ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އިސްރާއީލުގެ ހަމަލާތައް މުޖާހިދުންގެ އިސްވެރިންނަށް އެހާފަސޭހައިން ޓާގެޓް ކުރަނީ ކިހިނެއް؟

ޙޫޘީން ހިންގާ ސަރުކާރުގެ ބޮޑުވަޒީރު އަޙްމަދު ޣާލިބް އަލް-ރަޙްވީ -- ފޮޓޯ: ރޮއިޓާސް
ޙޫޘީން ހިންގާ ސަރުކާރުގެ ބޮޑުވަޒީރު އަޙްމަދު ޣާލިބް އަލް-ރަޙްވީ -- ފޮޓޯ: ރޮއިޓާސް

ޔަމަނުގެ ވެރިރަށް ޞަންޢާއަށް އިސްރާއީލުން ދިން ވައިގެ ޙަމަލާއެއްގައި، ޙޫޘީން ހިންގާ ސަރުކާރުގެ ބޮޑުވަޒީރު އަޙްމަދު ޣާލިބް އަލް-ރަޙްވީ އާއި އެތައް ވަޒީރަކު ޝަހީދުވެފައިވާއިރު، މިފަދަ ހަމަލާތަކެއް ދިނުމަކީ އިސްރާއީލަށް ފަސޭހަ ކަމަކަށް ވާ ކަމަށް ބެލެވެއެވެ.

ޙޫޘީންގެ ސުޕްރީމް ޕޮލިޓިކަލް ކައުންސިލްގެ ވެރިޔާ މަޙްދީ އަލް-މަޝާޠު ހޮނިހިރު ދުވަހު މިކަން ކަށަވަރުކޮށްދެއްވިއިރު، މިއީ ޙޫޘީންގެ ސިޔާސީ އިސްވެރިކަމަށް އަމާޒުކޮށް މިފަދަ ޙަމަލާއެއް ދިން ފުރަތަމަ ފަހަރެވެ. ބުރާސްފަތި ދުވަހު ދިން މި ޙަމަލާގައި އެތައް ބަޔަކު ޒަޚަމްވިކަމަށް ވެސް މަޝާޠު ވިދާޅުވިއެވެ. މިފަދަ ހަމަލާތަކެއް ދިނުމަށް އިސްރާއީލުން ބޭނުންކުރަނީ ފުޅާ ދާއިރާއެއްގައި ފެތުރިފައިވާ އިންޓެލިޖެންސް ނެޓްވޯކްތަކާއި، ޓެކްނޮލޮޖީގެ ކުރިއެރުންތަކެވެ.

މި ޙަމަލާގެ ޒިންމާ އިސްރާއީލުން އުފުލައި، ޙަމަލާގެ އަމާޒަކީ އީރާނާ ގުޅުން އޮންނަ ޙޫޘީ ޖަމާޢަތުގެ ޗީފް އޮފް ސްޓާފް، ދިފާޢީ ވަޒީރު އަދި އެހެނިހެން އިސްވެރިން ކަމަށް ބުނެފައިވެއެވެ. ނަމަވެސް، ޙަމަލާގެ ސީދާ ނަތީޖާ ކަށަވަރު ކުރަމުން އަންނަ ކަމަށް އެ ޤައުމުން ބުނެއެވެ.

އިސްރާއީލުގެ ސަލާމަތީ ފަރާތްތަކުން ބުނާ ގޮތުގައި، މި ޙަމަލާތަކަކީ ޙޫޘީންގެ ލީޑަރ ޢަބްދުލް މަލިކް އަލް-ޙޫޘީގެ ރެކޯޑް ކުރި ތަޤްރީރެއް ބެލުމަށް އިސްވެރިން އެއްވެފައިވާ ތަންތަނަށް އަމާޒުކޮށްގެން ދިން ޙަމަލާތަކެކެވެ. މީގެން ދައްކުވައިދެނީ، އިސްރާއީލަށް ޙޫޘީންގެ އިސްވެރިންގެ ހަރަކާތްތަކާއި ބައްދަލުވުންތަކުގެ މައުލޫމާތު ވަރަށް ރަނގަޅަށް ލިބޭ ކަމެވެ.

