ބުދަ، 18 ނޮވެމްބަރު 2026
ދީން

ނަމާދުގައި ޚުޝޫޢަތްތެރިވުމަކީ ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީގެ ތަޅުދަނޑި: ޚުތުބާ

ނަމާދުގައި ޚުޝޫޢަތްތެރިވުމަކީ ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީގެ ތަޅުދަނޑި: ޚުތުބާ

ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމަށްޓަކައި ނަމާދުގައި ޚުޝޫޢަތްތެރިވުމުގެ މުހިންމުކަމަށް މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވައިލައިފިއެވެ. ޚުތުބާގެ މައިގަނޑު މައުޟޫއަކީ "ނަމާދުގައި ޚުޝޫޢަތްތެރިވުން" ކަމަށްވާއިރު، އީމާންކަމަށްފަހު އަޅާގެ މައްޗަށް އެންމެ މުހިންމު އަޅުކަމަކީ ނަމާދުކަން ފާހަގަކޮށް، ޤިޔާމަތްދުވަހު ހިސާބުބެއްލެވޭ ހިނދު އެންމެ ފުރަތަމަ ސުވާލުކުރެވޭނީ ނަމާދާ ބެހޭގޮތުން ކަމަށް ބަޔާންކުރިއެވެ.

ނަމާދު ރަނގަޅުވެއްޖެނަމަ ކާމިޔާބީ ލިބޭނެކަމަށާއި، ނަމާދު ގޯސްވެއްޖެނަމަ ހަލާކުވެ ގެއްލިދާނެކަމަށް ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވާ ބަސްފުޅު ޚުތުބާގައި ހިމަނާފައިވެއެވެ. މުސްލިމު އަޅާ ފަރުޟު ފަސް ނަމާދު އަދާކުރަންޖެހޭނީ ތާހިރުކަންމަތީ ހުރެ، ދެއްކުންތެރިކަމެއްނެތި، މަޑުމައިތިރިކަމާއި ޚުޝޫޢަތްތެރިކަމާއެކު، ހިތްނިޔަތް ޚާލިޞްކޮށްގެން މާތް ﷲއަށްޓަކައި ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ވަނީ ނަމާދުގައި ޚުޝޫޢަތްތެރިވުމަކީ މުއުމިނުންނަށް ކާމިޔާބު ލިބިގެންދާނެ ސަބަބެއް ކަމަށް ބަޔާންކޮށް، މާތް ﷲ ގެ ވަޙީބަސްފުޅެއް ހިމަނާފައިވެއެވެ: "މުއުމިނުން ކާމިޔާބުވެއްޖެކަން ކަށަވަރެވެ. އެއުރެންނީ، އެއުރެންގެ ނަމާދުގައި މަޑުމައިތިރިވެ ތިބޭ މީހުންނެވެ." (އަލްމުއުމިނޫން: 1-2). މީގެ އިތުރަށް، ނަމާދުގައި ފަރުވާކުޑަކޮށް ޣާފިލުވެ ތިބޭ މީހުންނަށް ގެއްލުމާއި ހަލާކުހުރިކަން އަންގަވާ މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްވެސް ޚުތުބާގައި ފާހަގަކުރިއެވެ: "ފަހެ، އެއުރެންގެ ނަމާދާ މެދު ޣާފިލުވެ ތިބެ، ނަމާދުކުރާ މީހުންނަށް ގެއްލުމާއި ހަލާކުހުށްޓެވެ." (އަލްމާޢޫން: 4-5).

މި ދެ އާޔަތުން ދޭހަވަނީ ނަމާދުކުރަންވީ ޚުޝޫޢަތްތެރިކަމާއެކު ކަމަށާއި، ފަރުވާކުޑަކޮށް ކުރާ ނަމާދުން އެއްވެސް ދަރުމައެއް ނުލިބޭނެކަން ކަމަށް ޚުތުބާގައި ބަޔާންކުރިއެވެ. ނަމާދުގައި ޚުޝޫޢަތްތެރިވުމަކީ ވަރަށް މުހިންމު ކަމެކެވެ. ރަނގަޅު ގޮތުގައި ނަމާދު އަދާކުރާ މީހުންނަށް އުޚުރަވީ ސަވާބުގެ އިތުރަށް ދުނިޔެވީ ޙަޔާތުގެ ޢަމަލުތައްވެސް ހެއުވެ، ޞާލިޙުވެ، ނުބައިކަންތަކާއި މުންކަރާތްތަކުން ރައްކާތެރިކޮށްދޭނެކަން ޚުތުބާގައި ފާހަގަކުރެވުނެވެ.

ޚުތުބާގައި ވަނީ ނަމާދުގައި ޚުޝޫޢަތްތެރިކަމެއް ނެތި، ހިތަށް އެރިހައި ހަރަކާތެއްކޮށް، އެތަންމިތަން ބަލަމުން ނަމާދުކުރާ މީހުންނަށް ލިބޭނެ ސަވާބާ މެދު ވިސްނާލުމަށް އިލްތިމާސްކުރައްވައިފައެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގައިވެއެވެ: "ބައެއް މީހުން ނަމާދުން ފައިބާ އިރު، އޭނާއަށް އެ ނަމާދުގެ ދިހަބައިކުޅައެއްބައި، ނުވަބައިކުޅައެއްބައި، އަށްބައިކުޅައެއްބައި، ހަތްބައިކުޅައެއްބައި، ހަބައިކުޅައެއްބައި، ފަސްބައިކުޅައެއްބައި، ހަތަރުބައިކުޅައެއްބައި، ތިންބައިކުޅައެއްބައި، ނުވަތަ ދެބައިކުޅައެއްބައި ވެސް ސަވާބުގެ ގޮތުގައި ނުލިޔުއްވެއެވެ."

ނަމާދުގައި މަޑުމައިތިރިވެ ޚުޝޫޢަތްތެރިވުމަށް ގޮވާލައްވައި، އެކަމަށްޓަކައި ކުރެވިދާނެ ކަންތައްތަކެއްވެސް ޚުތުބާގައި ފާހަގަކުރިއެވެ. އެގޮތުން ނަމާދަކީ ޙަޔާތުގައި އެންމެ އިސްކަންދޭ އަޅުކަންކަމުގައި ހެދުމަށާއި، ވަގުތުވީމާ ކޮށްލައި އުޅޭ ކަމަކަށް ނަހަދައި، އެ އަޅުކަމަށް ވަގުތު ހުސްކޮށްގެން ކުރާހިތުން ގަޔާވެގެން އޭގެ ވަގުތުގައި އަދާކުރާ އަޅުކަމަކަށް ހެދުމަށް ޚުތުބާގައި އިރުޝާދު ދެއްވިއެވެ.