ކުރީގެ ބޮކްސިން ޗެމްޕިއަން ރިކީ ހެޓަން 46 އަހަރުގައި މަރުވެއްޖެ
ކުރީގެ ބޮކްސިން ދުނިޔޭގެ ޗެމްޕިއަން ރިކީ ހެޓަން 46 އަހަރުގައި މަރުވެއްޖެކަމަށް ގްރޭޓަރ މެންޗެސްޓަރ ޕޮލިހުން ކަށަވަރުކޮށްދީފިއެވެ. ހެޓަން މަރުވެފައި އޮއްވައި ފެނިފައިވަނީ އޭނާގެ ގެއިން، އާދިއްތަ ދުވަހުގެ ހެނދުނުއެވެ. މި މައްސަލައިގައި ޝައްކު ކުރެވޭފަދަ ކަމެއް ހިނގާފައިވާކަމަށް ނުފެންނަކަމަށް ފުލުހުން ބުނެއެވެ.
"ދަ ހިޓްމަން" ގެ ނަމުން މަޝްހޫރުވެފައިވާ ހެޓަން އަކީ މެންޗެސްޓަރގައި އުފަންވެފައިވާ ބޮކްސަރެކެވެ. އޭނާ ވަނީ ލައިޓް-ވެލްޓަރވޭޓް އަދި ވެލްޓަރވޭޓް ބައިން ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައެވެ. 15 އަހަރުގެ ކެރިއަރުގައި އޭނާ ވަނީ 48 މެޗުން 45 މެޗު ކާމިޔާބުކޮށްފައެވެ. 2012 ވަނަ އަހަރު އޭނާ ވަނީ ބޮކްސިން ކެރިއަރު ނިންމާލާފައެވެ.
ހެޓަންގެ ވަކިވެދިއުމާއި ގުޅިގެން ކުޅިވަރު ދުނިޔެއިން ގިނަ ބަޔަކު ވަނީ ހިތާމަ ފާޅުކޮށްފައެވެ. އޭގެ ތެރޭގައި ކުރީގެ އިނގިރޭސިވިލާތުގެ ފުޓްބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމް އާއި ހެވީވޭޓް ޗެމްޕިއަން ޓައިސަން ފިއުރީ ހިމެނެއެވެ.
Ads by BMLމެންޗެސްޓަރ ސިޓީގެ ސަޕޯޓަރެއްގެ ގޮތުގައި ހެޓަން އަށް ފުޓްބޯޅަ ދުނިޔެއިން ވެސް ވަނީ އިހުތިރާމް އަދާކޮށްފައެވެ. މެންޗެސްޓަރ ސިޓީ އާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ކުރިން އެތިހާދު ސްޓޭޑިއަމްގައި ވަނީ އެއް މިނެޓުގެ ސަޕޯޓަރުންގެ ސުކޫތެއް ގެނެސްފައެވެ. ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އޭނާ ސިފަކޮށްފައިވަނީ "ސަޗާ ޗެމްޕިއަނެއް" އަދި "މެން ސިޓީ އާއިލާގެ ބައެއް" ކަމަށެވެ. ހެޓަންގެ ބެލްޓްތައް ރިންގަށް ގެންދިޔަ ވޭން ރޫނީ އެކްސްގައި ބުނެފައިވަނީ އޭނާ "ހިތްދަތިވެފައިވާ" ކަމަށާއި، އޭނާ އަކީ "ލެޖެންޑެއް، ހަނގުރާމަވެރިއެއް އަދި މޮޅު މީހެއް" ކަމަށެވެ.
ހެޓަންގެ ކެރިއަރުގައި ކޮސްޓްޔާ ޒްޔޫ އަދި ހޯސޭ ލުއިސް ކާސްޓިލޯ އާއި ދެކޮޅަށް ހަނދާން ނައްތާނުލެވޭފަދަ ކާމިޔާބީތަކެއް ހޯދާފައިވެއެވެ. އޭނާ ބަލިވެފައިވަނީ ހަމައެކަނި ބޮކްސިންގެ ބޮޑެތި ކުޅުންތެރިން ކަމަށްވާ ފްލޮއިޑް މޭވެދަރ އަދި މެނީ ޕެކިއާއޯ އަތުންނެވެ.
ފަހުގެ އަހަރުތަކުގައި ހެޓަން ވަނީ ކުޅިވަރާއި ގާތުން ގުޅުން ބަހައްޓާފައެވެ. 2012 ވަނަ އަހަރު އޭނާ ވަނީ ކަމްބެކް ކުރުމަށް މަސައްކަތްކޮށްފައެވެ. 2022 ވަނަ އަހަރު މާކޯ އެންޓޯނިއޯ ބެރޭރާ އާއި އެކު އެގްޒިބިޝަން މެޗެއް ކުޅެފައިވެއެވެ. އަދި މި އަހަރުގެ ކުރީކޮޅު ދުބާއީގައި އީސާ އަލް ދާހް އާއި ދެކޮޅަށް ނުކުތުމަށް ރާވާފައިވާކަން އިއުލާންކޮށްފައިވެއެވެ.
އޭނާ ވަނީ ޑިޕްރެޝަންގެ މައްސަލަތަކާއި ބެހޭގޮތުން ހުޅުވާލައިގެން ވާހަކަ ދައްކާފައެވެ. އަދި 2023 ވަނަ އަހަރު އޭނާގެ އަމިއްލަ ދިރިއުޅުމުގެ ދަތިތަކާއި ނަފްސާނީ ސިއްހަތާއި ބެހޭގޮތުން ހެދި ޑޮކިއުމެންޓަރީ "ހެޓަން" ގައި ވެސް އޭނާ ފީޗަރ ކޮށްފައިވެއެވެ.
Ads by MACL
