ސަރުކާރުގެ ފައިސާއިން އަމިއްލަ ދަތުރެއް ކުރެއްވި މައްސަލައިގައި ރަނިލް ހައްޔަރުކޮށްފި
ސްރީ ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަ، ދައުލަތުގެ ބަޖެޓުން ފައިސާ ނަންގަވައިގެން އަމިއްލަފުޅު ބޭނުމަކަށް ކުރެއްވި ދަތުރެއްގެ ތުހުމަތުގައި މިއަދު ހައްޔަރުކޮށްފި އެވެ.
ރަނިލްގެ މައްޗަށް ކުރެވިފައިވާ ތުހުމަތަކީ، އިނގިރޭސިވިލާތުގެ ޔުނިވާސިޓީއެއްގެ ދަސްވެނިވުމުގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަތުމަށް ލަންޑަނަށް ކުރެއްވި ދަތުރުފުޅެއްގެ ހަރަދުތައް ދައުލަތުގެ ފައިސާއިން ކުރެއްވުމެވެ. ތަހުގީގުކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އެއީ ރަސްމީ އެއްވެސް ބޭނުމެއް ނެތް ދަތުރެއް ކަމުން، އެއީ ދައުލަތުގެ މާލިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށްވެއެވެ.
ލަންކާގެ ނޫސްތަކާ ހަވާލާދީ، އޭނާ ހައްޔަރުކޮށްފައި ވަނީ ކޮލަމްބޯގައި ހުންނަ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) އަށް އަމިއްލައަށް ހާޒިރުވެވަޑައިގަތުމުންނެވެ. މި މައްސަލައާ ގުޅިގެން، އެ ދަތުރުފުޅު އިންތިޒާމުކުރުމުގައި ހަރަކާތްތެރިވި ކުރީގެ ޕްރެޒިޑެންޝަލް ސެކްރެޓަރީ ސަމަން އެކަނަޔަކަ އާއި ކުރީގެ ޕްރައިވެޓް ސެކްރެޓަރީ ސަންޑްރާ ޕެރޭރާ އާ ވެސް މި މަހުގެ ކުރީކޮޅު ސީއައިޑީން ވަނީ ސުވާލުކޮށްފައެވެ.
Ads by BMLރަނިލް ވިކްރަމަސިންހަ ވަނީ 2022 އިން 2024 ވަނަ އަހަރާ ހަމައަށް ސްރީ ލަންކާގެ ރައީސްކަން ކުރައްވާފައެވެ. އޭނާ ވެވަޑައިގަންނަވާނީ މި ފަހަކަށް އައިސް ސްރީ ލަންކާގައި ހައްޔަރުކުރެވުނު އެންމެ ނުފޫޒުގަދަ ސިޔާސީ ޝަހުސިއްޔަތަށެވެ.
Ads by MACL
