އިޒްރޭލް ބޮއިކޮޓް ކުރުމަށް ދުނިޔޭގެ އެކިކަންކޮޅުތަކުން ފަންނާނުން ގޮވާލަން ފަށައިފި
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުން ގެންދާ އަނިޔާވެރި އުދުވާންތަކާ ގުޅިގެން، ހުޅަނގުގެ ގިނަ ފަންނާނުންނާއި މަޝްހޫރު ފަރާތްތަކުން އެމީހުންގެ ދާއިރާތަކުން އިޒްރޭލް ބޮއިކޮޓް ކުރުމަށް ގޮވާލަން ފަށައިފި އެވެ. މިގޮވާލުންތަކުގެ ތެރޭގައި މިއުޒީޝަނުންނާއި ފިލްމުކުޅޭ މީހުންގެ އިތުރުން ނޫސްވެރިންނާއި ފޮތް ޝާއިޢުކުރާ ފަރާތްތައް ވެސް ހިމެެނެ އެވެ.
މި ފަންނާނުންގެ އަމާޒަކީ ދެކުނު އެފްރިކާގައި ނަސްލީ ތަފާތުކުރުން އޮތް ދުވަސްވަރު، އެ ޤައުމާ ދެކޮޅަށް ފަންނާނުން ހިންގި ބޮއިކޮޓް ކެމްޕޭނުން ލިބުނު ކާމިޔާބީ ފަދަ ކާމިޔާބީއެއް އިޒްރޭލާ ދެކޮޅަށް ހޯދުމެވެ. އިޒްރޭލާ ދެކޮޅަށް އިޤުތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ހުޅަނގުގެ ސަރުކާރުތައް ފަސްޖެހޭތީ، މިއުޒީޝަނުންނާއި މަޝްހޫރު ފަރާތްތަކުން މިކަމަށް ނުކުމެފައިވަނީ، ސަރުކާރުތަކަށް ރައްޔިތުންގެ ފަރާތުން ކުރިމަތިވާ ފިއްތުންތައް އިތުރުކުރުމުގެ އުއްމީދުގަ އެވެ.
"އަހަރެމެން މިހާރު މިތިބީ މުޅި ދުނިޔޭގައި އިޒްރޭލް ބޮއިކޮޓް ކުރުމުގެ ހަރަކާތުގެ އެންމެ ކުރީގައި ކަމާމެދު އެއްވެސް ޝައްކެއް ނެތް،" އިނގިރޭސި އެކްޓަރު ހާލިދު ޢަބްދުﷲ އޭއެފްޕީއަށް ދިން ބަސްދީގަތުމެއްގައި ވިދާޅުވި އެވެ. ޢަބްދުﷲ އަކީ "ކައިޓް ރަނާ" އާއި "ދަ ކްރައުން" އިން މަޝްހޫރުކަން ހޯދާފައިވާ އެކްޓަރެކެވެ. އޭނާ މިހެން ވިދާޅުވީ އިޒްރޭލުގެ އެކްޓަރުން އިނގިރޭސިވިލާތުގައި ހަރަކާތްތެރިވުން މަނާކުރުމަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރުމަށް ފަހުގަ އެވެ.
Ads by BML"ފަލަސްތީނަށްޓަކައި ފިލްމު މަސައްކަތްތެރިންގެ ފަރާތުން ހުޅުވާލެވިފައިވާ ސިޓީ" ގެ ނަމުގައި އެކުލަވާލާފައިވާ ޕެޓިޝަނަށް މިހާތަނަށް އެތައް ހާސް ސޮއެއް ލިބިފައިވާއިރު، އޭގައި ސޮއިކޮށްފައިވާ މަޝްހޫރު ތަރިންގެ ތެރޭގައި އެމާ ސްޓޯން އާއި ޖޯކްއިން ފީނިކްސް ހިމެނެ އެވެ. "މިކަން މިހާރު ދަނީ ބޯޅަ ގަނޑެއް ގޮވައިގެން އަންނަ ބޮޑު ސައިލެއް ފަދައިން ތަފާތު ދާއިރާތަކަށް ފެތުރެމުން. މިކަން ހަމައެކަނި ފިލްމީ ދާއިރާއަކަށް ނޫން،" ޢަބްދުﷲ ވިދާޅުވި އެވެ.
