ޕާކިސްތާނުގެ ކުޑަ ކުދިންގެ ޓީވީ ތަރި އުމަރު ޝާހު 15 އަހަރުގައި ނިޔާވެއްޖެ
ޕާކިސްތާނުގެ ކުޑަ ކުދިންގެ ޓީވީ ތަރި އުމަރު ޝާހު، 15 އަހަރުގައި ކާޑިއެކް އެރެސްޓެއް ޖެހިގެން ނިޔާވެއްޖެއެވެ. އޭނާ ނިޔާވީ އޭނާގެ އުފަން ރަށް ކަމަށްވާ ޑެރާ އިސްމާއިލް ޚާންގައެވެ.
އުމަރު ޝާހުގެ ކާޑިއެކް އެރެސްޓަށް މެދުވެރިވީ ހޮޑުލެވުމުގެ ސަބަބުން ފުއްޕާމެޔަށް ފެންއެޅިގެން ކަމަށް އާއިލާ އާއި މެޑިކަލް ރިޕޯޓުތަކުން ބުނެއެވެ. މީގެ ކުރިން އޭނާގެ ގޭތެރެއިން ކާނާވިހަވި ކަމަށް ވެސް ރިޕޯޓުކޮށްފައިވީ ނަމަވެސް، މި ހާދިސާއާ އޭނާ ނިޔާވުމާ ގުޅުމެއްވާ ކަމެއް ސާފެއް ނޫނެވެ.
އުމަރު ޝާހުގެ ބޭބެ އަހުމަދު ޝާހު ވަނީ އިންސްޓަގްރާމް މެދުވެރިކޮށް މި ހިތާމަވެރި ޚަބަރު ހިއްސާކޮށް، އުމަރަށާއި އޭނާގެ އާއިލާއަށް ދުޢާ ކުރުމަށް އެދިފައެވެ. އަހުމަދު ޝާހު ލިޔެފައިވަނީ، "އަޅުގަނޑުމެންގެ އާއިލާގެ ކުޑަ ތަރި އުމަރު ޝާހު، ﷲ ސުބުހާނަހޫ ވަތަޢާލާގެ ހަޟުރަތަށް ދަތުރުކޮށްފިއެވެ. އެންމެން ވެސް އޭނާއަށާއި އަޅުގަނޑުމެންގެ އާއިލާއަށް ދުޢާ ކޮށްދެއްވުން އެދެމެވެ." މި ހާދިސާއަކީ މި އާއިލާއަށް ދިމާވި ދެވަނަ ހިތާމަވެރި ކަމެވެ. 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެމީހުންގެ އެންމެ ހަގު ކޮއްކޮ އާއިޝާ ވެސް ވަނީ ނިޔާވެފައެވެ.
Ads by BMLއުމަރު ޝާހު މަޝްހޫރުވެގެން ދިޔައީ އޭނާގެ ބޭބެ އަހުމަދު ޝާހާއެކު ސޯޝަލް މީޑިއާގެ ތަރިއެއްގެ ގޮތުގައެވެ. އެ ދެބެންގެ ވެސް މަޝްހޫރުކަން އިތުރުވީ 'ޖީތޯ ޕާކިސްތާން' އަދި 'ޝާން-އީ-ރަމަޟާން' ފަދަ ޓީވީ ޝޯތަކުންނެވެ. ޚާއްސަކޮށް، އެމީހުންގެ 'ޕީޗޭ ތޯ ދޭކޯ' ވައިރަލް ރީލް އަކީ ގިނަ ބަޔަކު ދެކެން ބޭނުންވި އެއްޗެކެވެ.
އުމަރު ޝާހުގެ މަރާއެކު ޕާކިސްތާނުގެ ފިލްމީ ދާއިރާގެ ގިނަ ތަރިން ވަނީ ހިތާމަ ފާޅުކޮށްފައެވެ. 'ޖީތޯ ޕާކިސްތާން' ގެ ހޯސްޓު ފަހަދު މުސްތަފާ ވަނީ އުމަރު ޝާހުގެ މަރާ ގުޅިގެން ހައިރާންކަން ފާޅުކޮށް، އެއްޗެއް ބުނަން ނޭނގޭ ކަމަށް ބުނެފައެވެ.
އެކްޓަރު އަދުނާން ސިއްދީގީ ވަނީ އުމަރު ޝާހަކީ 'އުފާވެރިކަމާއި ސާފުކަމުގެ އަލިކަމެއް' ކަމަށް ސިފަކޮށްފައެވެ. މީގެ އިތުރުން މަހީރާ ޚާން، ހިނާ އަލްތާފް، މޯމަލް ޝައިޚް، ޝައިސްތާ ލޯދީ، ކުރީގެ ކްރިކެޓް ކުޅުންތެރިޔާ ސަރފަރާޒް އަހުމަދު، އަދި ކުޑަ އިންފްލުއެންސަރު މުހައްމަދު ޝިރާޒް ވެސް ވަނީ އުމަރު ޝާހުގެ މަރަށް ހިތާމަ ފާޅުކޮށްފައެވެ.
Ads by MACL
