ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ސަޢޫދީ ބިލިއަނަރަކު، 19 ބިލިއަން ޑޮލަރު ހެޔޮކަންކަމަށް ހޭދަކުރުމުން ބިލިއަނަރުގެ ދަރަޖަ ގެއްލުނު!

ސަޢޫދީ ބިލިއަނަރަކު، 19 ބިލިއަން ޑޮލަރު ހެޔޮކަންކަމަށް ހޭދަކުރުމުން ބިލިއަނަރުގެ ދަރަޖަ ގެއްލުނު!

ސަޢޫދީ ޢަރަބިއްޔާގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި އަލް ރާޖިޙީ ބޭންކުގެ ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސުލައިމާން ބިން ޢަބްދުލް ޢަޒީޒް އަލް ރާޖިޙީ، އޭނާގެ މުއްސަނދިކަމުގެ ބޮޑު ބައެއް ކަމަށްވާ ގާތްގަނޑަކަށް 19 ބިލިއަން އެމެރިކާ ޑޮލަރު، ހެޔޮކަންކަމަށް ހޭދަކުރެއްވުމުގެ ސަބަބުން، ބިލިއަނަރުންގެ ލިސްޓުން ވަކިވެފައިވެއެވެ.

"ދި އިސްލާމިކް އިންފޮމޭޝަން" އިން މިދިޔަ އަހަރު ގެނެސްދިން ރިޕޯޓެއްގައި ބުނެފައިވަނީ އެއް ދުވަސްވަރެއްގައި މެދުއިރުމަތީގެ އެންމެ މުއްސަނދި އެއް ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވުނު އަލް ރާޖިޙީ، އޭނާގެ ހުރިހާ މުދަލެއް ދެބަޔަކަށް ބައްސަވާލެއްވިއެވެ. އެއް ބައި އޭނާގެ ދަރިންނަށް ދެއްވިއިރު، އަނެއްބައި ހޭދަކުރެއްވީ ހެޔޮކަމުގެ މަގުގައެވެ. މިގޮތުން، "ސުލައިމާން ބިން ޢަބްދުލް ޢަޒީޒް އަލް ރާޖިޙީ ޗެރިޓަބަލް ފައުންޑޭޝަން" މެދުވެރިކޮށް، ތަޢުލީމީ، ޞިއްޙީ، ދީނީ އަދި އިޖުތިމާޢީ ދާއިރާތަކަށް އެތައް އެހީތަކެއް ވަނީ ފޯރުކޮށްދެއްވާފައެވެ. އެއަށްފަހު، އަލް ރާޖިޙީގެ އަމިއްލަ ހައިސިއްޔަތުން އޮތް މުދާ ގާތްގަނޑަކަށް 590 މިލިއަން އެމެރިކާ ޑޮލަރަށް ދަށްވެ، ބިލިއަނަރުންގެ ލިސްޓުން އޭނާ ވަކިވެފައިވެއެވެ.

އަލް ރާޖިޙީގެ މި ފައުންޑޭޝަނުން ކޮންމެ އަހަރަކު ގާތްގަނޑަކަށް 1,200 ހެޔޮކަމުގެ މަޝްރޫޢުތަކަށް އެހީތެރިކަން ފޯރުކޮށްދެއެވެ. މި މަޝްރޫޢުތައް ސަޢޫދީ ޢަރަބިއްޔާގެ 13 ސަރަޙައްދެއްގެ 130 އަށްވުރެ ގިނަ ރަށްތަކާއި ޝަހަރުތަކުގައި ހިންގައެވެ. މި ފައުންޑޭޝަނުން އެހީތެރިކަން ފޯރުކޮށްދެނީ، ރަސްމީކޮށް ރަޖިސްޓަރީކޮށްފައިވާ، ފައިދާ ނުނަގާ ޖަމްޢިއްޔާތަކަށެވެ.

އަލް ރާޖިޙީގެ މި ނަމޫނާ ޢަމަލަކީ، އަދި މުއްސަނދިކަމަކީ ހަމައެކަނި ފައިސާ އެއްކުރުން ނޫންކަމާއި، އެއީ އެހެން މީހުންނަށް އެހީތެރިވުމާއި، މުޖުތަމަޢަށް ފައިދާހުރި ކަންކަން ކުރުމަށް ލިބޭ ފުރުޞަތެއްކަން ދައްކުވައިދޭ ހެތްކެކެވެ. އޭނާގެ މި ޢަމަލު، މުޅި ދުނިޔޭގެ އެތައް ބަޔަކަށް ނަމޫނާއެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.