އިންޑިއާގައި އޮންލައިން ޖުވާ މަނާކޮށްފި
އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ މައި ސްޕޮންސަރު، "ޑްރީމް11" ގެ މުސްތަގުބަލާ މެދު ސުވާލު އުފެދޭ ގޮތަށް، އެގައުމުގައި އޮންލައިންކޮށް ހިންގާ ހުރިހާ ބާވަތެއްގެ ޖުވާއެއް މަނާކުރަން ގާނޫނު ހަދާ މަޖިލީހުން ބިލެއް ފާސްކޮށްފިއެވެ.
މިކަމުގެ ސަބަބުން، އިންޑިއާގެ އެންމެ ބޮޑު ފެންޓަސީ ސްޕޯޓްސް ޕްލެޓްފޯމް ކަމަށްވާ ޑްރީމް11 އަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. އެ ކުންފުނިން ވަނީ މިދިޔަ ޖުލައި މަހު ތިން އަހަރުގެ މުއްދަތަށް އިންޑިއާ ޓީމު ސްޕޮންސަރުކޮށް، ޓީމުގެ ޖާޒީގައި އެ ކުންފުނީގެ ލޯގޯ ޖަހާފައެވެ.
ސަރުކާރުން ބުނާ ގޮތުގައި، މި ފިޔަވަޅު އެޅީ އަވަހަށް މުއްސަނދި ވެވިދާނެ ކަމުގެ ދޮގު އުއްމީދުތައް ދީ، އޮޅުވާލައިގެން ޖުވާގެ ތެރެއަށް މީހުން ވައްދައި، އެކަމުގެ ސަބަބުން އާންމުންނަށް ކުރިމަތިވަމުންދާ މާލީ އަދި އިޖުތިމާއީ ގެއްލުންތަކުން ސަލާމަތް ކުރުމަށެވެ.
Ads by BMLސަރުކާރުގެ ހިސާބުތައް ދައްކާ ގޮތުން، މިފަދަ އޮންލައިން ޖުވާގެ މުއާމަލާތްތަކުން ކޮންމެ އަހަރަކު 450 މިލިއަނަށްވުރެ ގިނަ މީހުންގެ އަތުން 2.3 ބިލިއަން ޑޮލަރު އަތުލައެވެ.
ގާނޫނު ހަދާ މަޖިލީހުގެ ދެ ގޭން އިއްޔެ ފާސްކުރި މި ބިލުގައި، އޮންލައިން ގޭމްތައް ހުށަހެޅުމާއި، ޕްރޮމޯޓްކުރުމާއި އަދި ފައިނޭންސްކުރުން ގާނޫނީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެފަދަ ކުށެއް ސާބިތުވެއްޖެނަމަ ފަސް އަހަރާ ހަމައަށް ޖަލަށްލުމުގެ ހުކުމެއް ކަނޑައަޅާފައިވެއެވެ. މި ގާނޫނުގެ ދަށުން، އިންޑިއާގައި މަގުބޫލު ފެންޓަސީ ކްރިކެޓް އެޕްލިކޭޝަންތަކާއި، ޕޯކާ، އަދި އެހެނިހެން ކާޑު ގޭމްތައް ހިންގުން މަނާވާނެއެވެ.
މި ބިލާ ގުޅިގެން ޑްރީމް11 އިން ވަނީ އެ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް، ފައިސާގެ މުއާމަލާތްތައް ހިމެނޭ "ކޭޝް ގޭމްތަކާއި މުބާރާތްތައް" ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށް އިއުލާންކޮށްފައެވެ. ނަމަވެސް، މި ބިލު އަދި ރައީސް މޯދީ ތަސްދީގު ނުކުރައްވާތީ، ބައެއް އެހެން ޕްލެޓްފޯމްތަކުން އަދިވެސް ދަނީ އެމީހުންގެ ހިދުމަތްތައް ކުރިއަށް ގެންދަމުންނެވެ.
ފަހުގެ އަހަރުތަކުގައި އިންޑިއާގައި އޮންލައިން ގޭމިން، އަދި ހާއްސަކޮށް ފެންޓަސީ ސްޕޯޓްސްގެ ދާއިރާ ވަނީ ސްމާޓްފޯނާއި އަގުހެޔޮ އިންޓަނެޓްގެ ސަބަބުން ހީވެސްނުކުރާހާ ބޮޑުވެފައެވެ. މިފަދަ ޕްލެޓްފޯމްތައް ހިންގާ ކުންފުނިތަކުން ދުވަސްތަކެއް ވަންދެން ބުނަމުން އައީ، އެއީ "ނަސީބު" އަށް ބަރޯސާވާ ޖުވާއެއް ނޫން ކަމަށާއި، ކުޅުންތެރިންގެ "ހުނަރާއި" ދިރާސާގެ މައްޗަށް ބިނާކޮށް ކުޅޭ ކުޅިވަރެއް ކަމަށެވެ.
މި ވާހަކަތަކުގެ ސަބަބުން އެތައް އަހަރެއް ވަންދެން ގާނޫނީ ހުސްކަމެއްގެ ތެރެއިން މި ވިޔަފާރިތައް ހިންގުމުގެ ފުރުސަތު އެ ކުންފުނިތަކަށް ލިބިފައިވެއެވެ. ނަމަވެސް، މިފަދަ ގޭމްތަކުގައި ބައިވެރިވެ، ބޮޑެތި އަދަދުތަކުން ފައިސާ ގެއްލި ދަރަނިވެރިވުމާއި، އެކަމަށް ދެވިހިފުމުގެ ސަބަބުން ގިނަ ބައެއްގެ ދިރިއުޅުން ހަލާކުވަމުންދާ ކަމުގެ ޝަކުވާތައް އިންތިހާއަށް އިތުރުވުމާ ގުޅިގެން، ގައުމީ ފެންވަރުގައި މިކަން ހުއްޓުވުމަށް ފެޑެރަލް ސަރުކާރުން މިހާރު މިވަނީ ހަރުދަނާ ފިޔަވަޅެއް އަޅާފައެވެ.
Ads by MACL
