ފަލަސްތީނުގެ ދަޢުލަތް އުފެއްދުމުގެ ގަރާރު އދ.ގެ އާންމު މަޖިލީހުން ފާސްކޮށްފި
ހަމާސްގެ ބައިވެރިވުމެއް ނެތް ފަލަސްތީނުގެ ދަޢުލަތެއް އުފެއްދުމުގެ ގަރާރު އދ.ގެ އާންމު މަޖިލީހުން ފާސްކޮށްފިއެވެ.
ފަލަސްތީނު-އިޒްރޭލު މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރެވުނު މުހިންމު މަސައްކަތެއްގެ ގޮތުގައި، ހަމާސް ޖަމާއަތުގެ ބައިވެރިވުމެއް ނެތި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް އދ.ގެ އާންމު މަޖިލީހުން މިއަދު ވަނީ "ނިއު ޔޯކް ޑެކްލަރޭޝަން" ފާސްކޮށްފައެވެ. މި ގަރާރަކީ ދެ ދައުލަތުގެ އުސޫލުގެ މައްޗަށް ބިނާކޮށް، ސުލްހަވެރިކަމާއެކު ދިރިއުޅެވޭނެ މަގެއް ކޮށުމަށް އެޅުނު ފިޔަވަޅެކެވެ.
ފްރާންސާއި ސައޫދީ އަރަބިއްޔާގެ އިސްނެގުމަށް ހުށަހެޅުނު މި ގަރާރަށް އދ.ގެ 193 މެންބަރު ގައުމުގެ ތެރެއިން 142 ގައުމަކުން ތާއީދުކޮށް ވޯޓު ދިނިއިރު، ހަމާސްއިން ޣައްޒާގެ ކޮންޓްރޯލް ދޫކޮށްލައި ފަލަސްތީން އޮތޯރިޓީއަށް ހަތިޔާރު ހަވާލުކުރުމަށް ގޮވާލާފައިވެއެވެ. އަދި އޮކްޓޫބަރު 7 ގައި ހަމާސް ދިން ހަމަލާ ކުށްވެރިކޮށް، އިޒްރޭލުގެ ހުރިހާ އަސީރުން މިނިވަންކުރުމަށް ވެސް ގަރާރުގައި ބާރުއަޅާފައިވެއެވެ. މި ގަރާރާ ދެކޮޅަށް 10 ގައުމަކުން ވޯޓު ދީފައިވާއިރު، އޭގެ ތެރޭގައި އިޒްރޭލާއި އެމެރިކާ ހިމެނެއެވެ. 12 ގައުމަކުން ވޯޓުގައި ބައިވެރިއެއް ނުވެއެވެ.
އިޒްރޭލުން ވަނީ މި ގަރާރަކީ ހަމާސްގެ ހަމަލާގެ ބަދަލުގައި ދެވޭ "އިނާމެއް" ކަމަށް ބުނެ އެކަމާ ދެކޮޅު ހަދާފައެވެ. މީގެ އިތުރުން، ގަރާރު ފާސްކުރުމުގެ ކުރިން އިޒްރޭލުން އިއްޔެ ވަނީ ގުދުސް ކައިރީގައިވާ ހުޅަނގު އައްސޭރީގައި ޔަހޫދީން އާބާދުކުރުމުގެ މަސައްކަތް ފަށާފައެވެ. އެ ރަސްމިއްޔާތުގައި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ފަލަސްތީނުގެ ދައުލަތެއް އުފެއްދިޔަ ނުދޭނެ ކަމަށް އިންޒާރު ދެއްވާފައެވެ.
Ads by BML"ނިއު ޔޯކް ޑެކްލަރޭޝަން" ގައި، އދ.ގެ ސަލާމަތީ މަޖިލީހުގެ ބެލުމުގެ ދަށުން ބައިނަލްއަގުވާމީ "ސްޓެބިލައިޒޭޝަން މިޝަނެއް" ގާއިމުކުރުމަށް ވެސް ހުށަހަޅާފައިވެއެވެ. މި މިޝަންގެ މައިގަނޑު މަގްސަދަކީ ފަލަސްތީނުގެ އާންމު ރައްޔިތުންނަށް އެހީތެރިވުމާއި، ސަލާމަތީ ޒިންމާތައް އަދާކުރުމުގައި ފަލަސްތީން އޮތޯރިޓީއަށް އެހީތެރިވުމެވެ.
Ads by MACL
