ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ފަލަސްޠީނު ދައުލަތް ފަރަންސޭސިވިލާތުން ރަސްމީކޮށް ބަލައިގެންފިކަން، މެކްރޯން އިއުލާން ކުރައްވައިފި

ފަލަސްޠީނު ދައުލަތް ފަރަންސޭސިވިލާތުން ރަސްމީކޮށް ބަލައިގެންފިކަން، މެކްރޯން އިއުލާން ކުރައްވައިފި

ފަލަސްޠީނު ދައުލަތް ފަރަންސޭސިވިލާތުން ރަސްމީކޮށް ބަލައިގެންފިކަން، މެކްރޯން އިއުލާން ކުރައްވައިފިއެވެ.

ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެކްރޯން ހޯމަ ދުވަހު މިކަން އިއުލާން ކުރެއްވީ ނިއުޔޯކުގައި ބޭއްވުނު ފަލަސްޠީނާ ބެހޭ ބައިނަލްއަޤްވާމީ ކޮންފަރެންސެއްގައެވެ.

"އަޅުގަނޑު އިއުލާން ކުރަން މިއަދު ފަރަންސޭސިވިލާތުން ފަލަސްޠީނު ދައުލަތް ބަލައިގަންނަ ކަމަށް." އ.ދ.ގެ ޢާންމު މަޖިލީސް ފެށުމުގެ ކުރިން މެކްރޯން ވިދާޅުވިއެވެ.

އެމަނިކުފާނު ފާހަގަކުރެއްވީ މި ބަލައިގަތުމަކީ "އިސްރާއީލަށް އަމާންކަމާއެކު ދިރިއުޅެވޭނެ ހަމައެކަނި ހައްލު" ކަމަށެވެ.

މެކްރޯން ވިދާޅުވީ ފަރަންސޭސިވިލާތުން މިކަން ބަލައިގަތުމަކީ "ހަމާސްއަށް ލިބުނު ބައްޔެއް ކަމަށާއި، ހަމައެގޮތަށް ޔަހޫދީންނަށް ނަފްރަތު އުފައްދާ، ޒަޔަނިސްޓް ޖަޒުބާތުތައް އާލާކޮށް، އިސްރާއީލު ދައުލަތް ނައްތާލަން ބޭނުންވާ ހުރިހާ ފަރާތްތަކަށް ވެސް ލިބުނު ބައްޔެއް" ކަމަށެވެ.

އަދި ފަހުން މިކަން ބަލައިގަތް އެހެން ގައުމުތަކަށް ވެސް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ. އެގައުމުތަކުގެ ތެރޭގައި އެންޑޯރާ، އޮސްޓްރޭލިއާ، ބެލްޖިއަމް، ކެނެޑާ، ލަކްސަމްބާގް، މޯލްޓާ، މޮނާކޯ، ޕޯޗުގަލް، ޔުނައިޓެޑް ކިންގްޑަމް، އަދި ސެން މެރީނޯ ހިމެނެއެވެ.

މި ބަލައިގަތުމަކީ "މަޝްވަރާތަކަށް މަގުފަހިކޮށްދޭނެ ކަމެއް ކަމަށާއި، އިސްރާއީލީންނާއި ފަލަސްޠީނުގެ ރައްޔިތުންނަށް ހަމަޖެހުމާއި ސަލާމަތުގެ ރޭވުމެއް ހޯދުމަށް މަސައްކަތް ކުރުމަށް އެހީތެރިވެދޭނެ ކަމެއް" ކަމަށް މެކްރޯން އިތުރަށް ވިދާޅުވިއެވެ.

ފަރަންސޭސިވިލާތާއި ސައުދީ އަރަބިއްޔާ ގުޅިގެން ބޭއްވި މި ކޮންފަރެންސަކީ ޖުލައި މަހު ބޭއްވުނު މިފަދަ ބައްދަލުވުމެއްގެ ފަހަތުން ބޭއްވުނު ކޮންފަރެންސެކެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާގައި ހިންގި އަސްކަރީ އޮޕަރޭޝަންތަކުގައި 65,000 އަށް ވުރެ ގިނަ ފަލަސްޠީނުގެ ރައްޔިތުން މަރުވެފައިވެއެވެ. އޭގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދީންނެވެ.