ބެއިޖިންގެ ރޮބޮޓް ގޭމްސް: ޓެކްނޮލޮޖީގެ ކުރިއެރުމާއެކުވެސް އިންސާނުންގެ އެހީތެރިކަން މުހިންމު!
ޗައިނާގެ ބެއިޖިންގައި އެނެމްފަހުން ބޭއްވި "ވޯލްޑް ހިއުމަނޮއިޑް ރޮބޮޓް ގޭމްސް" ގައި ރޮބޮޓްތަކުން އެތައް ކުޅިވަރެއްގައި ވާދަކޮށް، އެ ތަކެތީގެ ގާބިލްކަން ދައްކާލާފައިވާއިރު، މި ހަރަކާތުން ހާމަވެގެންދިޔައީ މި ޓެކްނޮލޮޖީއަށް ކުރިއެރުންތަކެއް ލިބެމުން ދިޔަ ނަމަވެސް، އިންސާނުންގެ އެހީތެރިކަމާ ނުލައި އަދިވެސް އެތަކެއްޗަށް މަސައްކަތް ނުކުރެވޭކަމެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ދިޔަ މި ގޭމްސްއަކީ މިފަދަ ފުރަތަމަ ބައިނަލްއަގްވާމީ ހަރަކާތެވެ. މި ގޭމްސްގައި އެމެރިކާ، ޖަރުމަނު، އަދި ޖަޕާން ހިމެނޭހެން 16 ގައުމަކުން 500 އަށް ވުރެ ގިނަ ރޮބޮޓް ބައިވެރިކުރިއެވެ. މި ހަރަކާތް ބާއްވާފައިވަނީ 2022 ވަނަ އަހަރުގެ ވިންޓަރ އޮލިމްޕިކްސްއަށް ހާއްސަކޮށްގެން ބިނާކުރި ބެއިޖިންގގެ ނޭޝަނަލް ސްޕީޑް ސްކޭޓިންގް އޯވަލްގައެވެ.
މި މުބާރާތުގައި ރޮބޮޓްތައް ދުވުމާއި، ބޮކްސިން އަދި ފުޓްބޯޅަ ފަދަ ކުޅިވަރުތަކުގައި ވާދަކުރިތަން ފެނިގެން ދިޔައެވެ. ރޮބޮޓްތަކުން ދެއްކި ހުނަރުވެރި ކުޅުމުގެ ސަބަބުން، ހާޒިރުވި މީހުން ވަރަށް ބޮޑަށް އަތްތިލަބަޑި ޖަހައި ހިތްވަރު ދިނެވެ.
Ads by BMLނަމަވެސް، މުބާރާތުގެ ތެރެއިން ގިނަ ރޮބޮޓްތައް ވެއްޓި، އެކި އެކްސިޑެންޓްތައް ހިނގާފައިވެއެވެ. މިފަދަ ކޮންމެ ފަހަރަކު އެތަކެތި ނަގައި ހަމައަކަށް އެޅުވުމަށް އިންސާނުންނަށް ވަންނަން ޖެހުނެވެ. އަނިޔާވި ކުޅުންތެރިއެއް ފަދައިން ބައެއް ރޮބޮޓްތައް ދެމީހުންވެގެން އުފުލައިގެން ދަނޑުން ބޭރަށް ގެންދިޔަ މަންޒަރުވެސް ފެނުނެވެ. މީގެ އިތުރުން، ޓެކްނީޝަނުން އަބަދުވެސް ރޮބޮޓްތަކުގެ ބެޓެރި ބަދަލުކުރުމާއި، މަރާމާތު ކުރުމުގައި ހަރަކާތްތެރިވަމުން ދިޔައެވެ.
މި ގޭމްސްއަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްފައިވާ ރޮބޮޓްތައް ތަރައްގީކުރުމަށް ޗައިނާއިން ކުރާ މަސައްކަތުގެ މުހިންމު ބައެކެވެ.
މި ހަރަކާތުން ރޮބޮޓިކްސްގެ ދާއިރާއިން ލިބިފައިވާ ކުރިއެރުންތައް ފެނިގެން ދިޔަ ނަމަވެސް، މި ޓެކްނޮލޮޖީ އަދިވެސް އިންސާނުންގެ އެހީތެރިކަމަށް ބަރޯސާވާ މިންވަރު ވަނީ ވަރަށް ބޮޑަށް ހާމަވެފައެވެ.
Ads by MACL
