ގުދުސްގައި ޔަހޫދިން އިތުރަށް އާބާދުކުރުމުގެ ޕްލޭނާ ގުޅޭގޮތުން އ.ދ. އިން އިންޒާރު ދީފި
އިޒްރޭލުން ވެސްޓް ބޭންކްގައި 3,000 އަށް ވުރެ ގިނަ ހައުސިންގ ޔުނިޓް އެޅުމަށް ހުއްދަ ދިނުމަކީ ފަލަސްތީނުގެ ރައްޔިތުންނަށް "ބޮޑު އިންސާނީ ކާރިސާއެއް" ކުރިމަތިކުރުވާނެ ކަމެއް ކަމަށް ބުނެ އދ. އިން އިންޒާރު ދީފިއެވެ.
އ.ދ. ގެ އިންސާނީ އެހީތެރިކަން ދިނުމާބެހޭ ކަންތައްތައް ހިންގާ އޮފީސް (އޯޗާ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މަޝްރޫޢުގެ ސަބަބުން ވެސްޓް ބޭންކްގެ އުތުރާއި މެދުތެރެ ދެކުނާ ވަކިވެ، ފަލަސްތީނުގެ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމާއި އެހީތެރިކަން ހޯދުމަށް ހުރަސްތަކެއް ކުރިމަތިވާނެ ކަމަށެވެ. އޯޗާ އިން އިތުރަށް އިންޒާރު ދީފައިވަނީ، މި ޕްލޭނުގެ ސަބަބުން "އެ ސަރަހައްދުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންނަށް، އަދި ހަމައެހެންމެ ހިފާފައިވާ ފަލަސްތީނުގެ އެހެން ސަރަހައްދުތަކަށް ވެސް ބޮޑު އިންސާނީ ކާރިސާއެއް" ކުރިމަތިވާނެ ކަމަށެވެ.
އިޒްރޭލުން ސެޓްލްމަންޓް ފުޅާކުރުމުގެ ތެރޭގައި، ޤުދުސް-ޖެރިކޯ މައި މަގުން ފަލަސްތީނުގެ ދަތުރުފަތުރު ވަކިކުރުމަށް ބައިޕާސް މަގެއް އެޅުން ވެސް ހިމެނެއެވެ. އޯޗާ އިން ފާހަގަކޮށްފައިވާ ގޮތުގައި، "މިފަދަ މަގުތަކުގެ ސަބަބުން ސަރަހައްދީ ގުޅުން ކެނޑި، ދަތުރުކުރާ ވަގުތު އިތުރުވެ، ރައްޔިތުންގެ ދިރިއުޅުމާއި ޚިދުމަތްތައް ހޯދުމަށް ނޭދެވޭ އަސަރުތަކެއް ކުރެއެވެ."
Ads by BMLއ.ދ. އިން އިތުރަށް އިންޒާރު ދީފައިވަނީ، އިޒްރޭލުން އީ1 ސަރަހައްދު ވަކިކުރުމުގެ ފާރެއް ލައިގެން ވަށާލުމަށް ކުރިން ރާވާފައިވާ ޕްލޭނާ ގުޅޭގޮތުންނެވެ. "މިކަމުގެ ސަބަބުން ދަތުރުފަތުރު ކުރުމާއި ސަރަހައްދުތަކަށް ވަނުމަށް ހުރި ހުރަސްތައް އިތުރަށް ބޮޑުވެ، 2004 ވަނަ އަހަރު ބައިނަލްއަޤްވާމީ ޢަދުލުގެ ކޯޓުން ދީފައިވާ ލަފާދޭ ރައުޔާ ޚިލާފުވާނެ" ކަމަށް އެ ބަޔާނުގައިވެއެވެ. އެ ރައުޔުގައި ބުނެފައިވަނީ، ހިފާފައިވާ ފަލަސްތީނުގެ ސަރަހައްދުގައި މިހާރު ވެސް ހަދާފައިވާ ފާރުގެ ހުރިހާ ބަޔަކީ ވެސް ނައްތާލަން ޖެހޭ ބައިތައް ކަމަށެވެ.
އިޒްރޭލުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، މިދިޔަ ހަފްތާގައި ފިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗް ވަނީ ޤުދުސްގެ އިރުމަތީގައިވާ މާލޭ އަދުއްމީގައި 3,401 ސެޓްލްމަންޓް ޔުނިޓް އަދި އެ ސަރަހައްދު ވަށައިގެންވާ ސަރަހައްދުތަކުގައި 3,515 ޔުނިޓް އެޅުމަށް ހުއްދަ ދީފައެވެ. މި މަޝްރޫޢުގެ މަޤްސަދަކީ ވެސްޓް ބޭންކް ދެ ބަޔަށް ބަހާލައި، އުތުރާއި ދެކުނުގެ ރަށްތަކާ ދެމެދު އޮންނަ ގުޅުން ކަނޑާލައި، އިރުމަތީ ޤުދުސް އެކަހެރިކުރުމެވެ.
ފަލަސްތީނުގެ ޚާރިޖީ ވުޒާރާއިން މިކަން ކުށްވެރިކޮށްފައިވަނީ، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ "ގްރޭޓަރ އިޒްރޭލް" ގެ ތަސައްވުރުގެ ބައެއްގެ ގޮތުގައެވެ. އަދި މިކަމުގެ ސަބަބުން ހިފާފައިވާ ސަރަހައްދުތަކުގެ ހާލަތު އިތުރަށް ގޯސްވެ، ފަލަސްތީނުގެ ދައުލަތެއް އުފެއްދުމުގެ ފުރުސަތު ނެތިގެންދާނެ ކަމަށް އިންޒާރު ދީފައިވެއެވެ.
ބައިނަލްއަޤްވާމީ މުޖުތަމަޢުން، އ.ދ. ވެސް ހިމެނޭ ގޮތަށް، އިޒްރޭލުގެ ސެޓްލްމަންޓްތަކަކީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު ކަންކަން ކަމަށް ދެކެއެވެ.
މިދިޔަ ޖުލައި މަހު ބައިނަލްއަޤްވާމީ ޢަދުލުގެ ކޯޓުން ދިން ލަފާދޭ ރައުޔެއްގައި، އިޒްރޭލުން ފަލަސްތީނުގެ ސަރަހައްދު ހިފާފައިވާ ކަމަކީ ޤާނޫނާ ޚިލާފު ކަމެއް ކަމަށް ކަނޑައަޅައި، ވެސްޓް ބޭންކާއި އިރުމަތީ ޤުދުސްގައި ހުރި ހުރިހާ ސެޓްލްމަންޓްތަކެއް ވީހާވެސް އަވަހަށް ހުސްކުރުމަށް ގޮވާލާފައިވެއެވެ.
Ads by MACL
