ޖެން ޒީ ގެ މުޒާހަރާތައް ހޫނުވެ ނޭޕާލްގެ ބައެއް ސިޓީތަކުގައި ކާފިއު އިއުލާންކޮށްފި
ނޭޕާލްގެ ބައެއް ސިޓީތަކުގައި ޖެނެރޭޝަން ޒެޑް (ޖެން ޒީ) ގެ މުޒާހަރާތައް ވަރުގަދަވެ، ހަމަނުޖެހުންތައް އިތުރުވުމާ ގުޅިގެން، ކާފިއު އިއުލާންކޮށްފިއެވެ.
ބޫޓްވާލް، ބައިރަހަވާ އަދި އިޓަހަރީގައި ކާފިއު އިއުލާންކޮށްފައިވާއިރު، ރޫޕަންޑޭހީ އަދި ސުންސަރީ ޑިސްޓްރިކްޓްގެ އޮފިޝަލުން މިވަނީ ހާލަތު ކޮންޓްރޯލްކޮށް ރައްޔިތުންގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅާފައެވެ.
ރޫޕަންޑޭހީގައި، ޑިސްޓްރިކްޓް އެޑްމިނިސްޓްރޭޝަން އޮފީހުން ވަނީ ބޫޓްވާލް އަދި ބައިރަހަވާގައި އިއްޔެ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ކާފިއު ހިންގާފައެވެ. ޗީފް ޑިސްޓްރިކްޓް އޮފިސަރ ޓޮކްރާޖް ޕަންޑޭ ވިދާޅުވީ، ޖެން ޒެޑްގެ މުޒާހަރާތައް ވަރުގަދަވުމުގެ ސަބަބުން މި ފިޔަވަޅު އެޅުން މުހިންމު ކަމަށާއި، ކާފިއު ހިނގާ ސަރަހައްދުތަކުގައި އެއްވެސް ބައްދަލުވުމެއް، ރެލީއެއް، މުޒާހަރާއެއް، ނުވަތަ ސިޓް-އިން އެއް ބޭއްވުން މަނާކުރެވިފައިވާ ކަމަށެވެ.
Ads by BMLބޫޓްވާލްގައި، ކާފިއު ހިނގާ ސަރަހައްދަކީ އިރުމަތީގައިވާ ދާގޯ ކާރުޚާނާ ބްރިޖުން ފެށިގެން ހުޅަނގަށް ބެލްބާސް ޗޯކާ އަށެވެ. އަދި އުތުރުގައިވާ ޗިޑިޔާޚޯލާ އިން ފެށިގެން ދެކުނަށް މަންގަލްޕޫރާށެވެ.
ބައިރަހަވާގައި، ކާފިއު ހިނގާ ސަރަހައްދަކީ އިރުމަތީގައިވާ ރޯހިނީކޯލާ ބްރިޖުން ފެށިގެން ހުޅަނގަށް ބޭތަރީ ބްރިޖާހަމައަށެވެ. އަދި އުތުރުގައިވާ ބުޑާ ޗޯކުން ފެށިގެން ދެކުނަށް މެއުދިހަވާ އަށެވެ. މީގެ އިތުރުން، ބޫޓްވާލް-ބެލަހިޔާ މަގުގެ ދެފަރާތުން 100 މީޓަރުގެ ތެރޭގައި އެއްވެސް ބައްދަލުވުމެއް ނުވަތަ މުޒާހަރާއެއް ބޭއްވުން ވެސް ވަނީ މަނާކުރެވިފައެވެ.
މިދަނޑިވަޅުގައި، ޖެން ޒެޑްގެ މުޒާހަރާތައް ކޮންޓްރޯލް ނުކުރެވޭ މިންވަރަށް ގޮސްފައިވާތީ، ސުންސަރީ ޑިސްޓްރިކްޓްގެ އިޓަހަރީގައި ވެސް ވަނީ ކާފިއު ހިންގާފައެވެ. ޗީފް ޑިސްޓްރިކްޓް އޮފިސަރ ދަރްމެންދުރަ މިޝްރާ ވިދާޅުވީ، ސުންސަރީ ޑިސްޓްރިކްޓް އެޑްމިނިސްޓްރޭޝަން އޮފީހުން އިޓަހަރީގެ މައިދާން ވަށައިގެން އިއްޔެ ހަވީރު 3:30 އިން ފެށިގެން އިތުރު އެއްޗެއް އަންގަވަންދެން ކާފިއު ހިންގުމަށް އަންގާފައިވާ ކަމަށެވެ.
ޖެން ޒެޑްގެ މުޒާހަރާގެ ސަބަބުތަކާއި، ހަމަނުޖެހުންތަކުގެ ފުރިހަމަ ތަފްސީލްތައް މިހާރުވެސް ބަލަމުންދާ ކަމަށާއި، އިތުރު މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށް ރަސްމީ ފަރާތްތަކުން ބުނެއެވެ.
ނޭޕާލްގައި ސޯޝަލް މީޑިއާ މަނާކުރުމާ ދެކޮޅަށް ޒުވާނުންނާއި ސްކޫލްދަރިވަރުން އިސްވެ ކުރަމުން މިދާ މުޒާހަރާތަކުގައި މިހާތަނަށް 19 މީހަކު މަރުވެ އެތައް ބަޔަކަށް އަނިޔާވެފައިވެއެވެ.
Ads by MACL
