ރަޝިއާއިން ޔޫރަޕަށް ގޭސްފޯރުކޮށްދޭ ހޮޅިތަކަށް ގެއްލުންދިން ޔޫކްރެއިން މީހަކު އިޓަލީން ހައްޔަރުކޮށްފި
ރަޝިޔާއިން ޔޫރަޕަށް ގޭސް ފޯރުކޮށްދޭ ނޯޑް ސްޓްރީމް ހޮޅިތަކަށް 2022 ވަނަ އަހަރު ދިން ހަމަލާތައް ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތުކުރެވޭ ޔޫކްރެއިންގެ މީހަކު އިޓަލީން ހައްޔަރުކޮށްފައިވާ ކަމަށް ޖަރމަނީގެ ޕްރޮސެކިއުޓަރ ޖެނެރަލް ބުރާސްފަތި ދުވަހު ހާމަކުރައްވައިފިއެވެ. މި ހައްޔަރަކީ، ދެ އަހަރު ވަންދެން ހައްލެއް ނުލިބިވާ މި މައްސަލައިގެ ތަޙްޤީޤަށް ލިބުނު މުހިންމު ކުރިއެރުމެކެވެ.
ޖަރމަނީގެ ޕްރޮސެކިއުޓަރުންގެ އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން، ޖަރމަނީގެ ޤާނޫނުތަކުގެ ދަށުން "ސަރްހީ ކ." ގެ ނަމުން ފާހަގަކޮށްފައިވާ މި މީހާ ހައްޔަރުކޮށްފައިވަނީ، ޖަރމަނީން ނެރެފައިވާ ޔޫރަޕިއަން ހައްޔަރުކުރުމުގެ އަމުރެއްގެ ދަށުން އިޓަލީގެ ކަރަބިނިއޭރީ ފުލުހުންނެވެ. އޭނާ ހައްޔަރުކުރީ އިޓަލީގެ އެޑްރިއޭޓިކް ކޯސްޓުގައި އޮންނަ ރިމިނީ ޕްރޮވިންސުންނެވެ.
ތުހުމަތުކުރެވޭ ގޮތުގައި، ސަރްހީ ކ. އަކީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ޑެންމާކުގެ ބޯންހޯމް ރަށު ކައިރިން ދެމިފައިވާ ނޯޑް ސްޓްރީމް ހޮޅިތަކުގައި ގޮވާއެއްޗެހިތައް ހަރުކުރި ގްރޫޕުގެ މެންބަރެކެވެ. މިކަމަށްޓަކައި، އޭނާއާއި އޭނާގެ ބައިވެރިން ޖަރމަނީގެ ރޮސްޓޮކް އިން ސެއިލިންގް ޔޮޓެއް ކުއްޔަށް ހިފާފައިވާއިރު، އެ ޔޮޓް ހޯދާފައިވަނީ މެދުވެރިންތަކެއް ބޭނުންކޮށްގެންނެވެ.
Ads by BMLސަރްހީ ކ. ގެ މައްޗަށް ގޮއްވާލުމަށް ރޭވުމާއި، ޤާނޫނުއަސާސީއާ ޚިލާފަށް ގެއްލުންދެނިވި ހަރަކާތް ހިންގުމާއި، އިމާރާތްތަކަށް ގެއްލުން ދިނުމުގެ ދައުވާ އުފުލާފައިވެއެވެ. އިޓަލީން ޖަރމަނީއަށް ބަދަލުކުރުމަށްފަހު، އޭނާ އެ ޤައުމުގެ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރާނެ ކަމަށް ޕްރޮސެކިއުޓަރުންގެ ބަޔާނުގައިވެއެވެ.
ނޯޑް ސްޓްރީމް ހޮޅިތަކަށް ދިން މި ހަމަލާތަކަކީ، ރަޝިޔާއިންނާއި ހުޅަނގުގެ ޤައުމުތަކުންވެސް ފަނާކުރަނިވި ޢަމަލެއްގެ ގޮތުގައި ސިފަކުރާ ހަމަލާތަކެކެވެ. މި ހަމަލާގެ ޒިންމާ އަދިވެސް އެއްވެސް ފަރާތަކުން އުފުލާފައެއް ނުވާއިރު، މި ހާދިސާއިން ވަނީ ޔޫކްރެއިން ހަނގުރާމަ އިތުރަށް ގޯސްވެ، ޔޫރަޕަށް ހަކަތައިގެ ބޮޑު ކާރިސާއެއް ކުރިމަތިކުރުވާފައެވެ.
Ads by MACL
