ނޭޕާލްގައި ސޯޝަލް މީޑިއާ ބަންދުކުރުމާ ދެކޮޅަށް މުޒާހަރާކުރަނީ، 9 މީހުން މަރުވެ، 42 މީހުން ޒަޚަމްވެއްޖެ
ކޮރަޕްޝަންގެ ނުބައި ސަގާފަތް ނައްތާލުމަށާއި، ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތައް ބަންދުކުރުމާ ދެކޮޅަށް ގޮވާލައި، މިއަދު ނޭޕާލްގެ ކަތުމަންޑޫގައި ހިނގި މުޒާހަރާއެއްގައި ޒުވާނުންނާ ފުލުހުންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައި، ނުވަ މީހުން މަރުވެ، 42 މީހުން ޒަޚަމްވެއްޖެ އެވެ.
މި ހަމަނުޖެހުންތަކާ ގުޅިގެން މީހަކު ބަޑިޖަހާ މަރާލާފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
ހިމާލިއަން ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މުޒާހަރާގައި ނުވަ މީހުން މަރުވުމުގެ އިތުރުން 42 މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެ އެވެ. ފުލުހުން ވެސް ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ.
Ads by BML"ފޭސްބުކް، އިންސްޓަގްރާމް، ވަޓްސްއެޕް އަދި އެހެނިހެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބަންދުކުރުމާ ދެކޮޅަށް ކުރި ބޮޑު މުޒާހަރާގައި ނުވަ މީހަކު ވަނީ މަރުވެފައި،" ފުލުހުން ބުނެފައިވެ އެވެ. ނިއު ބަނޭޝްވަރު ސަރަހައްދުގައި ހިނގި ވަރުގަދަ ކުރިމަތިލުންތަކުގައި ބަޑިޖަހާ މީހަކު މަރާލާފައިވާ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.
މަރުވި މީހުންނާއި ޒަޚަމްވި މީހުންގެ ވަނަވަރު އަދި ހާމަކޮށްފައެއް ނުވެ އެވެ.
މުޒާހަރާގެ ބައިވެރިން ދަމާކް ޗޯކުން ފެށިގެން މުނިސިޕަލް އޮފީހާ ހަމައަށް ހިނގާލާފައި ގޮސް، ނޭޕާލްގެ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޯލީގެ އޮފީހުގެ ދޮރުތައް ފުނޑާލުމަށް ވެސް މަސައްކަތް ކޮށްފައިވެ އެވެ.
މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ފެން ބަޑި، ކަރުނަ ގޭސް އަދި ރަބަރު ވަޒަން ބޭނުންކޮށްފައިވެ އެވެ.
Ads by MACL
