ސްކޫލްތަކުގައި ފޯނު މަނާކުރާ ގައުމުތަކުގެ ލިސްޓަށް ދެކުނު ކޮރެއާ
ކުޑަކުދިންނާއި ޒުވާނުން ސްމާޓްފޯނަށް ދެވިހިފުމުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތަކުން ސަލާމަތްކުރުމަށް ސްކޫލްތަކުގައި ފޯނު ބޭނުންކުރުން މަނާކުރާ ގައުމުތަކުގެ ލިސްޓަށް ދެކުނު ކޮރެއާ އިތުރުވެއްޖެ އެވެ. އެގައުމުގެ ގާނޫނުހަދާ މަޖިލީހުން މިއަދު ވަނީ ކްލާސް ގަޑީގައި ސްމާޓް ޑިވައިސްތައް ބޭނުންކުރުން މަނާކުރާ ބިލެއް ފާސްކޮށްފަ އެވެ.
މި ބިލަށް އަމަލުކުރަން ފަށާނީ އަންނަ އަހަރުގެ މާޗް މަހު ފެށޭ އާ ދިރާސީ އަހަރާ އެކުގަ އެވެ. މިއީ ގައުމުގެ މައި ދެ ސިޔާސީ ޕާޓީން އެއްބަސްވެ، މަޖިލީހުގެ 163 މެންބަރުންގެ ތެރެއިން 115 މެންބަރުންގެ ބޮޑު އަޣުލަބިއްޔަތަކުން ފާސްކުރި ގާނޫނެކެވެ.
ބެލެނިވެރިންނާއި ގާނޫނުހަދާ މަޖިލީހުގެ މެންބަރުން ފާހަގަކުރައްވާ ގޮތުގައި، ސްމާޓްފޯނުތަކުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށް ސީދާ އަސަރުކޮށް، ކިޔެވުމަށް ހުސްކުރަންޖެހޭ އަގުހުރި ވަގުތުތައް ފޯނާ އެކު ގެއްލުން ވަމުންދެ އެވެ.
Ads by BMLނަމަވެސް، މި ފިޔަވަޅާ މެދު ބައެއް ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ. މި ގާނޫނު ތަންފީޒުކުރާނެ ގޮތާއި، އޭގެން ނުކުންނާނެ ނަތީޖާއާ މެދު ސާފު ނުވުމުގެ އިތުރުން، ފޯނަށް ދެވިހިފުމުގެ އަސްލު ސަބަބުތަކަށް ހައްލެއް ނުހޯދާ ގާނޫނީ ފިޔަވަޅު އެޅުމަކީ އެންމެ ރަނގަޅު ގޮތްތޯ ގިނަ ބަޔަކު ސުވާލުކުރެ އެވެ.
ދެކުނު ކޮރެއާގެ އިތުރުން ދުނިޔޭގެ އެހެން ގައުމުތަކުން ވެސް ވަނީ މިފަދަ ފިޔަވަޅުތައް އަޅާފަ އެވެ. މިގޮތުން އިޓަލީ، ނެދަލޭންޑްސް އަދި ޗައިނާ ފަދަ ގައުމުތަކުގައި ވަނީ ހުރިހާ އުމުރުފުރައެއްގެ ދަރިވަރުންނަށް ސްކޫލް މާހައުލުގައި ފޯނު ބޭނުންކުރުން މަނާކޮށްފަ އެވެ. އަނެއްކޮޅުން، ފިންލޭންޑާއި ފްރާންސް ފަދަ ގައުމުތަކުގައި މިފަދަ ހަރުކަށި ފިޔަވަޅުތައް އަމާޒުކޮށްފައިވަނީ ހަގު ކުދިންނަށެވެ.
Ads by MACL