މިދިޔަ ހަފްތާގައި ބޭއްވުނު އެމީ އެވޯޑްސް ހަފްލާގައި، އެވޯޑް ހާސިލުކުރި ގިނަ ތަރިން ޣައްޒާގެ ހާލަތާ ބެހޭ ގޮތުން ވާހަކަ ދެއްކި އެވެ. މީގެ ތެރޭގައި ހާވިއާ ބާޑެމްއާއި "ހެކްސް"ގެ ތަރި ހަނާ އީން ބިންޑަ ހިމެނެ އެވެ.
އިނގިރޭސިވިލާތުގެ މަޝްހޫރު ޓްރިޕް-ހޮޕް ބޭންޑް މެސިވް އެޓޭކް އިއުލާނުކުރި ގޮތުގައި، އެ ބޭންޑުން ގެންދަނީ "ނޯ މިއުޒިކް ފޯ ޖެނޮސައިޑް" ގެ ނަމުގައި ހަރަކާތެއް ހިންގަމުންނެވެ. މި ހަރަކާތުގެ ދަށުން ފަންނާނުން މަސައްކަތްކުރާނީ އެމީހުންގެ ލަވަތައް އިޒްރޭލުގައި ސްޓްރީމްކުރުން ހުއްޓުވުމަށެވެ.
މިފަދަ ބޮއިކޮޓް ހަރަކާތްތަކުގެ ތެރެއިން އެއް ހަރަކާތަކީ ޔޫރޯވިޝަން ލަވަ މުބާރާތުގައި އިޒްރޭލަށް ބައިވެރިވުމުގެ ފުރުސަތު ނުދިނުމަށް ގޮވާލުން. އަދި ފޮތް ލިޔުންތެރިން ވެސް ވަނީ އިޒްރޭލް ބޮއިކޮޓް ކުރުމަށް ގޮވާލާ އޯޕަން ލެޓާއެއްގައި ސޮއިކުރަމުންނެވެ. ސްޕެއިންގެ ބޮޑުވަޒީރު ވެސް މަސައްކަތްކުރައްވަނީ ކުޅިވަރު މުބާރާތްތަކުން އިޒްރޭލަށް ޖާގަ ނުދިނުމަށެވެ.
ރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި، އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކުގައި ޝަހީދުވި މީހުންގެ ޢަދަދު 65,000 އަށް ވުރެ އިތުރުވެފައިވާއިރު، މި ޢަދަދު އެއްލައްކައަށްވުރެ ގިނަ ވާނެ ކަމަށް ބެލެވެ އެވެ.
މިފަދަ ބޮއިކޮޓް ހަރަކާތްތަކުގެ ތެރެއިން އެއް ހަރަކާތަކީ ޔޫރޯވިޝަން ލަވަ މުބާރާތުގައި އިޒްރޭލަށް ބައިވެރިވުމުގެ ފުރުސަތު ނުދިނުމަށް ގޮވާލުން. އަދި ފޮތް ލިޔުންތެރިން ވެސް ވަނީ އިޒްރޭލް ބޮއިކޮޓް ކުރުމަށް ގޮވާލާ އޯޕަން ލެޓާއެއްގައި ސޮއިކުރަމުންނެވެ. ސްޕެއިންގެ ބޮޑުވަޒީރު ވެސް މަސައްކަތްކުރައްވަނީ ކުޅިވަރު މުބާރާތްތަކުން އިޒްރޭލަށް ޖާގަ ނުދިނުމަށެވެ.
Ads by MACL
