ހަމައެކަނި ދުލަކުން ނޫން، ޢަމަލުން ވެސް: ރަސޫލާ ﷺ ދެކެ ލޯބިވުމުގެ ޙަޤީޤަތް ޚުތުބާގައި ބަޔާންކޮށްދެއްވައިފި
ކީރިތި ރަސޫލާ ﷺ ދެކެ ލޯބިވުމަކީ ހަމައެކަނި ދުލުން ބުނެލާ ބުނުމަކަށްވުރެ މާ މަތިވެރި، ޢަމަލީ ގޮތުން ސާބިތުކޮށްދޭންޖެހޭ އީމާނީ ވާޖިބެއްކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދެއްވައިފިއެވެ. "رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ދެކެ ލޯބިވުން" މި މައުޟޫއަށް އަލިއަޅުވާލައްވަމުން ޚުތުބާގައި ވަނީ، އެ ލޯބީގެ ޙަޤީޤީ މާނައަކީ އެކަލޭގެފާނު ގެނެސްދެއްވި ރިސާލަތަށް ފުރިހަމައަށް ތަބަޢަވުމާއި، އެކަލޭގެފާނުގެ ސުންނަތް ދިފާޢުކުރުންކަން އާޔަތްތަކާއި ޙަދީޘްގެ އަލީގައި ބަޔާންކޮށްދެއްވާފައެވެ.
އެގޮތުން، ﷲ ދެކެ ލޯބިވާނަމަ ރަސޫލާ ﷺ އަށް ތަބަޢަވުމަށް މާތް ﷲ އަމުރުކުރައްވާފައިވާކަން (އާލު ޢިމްރާން: 31) ޚުތުބާގައި ފާހަގަކުރެއްވިއެވެ. އަދި، އީމާންކަން ފުރިހަމަވާނީ މައިންބަފައިންނާއި ދަރީންނާއި ދުނިޔޭގެ އެންމެހައި މީސްތަކުންނަށްވުރެ ބޮޑަށް އެކަލޭގެފާނު ދެކެ ލޯބިވުމުންކަން ޙަދީޘް ބަސްފުޅެއްގެ އަލީގައި ހަނދާންކޮށްދެއްވިއެވެ. މިއަދު އެ ލޯބި ޢަމަލުން ދެއްކުމުގެ ގޮތްތަކުގެ ތެރޭގައި، އެކަލޭގެފާނުގެ ޝަޚުޞިއްޔަތާއި ސުންނަތުގެ މައްޗަށް ބަސްނުކިޔުމާއި، އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންނާއި އަނބިއަނބިކަނބަލުންނަށް އިޙްތިރާމުކޮށް އެބޭކަލުން ދިފާޢުކުރުން ހިމެނޭކަމަށްވެސް ޚުތުބާގައި ވިދާޅުވިއެވެ.
ޚުތުބާގައި އިތުރަށް ބަޔާންކުރެއްވި ގޮތުގައި، އެކަލޭގެފާނު ދެކެ ލޯބިވުން ވާޖިބުވާ އެތައް ސަބަބުތަކެއް ވެއެވެ. އެގޮތުން، ރަސޫލުކަމާއިގެން ފޮނުއްވުމުގެ ކުރިން ދުނިޔެ އޮތީ ޖާހިލުކަމާއި، އަނިޔާވެރިކަމާއި، ބޭއިންސާފުގެ ކަނު އަނދިރިއެއްގައެވެ. މުޖުތަމަޢު އޮތީ ޤަދަރުވެރީންނާއި ނިކަމެތީން، އަދި ސާހިބުންނާއި އަޅުންގެ ގޮތުގައި ފަންތިތަކަކަށް ބެހިފައެވެ. ބުދަށް އަޅުކަންކުރުމާއި، ރިބާ ކެއުމާއި، ކަހީނުކަންކޮށް ފާލުބެލުން އޭރު އޮތީ އިންތިހާއަށެވެ.
Ads by BMLޚާއްސަކޮށް، އަންހެނުންނަށް އެއްވެސް ޤަދަރެއް ނުލިބި، ވާރުތައިން އެއްވެސް ހިއްސާއެއް ނުލިބޭއިރު، އަންހެން ދަރިން ދިރިތިއްބާ ވަޅުލުން ފަދަ ނުރައްކާތެރި ޢަމަލުތައްވެސް އޭރުގެ މުޖުތަމަޢުގައި ހިނގަމުން ދިޔަކަން ޚުތުބާގައި ފާހަގަކުރެއްވިއެވެ. މިފަދަ ޙާލަތަކުން އިންސާނިއްޔަތު ސަލާމަތްކުރެއްވުމަށް މާތް ﷲ ފޮނުއްވި ރަޙުމަތަކީ ކީރިތި ރަސޫލާ ﷺ އެވެ.
އެކަލޭގެފާނު ގެނެސްދެއްވި އިންސާފުވެރި ދީނުގެ ސަބަބުން، ބައިބައިވެފައި އޮތް މުޖުތަމަޢު އެކުވެރިވެ، ހަތުރުން މިތުރުންނަށް ބަދަލުވިއެވެ. އަދި ނަރަކައިން މިންޖުވެ، ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ހާސިލުކުރެވޭނެ މަގު އިންސާނުންނަށް ފަހިވެގެން ދިޔައެވެ. ޚުތުބާ ނިންމަވާލައްވަމުން، މިފަދަ މަތިވެރި ސަބަބުތަކަށްޓަކައި އެކަލޭގެފާނު ދެކެ ހިތުގެ އަޑިން ލޯބިވެ، އެކަލޭގެފާނުގެ ސުންނަތަށް ޢަމަލުކުރުމަށް އިތުރަށް ބާރުއެޅުއްވިއެވެ.
Ads by MACL
