ގުދުސް ދެބައިކޮށްލައި އިސްރާއީލުން ޔަހޫދީ އާބާދީއެއް ގާއިމްކުރަނީ
ފަލަސްތީނުގެ ދައުލަތެއް ޤާއިމުކުރުމަށް އެ ޤައުމުން ބޭނުންވާ ބިން އަލް ޤުދުސްގެ މެދުން ހުރަސްކޮށް، ޔަހޫދީ އާބާދީއެއް ޤާއިމުކުރުމުގެ ޕްލޭނަކަށް އިސްރާއީލުގެ ކެބިނެޓުން ހުއްދަ ދީފިއެވެ.
ބައިނަލްއަޤްވާމީ ގޮތުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި މި ޕްލޭނަށް ހުއްދަ ދިންކަން އިސްރާއީލުގެ ފިނޭންސް މިނިސްޓަރ ބެޒަލީލް ސްމޮޓްރިޗް ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ވަނީ ހާމަކުރައްވާފައެވެ.
"އީ1" ގެ ނަން ދީފައިވާ މި މަޝްރޫއަކީ އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރި ދެބައިކޮށް، އިރުމަތީ ގުދުސް އެ ސަރަހައްދުން ވަކިކޮށްލާނެ މަޝްރޫއެކެވެ. ސްމޮޓްރިޗް ބުނި ގޮތުގައި، އިސްރާއީލްގެ މިނިސްޓްރީ އޮފް ޑިފެންސްގެ ޕްލޭނިންގ ކޮމިޝަނުން މިކަމަށް އެންމެފަހުގެ ހުއްދަ ދިނީ ބުދަ ދުވަހުއެވެ.
"އީ1 އާއެކު، އަހަރުތަކެއް ވަންދެން ވެފައިވާ ވައުދުތައް އަޅުގަނޑުމެން މިތިބަ ފުއްދަނީ، ފަލަސްތީނުގެ ދައުލަތެއްގެ ވާހަކަ މޭޒުމަތިން ފޮހެވިގެން ދަނީ ހަމައެކަނި ޝިއާރުތަކަކުން ނޫން، ޢަމަލުން." އިސްރާއީލުގެ ހަރުކަށި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ސްމޮޓްރިޗް ބުންޏެވެ.
މިކަމާ ގުޅިގެން އދ. ގެ ތަރުޖަމާނު ސްޓެފަން ޑުޖަރިކް ވިދާޅުވީ، "މި ވަކި އާބާދީ ފުޅާކުރުމަށް ނިންމި ނިންމުން ކުށްވެރިކުރާ ކަމަށެވެ. މިއީ ދެ ދައުލަތުގެ ޙައްލުގެ ހިތަށް ޚަންޖަރެއް ހެރުން ފަދަ ކަމެއްކަމަށެވެ. އާބާދީތައް ޤާއިމުކުރުމުގެ ހުރިހާ މަސައްކަތެއް ހުއްޓާލުމަށް އިސްރާއީލު ސަރުކާރަށް ގޮވާލާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ "އީ1" އާ ބެހޭގޮތުން ވަކި އެއްޗެއް ބުނެފައި ނުވި ނަމަވެސް، އާދީއްތަ ދުވަހު ހުޅަނގު އައްސޭރީގެ އެހެން އާބާދީއަކަށް ކުރި ޒިޔާރަތެއްގައި ބުނެފައިވަނީ، "މީގެ 25 އަހަރު ކުރިން ފެށިގެން މި ބިމުގައި ޔަހޫދީންގެ ބާރު ހިފެހެއްޓުމަށާއި، ފަލަސްތީނުގެ ދައުލަތެއް ޤާއިމުވުން ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެކަމަށެވެ.
ދެ ދައުލަތުގެ ޙައްލަކީ، އިރުމަތީ ގުދުސް، ހުޅަނގު އައްސޭރި އަދި ޣައްޒާގެ މައްޗަށް އެކުލެވޭ ފަލަސްތީނުގެ ދައުލަތެއް، އިސްރާއީލާ އެކު އަމާންކަމާއެކު އޮތުމެވެ. "އީ1" ޕްލޭނަކީ މީގެ ކުރިން 2012 އަދި 2020 ވަނަ އަހަރު، އެމެރިކާ އަދި ޔޫރަޕުގެ ޤައުމުތަކުގެ އިޢުތިރާޒާ ގުޅިގެން ހުއްޓުވާފައި އޮތް ޕްލޭނެކެވެ. މި ޕްލޭންގެ ދަށުން ގާތްގަނޑަކަށް 3,400 ހައުސިންގ ޔުނިޓް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ.
Ads by MACL
