މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ބާއްޖަވެރިކަމުގެ ތަޅުދަނޑި: ހުކުރު ޚުތުބާ
މިއަދުގެ ހުކުރު ޚުތުބާގައި މުޖުތަމައު އިސްލާހުކުރުމަށް އެންމެންގެ ޒިންމާގެ މައްޗަށް އަލިއަޅުވައި، ޚާއްސަކޮށް މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ބާއްޖަވެރިކަމުގެ ތަޅުދަނޑިކަމަށް ހަނދާންކޮށްދީފިއެވެ.
މުޖުތަމަޢުގައި ހިނގާ ނޭދެވޭ ކަންކަމުގެ ތެރެއިން މައިންބަފައިންނަށް ނުކިޔަމަންތެރިވުމާއި އެހީތެރިކަން ނުދިނުމަކީ ބޮޑު މައްސަލައެއްކަން ޚުތުބާގައި ފާހަގަކުރިއެވެ.
ޚުތުބާގައި ބުނެފައިވަނީ މާތް ﷲ އިންސާނާއަށް ވަޞިއްޔަތް ކުރައްވައިފައިވާ އެއްކަމަކީ މައިންބަފައިންނަށް އިޙުސާންތެރިވުން ކަމަށާއި އެއީ އެކަމުގެ މަތިވެރިކަމުން ކަމަށެވެ. މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ އިންސާނާގެ އުމުރުގައި ބަރަކާތް ލައްވާ އަދި ބާއްޖަވެރިކަން ގެނެސްދޭ ކަމެއް ކަމަށް ޚުތުބާގައި ފާހަގަކުރިއެވެ. އެހެންކަމުން، މުސްކުޅިވީ ދުވަހު ނިކަމެތިކޮށް އެބައިމީހުން ދޫކޮށްނުލުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.
Ads by BMLޚުތުބާގައި މީސްތަކުންނަށް ހަނދާންކޮށްދީފައިވަނީ ކުޑައިރު ނިދި ނަގާލައިގެން އުފަލާއި ހިތްހަމަޖެހުމަށް މަސައްކަތްކޮށް، އުފާވެރިކަން ހޯދައިދިން ލޮބުވެތި މަންމައާއި ބައްޕައަށް، އެބައިމީހުން މުސްކުޅިވެ ގައިބާރު ދެރަވެފައިވާއިރު އެހީތެރިވެ އޯގާތެރިވުމަށެވެ.
މައިންބަފައިންގެ ހައްގުގެ އިތުރުން މުޖުތަމައުގައި ހިނގާ އެހެނިހެން ނޭދެވޭ ކަންކަމަށް ވެސް ޚުތުބާގައި އަލިއަޅުވާލިއެވެ. މިސްކިތްތަކުގެ ހުރުމަތް ކެނޑުމާއި، ވިޔަފާރީގައި ތެދުވެރި ނުވުމާއި، ކުރާ ކޮންމެ ކަމެއްގައި އިޚުލާސްތެރި ނުވުން ފަދަ ކަންކަން ފާހަގަކުރިއެވެ. އަދި، މިކަންކަން ހައްލުކުރުމަށް އިޚުލާސްތެރިކަމާއެކު މަސައްކަތްކުރުމަށް ގޮވާލިއެވެ.
ބަންގީގެ އަޑު އިވޭއިރު ވެސް މާއްދިއްޔަތަށްޓަކައި ފިހާރަތަކާއި ހޮޓާތައް ހުޅުވައިގެން ޚިދުމަތްދިނުމާއި، މުޖުތަމަޢުގެ އިސްލާމީ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ފޭރާން އެޅުމާއި، ނިވާކަން ކުޑަ ފޮޓޯތަކާއި އިޝްތިހާރުތައް ހަރުކުރުން ފަދަ ކަންކަމަކީ އަހަރެމެންނަށް ހައްލުކުރެވޭނެ ކަންކަން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
Ads by MACL
