ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އިންޑިއާ އާއި ރަޝިއާ މިހާރުވަނީ ޗައިނާގެ ބާރުގެ ދަށުގައި: ޓްރަމްޕް

އިންޑިއާ ރަޝިއާ އަދި ޗައިނާގެ ވެރިން---
އިންޑިއާ ރަޝިއާ އަދި ޗައިނާގެ ވެރިން---

އިންޑިއާ އާއި ރަޝިއާ މިހާރު ޗައިނާގެ ބާރުގެ ދަށަށް ގޮސްފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް މިހެން ވިދާޅުވެފައިވަނީ މި ހަފްތާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރަޝިއާގެ ރައީސް ވްލާޑިމިއަރ ޕޫޓިން ޗައިނާގެ ރައީސް ޝީ ޖިންޕިންގްއާ ބައްދަލުކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.

ހުކުރު ދުވަހު ޓްރަމްޕް އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "އިންޑިއާ އާއި ރަޝިއާ ޗައިނާގެ ބާރުގެ ދަށަށް ހިނގައްޖެ ކަމަށް ފެނޭ. އެ ދެ ގައުމަށް ދިގު އަދި ފާގަތި މުސްތަގުބަލެއް ލިބޭނެ ކަމަށް އުންމީދުކުރަން!"

މީގެ އިތުރުން ޝީ ޖިންޕިންގްގެ ސަމިޓްގައި ތިން ވެރިން އެކުގައި ހުންނެވި ފޮޓޯއެއް ވެސް އޭނާ ހިއްސާ ކުރެއްވިއެވެ. ޓްރަމްޕް މިކަން ހާމަކުރެއްވީ، ނިއު ދިއްލީ އާއި މޮސްކޯއާ މެދު އެއްބަސްވުންތަކެއް ނެތްކަން ހާމަކުރައްވަމުންނެވެ. އެއީ ޗައިނާއިން ދުނިޔޭގެ ނިޒާމު ބަދަލުކުރުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕޯސްޓާ ބެހޭގޮތުން ސުވާލުކުރުމުން، އިންޑިއާގެ ހާރިޖީ ވުޒާރާއިން ނިއު ދިއްލީގައި ނޫސްވެރިންނަށް ވިދާޅުވީ އެއްވެސް ކޮމެންޓެއް ނުކުރާނެ ކަމަށެވެ. ޗައިނާގެ ހާރިޖީ ވުޒާރާއިން އަދި ކްރެމްލިންގެ ފަރާތުން ވެސް މިކަމާ ބެހޭގޮތުން އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ޝީ ޖިންޕިންގް ޗައިނާގެ ބަނދަރު ރަށް ޓިއަންޖިންގައި ބޭއްވި ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (SCO) ސަމިޓްގައި 20 އަށް ވުރެ ގިނަ ނޮން-ވެސްޓަރން ގައުމުތަކުގެ ވެރިންނަށް މެހެމާންދާރީ އަދާކުރެއްވިއެވެ.

މި ބައްދަލުވުމުގައި ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕޫޓިން އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ސަމިޓްގައި ޕޫޓިން އާއި މޯދީ، ޝީގެ ގާތަށް ހިނގާފައި ދިޔައިރު އަތުގައި ހިފާލައިގެން ތިއްބެވި މަންޒަރު ފެނިފައިވެއެވެ.

މި ސަމިޓްގައި ތިން ވެރިން އެކުގައި ތިއްބެވި ފޮޓޯއެއް ޓްރަމްޕް ހިއްސާކުރައްވާފައިވެއެވެ.