ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

"ސަރަސްވަތީޗަންދުރަ" އިން މަޝްހޫރުވި އަޝިޝް، ފިލައިގެން އުޅެނިކޮށް ރޭޕް ތުހުމަތުގައި ހައްޔަރުކޮށްފި

އިންޑިއާގެ ޓީވީ އެކްޓަރު އަޝިޝް ކަޕޫރް.
އިންޑިއާގެ ޓީވީ އެކްޓަރު އަޝިޝް ކަޕޫރް.

އިންޑިއާގެ މަޝްހޫރު ޑްރާމާ ސީރީޒްތަކެއް ކަމަށްވާ "ސަރަސްވަތީޗަންދުރަ" އާއި "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ފަދަ ޑްރާމާތަކުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އެކްޓަރު އަޝިޝް ކަޕޫރް، ރޭޕްގެ ސީރިއަސް ތުހުމަތެއްގައި ފުލުހުންނަށް ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށްފިއެވެ.

ދިއްލީ ފުލުހުންނާ ހަވާލާދީ ހިންދުސްތާން ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަޝިޝް ހައްޔަރުކުރީ ފިލައިގެން އުޅެމުން ދަނިކޮށް މިދިޔަ އަންގާރަ ދުވަހު ޕޫނޭގައި ހުންނަ ރައްޓެއްސެއްގެ ގެއަކުންނެވެ. ފުލުހުން ބުނީ، އޭނާ ފުރަތަމަ ގޯއާގައި ފިލައިގެން ހުރިކަން އެނގުމުން އެތަނަށް ދިއުމުގެ ކުރިން ޕޫނޭއަށް ފިލި ކަމަށެވެ.

އަޝިޝްގެ މައްޗަށް މި ތުހުމަތުކޮށްފައިވަނީ އަންހެނަކުއެވެ. އޭނާ ފުލުހުންނަށް ބަޔާން ދީފައިވާ ގޮތުގައި، މިދިޔަ މަހުގެ 11 ވަނަ ދުވަހު ދިއްލީގައި ބޭއްވި ހައުސް ޕާޓީއެއްގެ ތެރެއިން، ގަދަކަމުން ފާހާނާއަކަށް ވައްދައި އަޝިޝް އޭނާ ރޭޕްކުރީއެވެ.

މި މައްސަލައިގައި ފުރަތަމަ އަންހެން މީހާ ދިން ބަޔާނުގައި އަޝިޝްގެ އިތުރުން ދެވަނަ ފިރިހެނަކު ވެސް ބައިވެރިވި ކަމަށް ބުނި ނަމަވެސް، ފަހުން އޭނާ ވަނީ އެ ބަޔާން ބަދަލުކޮށްފައެވެ. ބައެއް ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި، ފަހުގެ ބަޔާނުގައި އޭނާ ތުހުމަތުކޮށްފައިވަނީ ހަމައެކަނި އަޝިޝްގެ މައްޗަށެވެ.

އަޝިޝް ވަނީ "ދޭކާ އޭކް ޚުވާބް"، "ލަވް މެރިއޭޖް ޔާ އެރޭންޖް މެރިއޭޖް" އަދި "ވޯ ސަޕްނާ ސާ" ފަދަ ގިނަ ޑްރާމާތަކެއްގައި މުހިންމު ރޯލުތަކެއް އަދާކޮށްފައެވެ.