ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އެމެރިކާގައި ބާއްވާ ގައުމީ އިންތިޚާބުތަކުގައި އައިޑީކާޑު ހުށަހަޅަން މަޖުބޫރު ކުރާނަން: ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް --- ފޮޓޯ: ރޮއިޓާސް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް --- ފޮޓޯ: ރޮއިޓާސް

ޤައުމީ ފެންވަރުގައި ބާއްވާ ކޮންމެ އިންތިޚާބެއްގައި ވޯޓުލާ ކޮންމެ މީހަކު ވޯޓަރު އައިޑީ ކާޑެއް ހުށަހެޅުން ލާޒިމުކުރާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، އޭނާ ވަނީ ޚާއްސަ ޙާލަތްތައް ފިޔަވައި، މެއިލް މެދުވެރިކޮށް ވޯޓުލުން މަނާކުރައްވާނެ ކަމަށްވެސް ހާމަކުރައްވާފައެވެ.


އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް، ޓްރޫތް ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، "ވޯޓަރު އައިޑީ ކޮންމެ ވޯޓެއްގެވެސް ބައެއްގެ ގޮތުގައި ހިމެނެން ޖެހޭނެ. އެއްވެސް އިސްތިސްނާއެއް ނެތި! މިކަމަށްޓަކައި އަހަރެން އެގްޒެކެޓިވް އޯޑަރެއް ނެރޭނަން!!!" އެވެ.

ޓްރަމްޕްގެ މި ފިޔަވަޅުތަކުގެ އަޑީގައިވަނީ 2020 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ފުޅާ ދާއިރާއެއްގައި އޮޅުވާލުންތަކެއް ހިނގާފައިވާ ކަމަށް އޭނާ ކުރައްވާ ތަކުރާރު ދަޢުވާތަކެވެ. ނަމަވެސް، މި ދަޢުވާތަކަށް ތާޢީދުކުރާފަދަ އެއްވެސް ހެއްކެއް މިހާތަނަށް ފެނިފައެއް ނުވެއެވެ. އޭނާ އާއި ރިޕަބްލިކަން ޕާޓީގެ ބައެއް މެމްބަރުން ދަޢުވާކުރައްވާ ގޮތުގައި ޤާނޫނީ ހުއްދަ ނެތް ފަރާތްތަކުން ވޯޓުލުން އާންމުވެފައިވީ ނަމަވެސް، ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެއީ ވަރަށް މަދުން ހިނގާ ކަމެކެވެ.

މި އުސޫލުތަކުގެ އިތުރުން ޓްރަމްޕް ވަނީ އިލެކްޓްރޯނިކް ވޯޓުލާ މެޝިންތައް އުވާލައި، އެއްކޮށް ކަރުދާހުގެ ވޯޓުލުމުގެ ނިޒާމަކަށް ބަދަލުވުމަށް ގޮވާލައްވާފައެވެ. އެހެންނަމަވެސް އިންތިޚާބާ ބެހޭ އޮފިޝަލުން ވިދާޅުވާ ގޮތުގައި، ކަރުދާހުން ވޯޓު ގުނުމަކީ ވަގުތު ބޭކާރުވެ، ޚަރަދު ބޮޑު އަދި މެޝިންތަކާ އަޅާބަލާއިރު ނަތީޖާގެ ސީދާކަން ކުޑަ ކަމެކެވެ.

ފެޑެރަލް އިންތިޚާބުތަކުގެ އުސޫލުތައް ކަނޑައަޅައި، އިންތިޚާބުތައް ހިންގަނީ ސްޓޭޓްތަކުން ކަމަށްވާއިރު، ރައީސަށް އެގްޒެކެޓިވް އޯޑަރެއް މެދުވެރިކޮށް މިފަދަ ބަދަލެއް ގެނައުމުގެ ޤާނޫނީ ބާރު ލިބިގެންވޭތޯ ވަނީ ސުވާލު އުފެދިފައެވެ. ޓްރަމްޕް މީގެ ކުރިންވެސް ވަނީ 2026 ވަނަ އަހަރުގެ މެދުތެރޭގެ އިންތިޚާބުގެ ކުރިން މިފަދަ އޯޑަރެއް ނެރުއްވާނެ ކަމަށް ވިދާޅުވެފައެވެ.


ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ނޮވެމްބަރު މަހު ބާއްވާ މެދުތެރޭގެ އިންތިޚާބުތަކަކީ، ޖެނުއަރީ މަހު ޓްރަމްޕް ދެވަނަ ދައުރަކަށް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، އޭނާގެ ސިޔާސަތުތަކާމެދު ރައްޔިތުންގެ ޚިޔާލު ހުރި ގޮތް ބެލުމަށް ލިބޭނެ ފުރަތަމަ ފުރުސަތެވެ. މި އިންތިޚާބުގައި ޑިމޮކްރެޓުންގެ އަމާޒަކަށް ވާނީ، ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އާއި ސެނެޓްގެ އަޣުލަބިއްޔަތު ހޯދައި، ޓްރަމްޕްގެ އެޖެންޑާ ކުރިއަށް ގެންދިއުމަށް ހުރަސް އެޅުމެވެ.