އިސްރާއީލުން ހައްޔަރުކުރި ފަލަސްތީނުގެ ރައްޔިތުންނަށް ހުއްޓުމެއްނެތި އަނިޔާކުރަމުންދާތި އދ.އިން ކަންބޮޑުވުން ފާޅުކޮށްފި
އިސްރާއީލުގެ ޖަލުތަކުގައި ބަންދުކުރެވިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއީލު ސިފައިން ނިރުބަވެރިކަމާއެކު އަނިޔާކުރުން ހުއްޓުމެއްނެތި ކުރިއަށްދާކަމަށް، ފަލަސްތީނުގެ ސަރަހައްދުގައި ހުންނަ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުގެ ވެރިޔާ އަޖިތު ސުންގޭ، ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި އިސްރާއީލުގެ އެކި ޖަލުތަކާއި ޑިޓެންޝަން ސެންޓަރުތަކުގައި 10,000 އަށް ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ތިބިއިރު، އެމީހުންނަށް ލާއިންސާނީ ގޮތްގޮތަށް އިހާނެތި އަނިޔާތައް ދެމުންދަނީ ހުއްޓުމެއްނެތިއެވެ.
ސުންގޭ އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، ހައްޔަރުކުރެވުނު ފަރާތްތަކުގެ ހެކިބަސްތަކުން އެމީހުންގެ ހާލަތު "ވަރަށް ގޯސް" ކަން ހާމަވާ ކަމަށެވެ. އަދި އައިސީއާރުސީ ހިމެނޭ ގޮތަށް ބައިނަލްއަގްވާމީ އެއްވެސް އިދާރާއަކަށް ޖަލުތަކުގެ އެތެރޭގެ ހާލަތު ބެލުމުގެ ފުރުސަތު ނުލިބޭ ކަމަށާއި، ފަލަސްތީނުގެ ރައްޔިތުންނާ މެދު އިންސާނީ ގޮތުން އެކަށީގެންވާ ގޮތުގައި އަމަލުކުރަން ޖެހޭ ކަމަށް ބުނެ ކޯޓުން ނެރެފައިވާ ހުކުމްތަކަށް އިސްރާއީލުގެ ސިޔާސީ ބޭފުޅުން ތަބާނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
Ads by BML"ހިތާމައަކީ އަވަހަށް މި ހާލަތު ބަދަލުވާނެ ކަމުގެ އެއްވެސް އުންމީދެއް ނެތުން،" ސުންގޭ ވިދާޅުވިއެވެ. "މި ހާލަތު ބަދަލުކޮށް ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާއި އިންސާނީ ގާނޫނުތަކަށް ތަބާވާކަން ޔަގީން ކުރުމަށް އިސްރާއީލަށް އެކަށީގެންވާ ޕްރެޝަރެއް ނެތް،" މި ބަސްތަކުން މި މައްސަލައިގެ ހައްލު ނެތްކަން ހާމަވެއެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި ގިނަ އަދަދެއްގެ މީހުން ދައުވާއެއް ނުވަތަ ޝަރީއަތެއް ނެތި ވެސް ތިބީ ބަންދުކުރެވިފައެވެ. ސުންގޭ އިތުރަށް ވިދާޅުވީ އިސްރާއީލުގެ ޖަލުތަކުގައި ހައްޔަރުކޮށްފައިވާ މީހުންނަށް އަނިޔާކުރުމުގެ ތާރީހެއް އޮންނަ ކަމަށެވެ.
އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީސް (އޯއެޗްސީއެޗްއާރް) އިން އިއްޔެ ހާމަކުރި ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާދޭން ފެށި ފަހުން، އިސްރާއީލުގެ ބަންދުގައި ހުރި ފަލަސްތީނުގެ މަދުވެގެން 75 މީހުން ޝަހީދުވެފައިވެއެވެ. މީގެ ތެރޭގައި 27 އަހަރުގެ ކުޑަ ކުއްޖަކު ވެސް ހިމެނެއެވެ.
އޯއެޗްސީއެޗްއާރް އިން ގޮވާލާފައިވަނީ، ބަންދުކޮށްފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއީލު ފުލުހުން ހިންގާ ނިޒާމީ އަނިޔާއާއި އަނިޔާވެރި އަމަލުތައް ވަގުތުން ހުއްޓާލުމަށެވެ.
Ads by MACL
