ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ޕައިލެޓާއި އިންޖިނިއަރުން 50 މިނެޓު ޗެޓްކުރި ފަހުން އެފް-35 ފައިޓަރ ޖެޓެއް ވެއްޓިއްޖެ

ޕައިލެޓާއި އިންޖިނިއަރުން 50 މިނެޓު ޗެޓްކުރި ފަހުން އެފް-35 ފައިޓަރ ޖެޓެއް ވެއްޓިއްޖެ

ޕައިލެޓާއި އިންޖިނިއަރުން 50 މިނެޓު ޗެޓްކުރި ފަހުން އެފް-35 ފައިޓަރ ޖެޓެއް ވެއްޓިފައިވާ މައްސަލަ ފެންމަތިވެއްޖެއެވެ.

އެމެރިކާގެ އެއަރފޯސްގެ އެފް-35 ފައިޓަރ ޖެޓެއް އެލަސްކާގެ ރަންވޭއަކަށް ވެއްޓިނު މި ހާދިސާ ހިނގުމުގެ ކުރިން ޕައިލެޓު ވަނީ 50 މިނެޓު ވަންދެން އިންޖިނިއަރުންނާ އެކު ޖެޓުގައި ހުރި މައްސަލައެއް ހައްލުކުރުމަށް މަސައްކަތްކޮށްފައެވެ.

މި އަހަރުގެ ކުރީކޮޅު ހިނގި މި ހާދިސާގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. ވީޑިއޯތަކުން ފެންނަ ގޮތުގައި ޖެޓު ރަންވޭއާ ދިމާއަށް ވެއްޓި، އަލިފާން ރޯވެއެވެ. ނަމަވެސް ޕައިލެޓު ވަނީ ޕެރަޝޫޓެއް ބޭނުންކޮށްގެން ސަލާމަތްވެފައެވެ.

ސީއެންއެންއަށް ލިބުނު ރިޕޯޓެއްގައިވާ ގޮތުން، ޖެޓު ވެއްޓުނީ ހައިޑްރޯލިކް ލައިންތަކުގައި އައިސް ގަނޑުވުމުގެ ސަބަބުންނެވެ. މީގެ ސަބަބުން ޖެޓުގެ ނޯޒް ލޭންޑިންގ ގިއަރާއި މެއިން ލޭންޑިންގ ގިއަރ ރަނގަޅަށް ބޭލިފައެއް ނުވެއެވެ. ޖެޓު އުދުހުމަށް ފަހު ޕައިލެޓު ލޭންޑިންގ ގިއަރ މައްޗަށް ނެގުމަށް މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބުނުވެ، އަލުން ބޭލުމަށް މަސައްކަތްކުރިއިރު ނޯޒް ގިއަރ ވަނީ ވާތްފަރާތަށް ލޮކްވެފައެވެ.

މައްސަލަ ހައްލުކުރުމަށް ޕައިލެޓު މަސައްކަތްކުރަމުން ދަނިކޮށް، ޖެޓުގެ ސެންސަރުތަކަށް ހީވީ ޖެޓު ބިމުގައި އޮތްހެންނެވެ. އެހެންކަމުން ޕައިލެޓު ވަނީ ލޮކްހީޑް މާޓިންގެ ފަސް އިންޖިނިއަރަކާ އެކު 50 މިނެޓު ވަންދެން ޖެޓުގައި ހުރި މައްސަލަ ހައްލުކުރުމަށް މަސައްކަތްކޮށްފައެވެ.

ޕައިލެޓު ވަނީ ޖެޓުގެ ލޭންޑިންގ ގިއަރ ރަނގަޅުކުރުމަށް ދެ ފަހަރެއްގެ މަތިން ޓަޗް އެންޑް ގޯ ލޭންޑިންގ ހަދާފައެވެ. ނަމަވެސް މި ދެ މަސައްކަތް ވެސް ކާމިޔާބުނުވެ، ލޭންޑިންގ ގިއަރތައް ވަނީ މުޅިން ހަރުވެފައެވެ.

ޖެޓުގެ ސެންސަރުތަކުން ޖެޓު ބިމުގައިވާ ކަމަށް ދެއްކުމުން، ޖެޓު ކޮންޓްރޯލް ނުކުރެވޭ ހާލަތަކަށް ދިޔައީއެވެ. މި ހާލަތުގައި ޕައިލެޓު ވަނީ ޖެޓުން ބޭރުވެ ސަލާމަތްވެފައެވެ.

އެއަރފޯސްގެ އިންސްޕެކްޝަނަކުން ހާމަވި ގޮތުގައި، ޖެޓުގެ ނޯޒް ލޭންޑިންގ ގިއަރާއި ކަނާތު މެއިން ލޭންޑިންގ ގިއަރުގައި ހުރި ހައިޑްރޯލިކް ފްލޫއިޑްގެ ތިންބައިކުޅަ އެއްބައިގައި ފެން ހުއްޓެވެ. މި ހާދިސާ ހިނގީ -18 ޑިގްރީ ސެލްސިއަސްގެ ފިނިހޫނުމިނެއްގައެވެ. މިފަދަ އިތުރު ހާދިސާއެއް ނުވަ ދުވަސް ފަހުން ހިނގި ނަމަވެސް، އެ ޖެޓު ވަނީ ސަލާމަތުން ބިމަށް ޖައްސާފައެވެ.

ރިޕޯޓުގައި ބުނެފައިވަނީ، މި ހާދިސާ ހިނގުމުގައި "ޕައިލެޓުގެ ނިންމުންތަކާއި، އުދުހުމުގެ ތެރޭގައި ކުރެވުނު ކޮންފަރެންސް ކޯލް" އަދި "ހާޒާޑަސް މެޓީރިއަލް ޕްރޮގްރާމަށް ދެވުނު ނުފުދޭ ބެލެހެއްޓުން" މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމަށެވެ.

ލޮކްހީޑް މާޓިންގެ އެފް-35 ޕްރޮގްރާމަށް ވަނީ އުފެއްދުމުގެ ކުރު މަގުތަކާއި މަތީ ހަރަދުތަކުގެ ސަބަބުން ފާޑުކިޔުންތައް އަމާޒުވެފައެވެ. ޖެޓުގެ އަގު 2021 ވަނަ އަހަރު 135.8 މިލިއަން ޑޮލަރުން 2024 ވަނަ އަހަރު 81 މިލިއަން ޑޮލަރަށް ވަނީ ދަށްކުރެވިފައެވެ. އެމެރިކާގެ ސަރުކާރުގެ ޖަވާބުދާރީ އޮފީހުން ބުނާ ގޮތުގައި، އެފް-35 ޕްރޮގްރާމް 2088 ވަނަ އަހަރާ ހަމައަށް ކުރިއަށްދާނެ ކަމަށް ލަފާކުރެވޭއިރު، ޖުމްލަ ހަރަދު 2 ޓްރިލިއަން ޑޮލަރުން މަތިވާނެއެވެ.