ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އިޒްރޭލުގެ ހަމަލާތަކާއި ބަނޑުހައިހޫނުކަމުގައި ޣައްޒާއިން އިތުރު 45 މީހުން ޝަހީދުވެއްޖެ

އިޒްރޭލުގެ ހަމަލާތަކާއި ބަނޑުހައިހޫނުކަމުގައި ޣައްޒާއިން އިތުރު 45 މީހުން ޝަހީދުވެއްޖެ

އިޒްރޭލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކާއި، އިންސާނީ އެހީއަށް ހުރަސް އެޅުމުގެ ސަބަބުން އުފެދިފައިވާ ބަނޑުހައި ހޫނުކަމުގެ ކާރިސާގައި، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މަދުވެގެން ޕަލަސްތީނުގެ 45 މީހުން ޝަހީދުވެފައިވާ ކަމަށް ޞިއްޙީ އިދާރާތަކުން ބުނެފިއެވެ. ޝަހީދުވި މީހުންގެ ތެރޭގައި އެހީ ހޯދަން މަސައްކަތް ކުރަމުން ދިޔަ މީހުންނާއި، ގެދޮރު ގެއްލިގެން މަގުތަކުގައި ދިރިއުޅެމުން ދިޔަ ކުޑަކުދިން ހިމެނެއެވެ.

ޚާން ޔޫނިސްގެ ހުޅަނގު އުތުރުގައި، ރެފިއުޖީންގެ ގޮތުގައި ހިޖުރަކޮށްފައިވާ އާއިލާތަކުން ހިޔާވަހިކަން ހޯދަމުން ދިޔަ ޓެންޓްތަކަށް އިޒްރޭލުން ދިން ހަމަލާތަކެއްގައި ހޮނިހިރު ދުވަހު ވަނީ 6 ކުޑަކުދިންނާއެކު ޖުމްލަ 16 މީހުން ޝަހީދުވެފައެވެ. މީގެ އިތުރުން، ޣައްޒާގެ މެދުތެރޭގައިވާ މަޣާޒީ ރެފިއުޖީ ކޭމްޕުގައި ހުރި ގެއަކަށް ޑްރޯން ހަމަލާއެއް ދިނުމުގެ ސަބަބުން ދެ މީހަކު ޝަހީދުވެފައިވެއެވެ.

އިންސާނީ އެހީއަށް ބޭނުންވެފައިވާ މީހުންނަށް އަމާޒުކޮށް ހަމަލާ ދިނުންވެސް އިޒްރޭލުން ދަނީ ކުރިއަށް ގެންދަމުންނެވެ. ޚާން ޔޫނިސްގެ އިރު ދެކުނުގައި، އެހީދޭ މަރުކަޒެއް ކައިރީގައި އެހީއަށް އިންތިޒާރު ކުރަމުން ދިޔަ މީހަކާއި، ނެޓްޒަރިމް ކޮރިޑޯ ކައިރިން އެހީ ހޯދަމުން ދިޔަ އެހެން މީހަކު ވަނީ އިޒްރޭލުގެ ސިފައިން ބަޑި ޖަހައި ޝަހީދުކޮށްލާފައެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިޒްރޭލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް ޕަލަސްތީނުގެ 62،600 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވެއެވެ.