ޤައުމު ސަލާމަތްކުރި ރައީސް ޚިޔާނާތުގެ ތުހުމަތުގައި ބިޑި އަޅުވައިގެން ޖަލަށް!
ސްރީލަންކާގެ އިޤްތިޞާދު އެންމެ ހީނަރުވި ދަނޑިވަޅުގައި ވެރިކަމާ ހަވާލުވެ، ޤައުމު ހަމަޔަކަށް އަޅުވައި ސަލާމަތްކޮށްދިން ކަމަކަށް ގިނަ ބަޔަކު ސިފަކުރާ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަ، ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ދެއަތްޕުޅުގައި ބިޑިއަޅުވައިގެން ޖަލަށްލައިފިއެވެ.
ކޮލޮމްބޯ ފޯޓް މެޖިސްޓްރޭޓް ކޯޓުން ވަނީ ހުކުރު ދުވަހު އޭނާ ހައްޔަރުކުރުމަށްފަހު، އަންނަ އޯގަސްޓް މަހުގެ 26 ވަނަ ދުވަހާ ހަމައަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
އުމުރުފުޅުން 76 އަހަރުގެ ވިކްރަމަސިންހަގެ މައްޗަށް ކުރެވޭ މައިގަނޑު ތުހުމަތަކީ، 2023 ވަނަ އަހަރު ކިއުބާގައި އޮތް ޖީ77 ސަމިޓަށްފަހު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރަކަށް ދައުލަތުގެ ބަޖެޓުން 16.6 މިލިއަން ސްރީލަންކަން ރުޕީސް (ގާތްގަނޑަކަށް 56،000 އެމެރިކާ ޑޮލަރު) ނަހަމަ ގޮތުގައި ޚަރަދުކުރެއްވި ކަމުގެ ތުހުމަތެވެ. ސީއައިޑީން ބުނާ ގޮތުގައި، އޭނާ އާއި އަނބިކަނބަލުން ޔުނިވަރސިޓީއެއްގެ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަތް މި ދަތުރަކީ ރަސްމީ ދަތުރެއް ނޫން، އަމިއްލަ ދަތުރެކެވެ.
Ads by BMLވިކްރަމަސިންހަ ވަނީ މި ތުހުމަތުތަކަށް އިންކާރު ކުރައްވާފައެވެ. އޭނާގެ ޕާޓީ، ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އިން ބުނަނީ މިއީ ސިޔާސީ ބަދަލުހިފުމެއް ކަމަށެވެ. ކޯޓު ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޔޫއެންޕީގެ އިސް މެންބަރެއް ކަމަށްވާ ނިޝާންތަ ސްރީ ވަރްނަސިންހަ ވިދާޅުވީ، "އިޤްތިޞާދު ފުނޑުފުނޑުވެގެން ދިޔައިރު، ޤައުމު ސަލާމަތް ކުރުމުގެ ޒިންމާ ނެންގެވި ބޭފުޅަކީ ރަނިލް. މިއަދު މި ސަރުކާރުން އޭނާއާ މެދު އަމަލުކުރަނީ ވަރަށް ދަށު ދަރަޖައަކަށް،" ކަމަށެވެ.
ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ވިކްރަމަސިންހަ އަކީ ސްރީލަންކާގެ ބޮޑުވަޒީރުކަން ރެކޯޑު އަދަދަކަށް، ހަ ފަހަރު ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ރައީސްކަމުގެ ހުވާ ކުރެއްވީ 2022 ވަނަ އަހަރު، އިޤްތިޞާދީ ހީނަރުކަމާ ގުޅިގެން ރައްޔިތުން ކުރި ބޮޑެތި މުޒާހަރާތަކަށްފަހު، އޭރުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސާ ޤައުމު ދޫކޮށް ވަޑައިގަތުމުންނެވެ. ނަމަވެސް، އިޤްތިޞާދީ ހާލަތު ރަނގަޅުވުމަށްފަހު ބޭއްވި ރިޔާސީ އިންތިޚާބުގައި އޭނާއަށް ލިބިވަޑައިގަތީ ތިންވަނައެވެ.
ޚަބަރު ލިބޭ ގޮތުގައި، ހުކުރު ދުވަހު ހައްޔަރުކުރުމަށްފަހު ވެލިކަޑަ ޖަލަށް ގެންދިއުމާއެކު، އޭނާގެ ސިއްޙީ ހާލުކޮޅު ބެލުމަށްފަހު ވަނީ ޖަލު ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.
Ads by MACL
