ޔޫރޯވިޝަންގައި އިސްރާއީލު ބައިވެރިވާނަމަ ޕޮލެންޑުން ބައިވެރިނުވާނެ ކަމަށް ބުނެފި
ޔޫރޯވިޝަން ލަވަ މުބާރާތުގައި އިސްރާއީލު ބައިވެރިވާނަމަ، ޕޮލެންޑުން އެ މުބާރާތުގައި ބައިވެރިނުވާނެ ކަމަށް ޕޮލެންޑުގެ ސަގާފަތާއި ގައުމީ ތަރިކަ ހިމާޔަތްކުރުމާބެހޭ ވަޒީރު މާޓާ ސިއެންކޯސްކާ ވިދާޅުވެއްޖެއެވެ.
ޕޮލެންޑުގެ ޓޮކް އެފްއެމް ރޭޑިއޯއަށް ދެއްވި އިންޓަވިއުއެއްގައި ސިއެންކޯސްކާ ވިދާޅުވީ، މިއީ ސަރުކާރުގެ ވަޒީރެއްގެ ހައިސިއްޔަތުން ނޫން ކަމަށާއި، އިންސާނެއްގެ ހައިސިއްޔަތުން ދެކޭ ގޮތް ކަމަށެވެ. އަދި އެ ސަރަހައްދުގައި ހިނގަމުންދާ ކަންތައްތަކަށް ބަލާއިރު، ޔޫރޯވިޝަންގެ ހިތްހަމަޖެހުން ލިބުން ވަރަށް ދަތި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިސްރާއީލުގެ ގާޒާ ހަނގުރާމައާ ގުޅިގެން، ޔޫރޯވިޝަން 2026 ގައި އިސްރާއީލު ބައިވެރިވާނަމަ، އެ މުބާރާތުގައި ބައިވެރިނުވާނެ ކަމަށް ނުވަތަ ބައިވެރިވުމާ މެދު އަލުން ވިސްނާނެ ކަމަށް ބުނާ ގައުމުތަކުގެ އަދަދު ދަނީ އިތުރުވަމުންނެވެ. މިހާތަނަށް އައިސް، އަޔަލެންޑް، ސްލޮވީނިއާ އަދި ނެދަލެންޑްސް އިން ވަނީ އިސްރާއީލު ބައިވެރިވާނަމަ އެ މުބާރާތުގައި ބައިވެރިނުވާނެ ކަމަށް ސާފުކޮށް ބުނެފައެވެ. އަދި އައިސްލެންޑް، ބެލްޖިއަމް އަދި ސްޕެއިން އިން ވެސް މިފަދަ ފިޔަވަޅުތަކެއް އަޅާނެ ކަމުގެ އިޝާރާތްތައް ދީފައިވެއެވެ.
Ads by BML
Ads by MACL