މަސްދަރުތަކުން ކަށަވަރުކޮށްދޭ ގޮތުގައި މި ޙަމަލާގައި ބޮޑުވަޒީރު އަލް-ރަޙްވީގެ އިތުރުން ޚާރިޖީ ވަޒީރު، ހަކަތައިގެ ވަޒީރު އަދި އިންފޮމޭޝަން ވަޒީރު ޝަހީދުވެފައިވެއެވެ. އަލް-ރަޙްވީއަކީ މީގެ އަހަރެއް ކުރިން މަޤާމަށް އައްޔަން ކުރެވުނު ބޭފުޅެއް ނަމަވެސް، ސަރުކާރު ހިންގުމުގެ ބޮޑެތި ބާރުތައް އޮތީ އޭނާގެ ނައިބު މުޙައްމަދު މިފްތާޙްގެ އަތްޕުޅުގައެވެ. ބޮޑުވަޒީރު ޝަހީދުވުމާ ގުޅިގެން، ވަގުތީ ގޮތުން ބޮޑުވަޒީރުގެ މަސްއޫލިއްޔަތުތައް މިހާރު ވަނީ މިފްތާޙްއާ ޙަވާލުކުރެވިފައެވެ.

މި ޙަމަލާއާ ގުޅިގެން ޙޫޘީންގެ ލީޑަރު މަޙްދީ އަލް-މަޝާޠު ވަނީ "ހަރުކަށި ބަދަލެއް ހިފާނެ" ކަމުގެ އިންޒާރު ދެއްވާފައެވެ. އޭނާ ވިދާޅުވީ "ޣައްޒާގެ އަނިޔާވެރިކަން ނިމި، ބްލޮކޭޑް ނިމެންދެން އަޅުގަނޑުމެންގެ ޙަރަކާތްތައް ހުއްޓައެއް ނުލާނަން" ކަމަށެވެ. އިސްރާއީލުގެ ދިފާޢީ ވަޒީރު އިސްރާއީލް ކަޓްޒް މި ޙަމަލާ ސިފަކުރީ ޙޫޘީންނަށް ދެވުނު "ބޮޑު ހަމަލާއެއް" ގެ ގޮތުގައި ކަމަށާއި، "މިއީ ހަމައެކަނި ފެށުމެއް" ކަމަށް ބުނެ އިތުރު ޙަމަލާތަކެއްގެ އިޝާރާތެއް ދީފައިވެއެވެ.

2023 ވަނަ އަހަރު ޣައްޒާއަށް އިސްރާއީލުން ދޭންފެށި ޙަމަލާތަކާ ގުޅިގެން، ފަލަސްޠީނު ރައްޔިތުންނަށް އެއްބާރުލުން ދިނުމުގެ ގޮތުން ޙޫޘީން ވަނީ ރަތް ކަނޑުގައި ދަތުރުކުރާ އިސްރާއީލާ ގުޅުންހުރި އުޅަނދުފަހަރަށް ޙަމަލާދޭން ފަށާފައެވެ. މީގެ ސަބަބުން ދުނިޔޭގެ ވިޔަފާރީގެ މުހިންމު ކަނޑު މަގެއް ކަމަށްވާ ރަތް ކަނޑުގެ ޓްރެފިކަށް ވަނީ ބޮޑެތި ބުރުއެރުންތަކެއް ކުރިމަތިވެފައެވެ.

ފާއިތުވި އަހަރު ތެރޭގައި އިސްރާއީލުން ހަމާސް ޖަމާޢަތާއި ލުބުނާނުގެ ޙިޒްބުﷲ ޖަމާޢަތުގެ އިސްވެރިންނަށް އަމާޒުކޮށް މިފަދަ ޙަމަލާތައް ދީފައިވާއިރު، މިފަހަރު ޙޫޘީންގެ ސިޔާސީ ލީޑަރޝިޕަށް އަމާޒުކުރުމުން މެދުއިރުމަތީގެ ހަމަނުޖެހުން އިތުރަށް ގޯސްވެދާނެ ކަމެއް ކަމަށް ތަޖުރިބާކާރުން ދެކެއެވެ.