ޣައްޒާގައި އިޒްރޭލުން ދޭ ހަމަލާތަކުގައި އިތުރު 42 މީހުން ޝަހީދުވެ، އެތައް ބަޔަކު ޒަޚަމްވެއްޖެ
ޣައްޒާގައި ބުދަ ދުވަހުގެ ފަތިހު އިޒްރޭލުގެ ސިފައިން ދިން ހަމަލާތަކެއްގައި 42 ފަލަސްޠީނުގެ ރައްޔިތުން ޝަހީދުވެ، އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް މެޑިކަލް މަސްދަރުތަކުން ބުނެފިއެވެ.
ޣައްޒާގެ ސިވިލް ޑިފެންސްއިން ނެރުނު ބަޔާނެއްގައިވާ ގޮތުން، ޣައްޒާ ސިޓީގެ އަލް-ދަރަޖް އަވަށް އަމާޒުކޮށް އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި 9 ކުދިންނާއި 6 އަންހެނުން ހިމެނޭ ގޮތަށް 22 މީހުން ޝަހީދުވެ، އެތައް ބަޔަކަށް ޒަޚަމްވެފައިވެއެވެ. މި ހަމަލާ ދީފައިވަނީ ހިޖުރަކޮށްފައިވާ އާންމުން ދިރިއުޅޭ ސަރަހައްދަކަށެވެ.
Ads by BMLއަދި ހަމަ އެ އަވަށުގެ ގޭބިސީއަކަށް ދިން ބަޑީގެ ހަމަލާއެއްގައި އިތުރު ދެ މީހުން ޝަހީދުވި ކަމަށް މެޑިކަލް މަސްދަރުތަކުން އަނަދޮލޫ ނިއުސް އަށް މައުލޫމާތު ދީފައިވެއެވެ.
ޣައްޒާ ސިޓީގެ ސަބްރާ އަވަށުގައި ފަސް މީހުން ޝަހީދުވެ އެތައް ބަޔަކަށް ޒަޚަމްވި އިރު، އަލް-ރަމްލާ އަވަށުގައި އިޒްރޭލުގެ ސިފައިން ދިން ހަމަލާއެއްގައި އެހެން އާންމު ރައްޔިތަކު ޝަހީދުވެފައިވެއެވެ.
ތެލް ހަވާ އަވަށުގައި، އިޒްރޭލުގެ ސިފައިން ހިޖުރަކޮށްފައިވާ ފަލަސްޠީނު ރައްޔިތުން ގޮވައިގެން ދަތުރުކުރަމުން ދިޔަ އުޅަނދަކަށް އަމާޒުކޮށް ދިން ހަމަލާއެއްގައި ދެ މީހުން ޝަހީދުވެ، އެތައް ބަޔަކަށް ޒަޚަމްވެފައިވެއެވެ.
ސެޕްޓެމްބަރު 21 ގައި، އިޒްރޭލުގެ ސިފައިން ވަނީ ޣައްޒާ ސިޓީގައި އެއްގަމު މަގުން ކުރިއަށް ގެންދާ އޮޕަރޭޝަންތައް ވަރުގަދަކުރަމުންދާ ކަމަށް އިއުލާންކޮށްފައެވެ. މި އޮޕަރޭޝަންތައް ފަށާފައިވަނީ އޮގަސްޓު 11 ގައި ބޮޑު ހަމަލާއަކާއެކުގައެވެ. މިއީ އޮގަސްޓު މަހު ޣައްޒާ ބައިބަޔަށް ހިފުމަށް ސަރުކާރުން ފާސްކުރި ރޭވުމެއްގެ ތެރެއިންނެވެ.
ޣައްޒާގެ މެދުތެރޭގައިވާ ނުސައިރާތު ރެފިއުޖީ ކޭމްޕްގައި ދެ ގެއަކަށް އިޒްރޭލުން ދިން ހަމަލާތަކެއްގައި ފަސް ފަލަސްޠީނު ރައްޔިތުންގެ ފުރާނަ ގެއްލި، އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނޭ ގޮތަށް އެތައް ބަޔަކު ޒަޚަމްވެފައިވެއެވެ.
ދެކުނު ޣައްޒާގެ ރަފާގައި އެހީ ދޭ ސަރަހައްދެއް ކައިރިން އިޒްރޭލުގެ ސިފައިން ދިން ބަޑީގެ ހަމަލާތަކެއްގައި އެހީ ހޯދަން ދިޔަ ފަސް މީހުން ޝަހީދުވެފައިވެއެވެ.
އޮކްޓޯބަރު 2023 އިން ފެށިގެން އިޒްރޭލުގެ ސިފައިން ވަނީ ޣައްޒާގައި 65,300 އަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ޝަހީދުކޮށްފައިވެއެވެ. އޭގެތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. މި ހުއްޓުމެއް ނެތި ކުރިއަށްދާ ހަމަލާތަކުގެ ސަބަބުން ޣައްޒާ ދިރިއުޅެން ދަތި ތަނަކަށް ވެފައިވާ އިރު، ބަނޑުހައިހޫނުކަމާއި ބަލިތައް ފެތުރިފައިވެއެވެ.
Ads by MACL
