ފްރާންސްގައި ކުރިއަށްދާ މުޒާހަރާތަކުގައި ޓެލެގްރާމްގެ ދައުރާމެދު ފަޚުރުވެރިވަން: ޓެލެގްރާމްގެ ބާނީ
ފްރާންސްގައި މިހާރު ކުރިއަށްދާ ސަރުކާރު އިދިކޮޅު މުޒާހަރާތަކުގައި ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓެލެގްރާމްގެ ދައުރާމެދު ފަޚުރުވެރިވާކަމަށް އެ ކުންފުނީގެ ބާނީ ޕަވެލް ދުރޯވް ވިދާޅުވެއްޖެއެވެ. ދުރޯވް މިހެން ވިދާޅުވެފައިވަނީ އެމެރިކާގެ ސޯޝަލް މީޑިއާ ކުންފުނި އެކްސް (ކުރީގެ ޓްވިޓާ) ގައި ކުރެއްވި ޕޯސްޓެއްގައެވެ.
"ފްރާންސްގައި (ރައީސް އެމަނުއެލް) މެކްރޯންގެ ނާކާމިޔާބު ސިޔާސަތުތަކާ ދެކޮޅަށް ކުރިއަށްދާ މުޒާހަރާތަކަށް ޓެލެގްރާމް އަކީ ވަސީލަތެއް ކަމަށްވުމުން ފަޚުރުވެރިވަން. 8 އަހަރުވަންދެން އިހުމާލުވެފައިވުމަށްފަހު، މީހުން މިހާރު ތިބީ ހުސް ޕީއާރު އާއި ދައްކާފޯރުވުންތަކަށް ފޫހިވެފައި - އަދި އެމީހުން ދަނީ ރައްދުދެމުން،" ދުރޯވް ލިޔުއްވިއެވެ.
މި މުޒާހަރާތައް ފެށިފައިވަނީ ސެޕްޓެމްބަރު 10 ގައި "ބްލޮކް އެވްރީތިންގ" ގެ ނަމުގައި ސޯޝަލް މީޑިއާގައި ކުރެވުނު ގޮވާލުންތަކަކާ ގުޅިގެންނެވެ. މި ގޮވާލުމުގެ ބޭނުމަކީ ބޮޑުވަޒީރު ފްރާންސުއާ ބޭރޯގެ ގައުމީ ބަޖެޓު ރޭވުމާ ދެކޮޅަށް ގައުމު ހުއްޓުވައިލުމެވެ.
Ads by BML"ލެސް އެސެންޝަލްސް" ކިޔާ ކުޑަ އޮންލައިން ގްރޫޕަކުން ފެށި މި ހަރަކާތަށް ފާރ-ލެފްޓް ފްރާންސް އަންބޯޑް (އެލްއެފްއައި) ޕާޓީގެ އެއްބާރުލުން ލިބުމާއެކު އިތުރު ހިތްވަރު ލިބިގެން ދިޔައެވެ. އެމީހުން ބުނީ "ސެޕްޓެމްބަރު 10 ގައި އަޅުގަނޑުމެން ހުރިހާ ކަމެއް ހުއްޓުވަނީ، ފިލަން ނޫން، ނޫނެކޭ ބުނަން" ކަމަށެވެ.
މިދިޔަ ހޯމަ ދުވަހު ނެޝަނަލް އެސެމްބްލީގައި ބޭރޯއަށް އިތުބާރު ނުލިބުމުން ފްރާންސްގައި ސިޔާސީ ހަމަނުޖެހުންތައް އަންނަނީ އިތުރުވަމުންނެވެ. ބޭރޯ ވަނީ ޖުލައި މަހު 2026 ވަނަ އަހަރަށް ބަޖެޓުގެ ތަފްސީލުތައް ހާމަކޮށް، ގައުމުގެ ދަރަނި ކުޑަކުރުމަށްޓަކައި 44 ބިލިއަން ޔޫރޯ (51 ބިލިއަން ޑޮލަރު) ސަލާމަތްކުރުމަށް ރާވާފައިވާ ކަމަށް ބުނެފައެވެ. މިހާރު ފްރާންސްގެ ދަރަނީގެ ނިސްބަތް ޖީޑީޕީގެ 113% އަށް އަރައެވެ.
މިދިޔަ އަންގާރަ ދުވަހު މެކްރޯން ވަނީ އާމްޑް ފޯސަސް މިނިސްޓަރު ސެބަސްޓިއަން ލެކޯނޫ ގައުމުގެ އާ ބޮޑުވަޒީރަކަށް ހައްދަވާފައެވެ. އޭނާއާ ހަވާލުކުރެވިފައިވަނީ އާ ސަރުކާރެއް އެކުލަވާލުމުގެ ކުރިން ސިޔާސީ ޕާޓީތަކާ މަޝްވަރާކުރުމެވެ.
Ads by MACL
