ރައީސް ޓްރަމްޕްގެ "ޓްރަމްޕް ގޯލްޑް ކާޑު" ތައާރަފްކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް "ޓްރަމްޕް ގޯލްޑް ކާޑު" ގެ ނަމުގައި އާ ޕްރޮގްރާމެއް ތައާރަފްކޮށްފިއެވެ. މި ކާޑު ތައާރަފްކޮށްފައިވަނީ އެމެރިކާގެ އިމިގްރޭޝަން ނިޒާމަށް އެހީތެރިވުމުގެ ގޮތުންނެވެ.
ޓްރަމްޕް ވިދާޅުވެފައިވާ ގޮތުގައި، މި ކާޑު އަމިއްލަ ފަރާތްތަކަށް 1 މިލިއަން ޑޮލަރަށް ލިބޭނެ ކަމަށެވެ. އަދި ކޯޕަރޭޝަންތަކަށް 2 މިލިއަން ޑޮލަރަށް ލިބޭނެ ކަމަށެވެ. ޓްރަމްޕް ވިދާޅުވީ ގަވާއިދާ ޚިލާފަށް ގައުމަށް ވަންނަ މީހުންގެ ސަބަބުން ގައުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް މި ކާޑުގެ ޕްރޮގްރާމް އެހީތެރިވެދޭނެ ކަމަށެވެ.
"ގަވާއިދާ ޚިލާފު ބޭރުގެ ފަސްމިލިއަނަށް ވުރެ ގިނަ މީހުން އަޅުގަނޑުމެންގެ ގައުމަށް ވަދެފައިވާތީ، އަޅުގަނޑުމެންގެ އިމިގްރޭޝަން ނިޒާމު ހަލާކުވެއްޖެ، އެމެރިކާގެ ރައްޔިތުންނާއި، ޓެކްސް ދައްކާ ފަރާތްތަކަށް އަޅުގަނޑުމެންގެ ގާނޫނީ އިމިގްރޭޝަން ނިޒާމުގެ ފައިދާ ލިބެންވީ ދުވަސް މިއޮތީ ޖެހިފައި." ޓްރަމްޕް ވިދާޅުވިއެވެ.
Ads by BMLމި ޕްރޮގްރާމްގެ ދަށުން 100 ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ އަވަހަށް ހޯދުމަށް އަމާޒުކޮށްފައިވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. މި ފައިސާ ބޭނުންކުރާނީ ޓެކްސް ކުޑަކުރުމަށް، އިގްތިސާދު ކުރިއެރުވުމަށް މަޝްރޫއުތަކަށް ހަރަދުކުރުމަށް އަދި ގައުމީ ދަރަނި ކުޑަކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ކާޑު ވިއްކުމުން އެމެރިކާގެ އިމިގްރޭޝަން ނިޒާމު ހަރުދަނާވެ، ގަވާއިދާ ޚިލާފަށް ގައުމަށް ވަންނަ މީހުންގެ މައްސަލަ ހައްލުވާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. މި ޕްރޮގްރާމަކީ އިމިގްރޭޝަން ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ޓްރަމްޕް ހުށަހެޅުއްވި އާ ހައްލެކެވެ.
ޓްރަމްޕް ވަނީ "trumpcard.gov/" ޒިޔާރަތްކޮށް މި ކާޑު ގަތުމަށް ދައުވަތު ދެއްވާފައެވެ. ޕްރޮގްރާމުގެ ކާމިޔާބީއާ މެދު ސިޔާސީ މަސްރަހުގައި ތަފާތު ރައުޔުތައް ދަނީ ފާޅުވަމުންނެވެ. ބައެއް ފަރާތްތަކުން މިކަމަށް ތާއީދުކުރާއިރު، އަނެއް ބައި މީހުން މިކަމާ ދެކޮޅަށް ވާހަކަ ދައްކައެވެ.
މި ޕްރޮގްރާމުގެ ސަބަބުން އެމެރިކާގެ އިމިގްރޭޝަން ސިޔާސަތުތަކަށް އަންނާނެ ބަދަލުތަކަށް ގިނަ ބަޔަކު އިންތިޒާރުކުރަމުން އެބަދެއެވެ.
Ads by MACL
