕަށް ދެވި ހިފާފައިވާ ޒުވާނުންނަށް އެކަމުން އަރައިގަތުމަށްޓަކައި އެހީތެރިކަމާއި ރީހެބިލިޓޭޝަންގެ ފުރުޞަތު ފަހިކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވޭޕްގެ ނުރައްކާތެރިކަމާ މެދު ޢާންމުން، ޚާއްޞަކޮށް ސްކޫލްތަކާއި ޤައުމީ ޚިދުމަތުގައި ތިބި ޒުވާނުން ހޭލުންތެރިކުރުމަށް ޤައުމީ ފެންވަރުގެ ބޮޑު ކެމްޕޭނެއް ފަށާނެ ކަމަށްވެސް އޭނާ އިޢުލާން ކުރެއްވިއެވެ. މި މަސައްކަތް ސިންގަޕޫރުގެ ދާޚިލީ ވުޒާރާ އާއި ޞިއްޙީ ވުޒާރާއިން އިސްވެ ހިންގި ނަމަވެސް، މިއީ މުޅި ސަރުކާރު ޝާމިލުވާ ވަރުގަދަ ޤައުމީ މަސައްކަތެއް ކަމަށް ވޮންގް ވިދާޅުވިއެވެ.