ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ޕޮލެންޑުގެ ވައިގެ ސަރަޙައްދަށް އަރާ ކޮންމެ އެއްޗެއް ބަޑިޖަހާ ވައްޓާލާނަން: ބޮޑުވަޒީރު

ޕޮލެންޑުގެ ވައިގެ ސަރަޙައްދަށް އަރާ ކޮންމެ އެއްޗެއް ބަޑިޖަހާ ވައްޓާލާނަން: ބޮޑުވަޒީރު

ޕޮލެންޑުގެ ވައިގެ ސަރަޙައްދަށް އަރާ ކޮންމެ އެއްޗެއް ބަޑިޖަހާ ވައްޓާލާނެކަމަށް ބޮޑުވަޒީރު ޑޮނަލްޑް ޓަސްކް ވިދާޅުވެއްޖެއެވެ.

މިދިޔަ ހަފްތާތަކުގެ ތެރޭގައި ޕޮލެންޑަށް ޑްރޯންތަކެއް ވެއްޓި، އެ ޤައުމުގެ ވައިގެ ސަރަޙައްދު ބޭނުންކުރުމާ ގުޅޭގޮތުން ބޮޑުވަޒީރު ޑޮނާލްޑް ޓަސްކް ވަނީ ސަރުކާރުގެ ފަރާތުން ބަޔާނެއް ނެރެފައެވެ. އޭނާ ވިދާޅުވީ، ޕޮލެންޑުގެ ސަރަޙައްދީ ވައިގެ ސަރަޙައްދަށް އަރާ ކޮންމެ އެއްޗެއް ބަޑިޖަހާ ވައްޓާލާނެ ކަމަށާއި، މިކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.


މިމަހުގެ ކުރީކޮޅު ރަޝިއާގެ ޑްރޯންތަކެއް ޕޮލެންޑުގެ ވައިގެ ސަރަޙައްދަށް އަރާފައިވާ ކަމަށް ޕޮލެންޑުން ވަނީ ބުނެފައެވެ. މީގެ ސަބަބުން ނޭޓޯގެ އިރުމަތީ ފަރާތުގެ ދިފާޢީ ބާރު ވަރުގަދަ ކުރުމަށް ވަނީ ބާރު އަޅާފައެވެ. ޓަސްކް ވިދާޅުވީ ޕޮލެންޑުގެ ވައިގެ ސަރަޙައްދުގައި ރަޝިއާގެ މަދުވެގެން ތިން ޑްރޯން ޕޮލެންޑާއި ނޭޓޯގެ އެހެން މަތިންދާބޯޓުތަކުން ބަޑިޖަހާ ވައްޓާލާފައިވާ ކަމަށެވެ.

ރަޝިއާ ބުނީ މި ހާދިސާ ހިނގާފައިވަނީ ގަސްތުގައި ނޫން ކަމަށެވެ. ހަމަ މިފަދަ ތުހުމަތުތަކެއް ފަހުން ރޮމޭނިއާ އާއި އެސްޓޯނިއާއިން ވެސް ވަނީ ކޮށްފައެވެ.


ޓަސްކް ވިދާޅުވީ ނޭޓޯގެ ސަރަޙައްދުގައި ރަޝިއާގެ ޑްރޯންތަކެއް ބަޑިޖަހާ ވައްޓާލި މިއީ ފުރަތަމަ ފަހަރު ކަމަށާއި، މިއީ "ސިޔާސީ ހާލަތު ބަދަލުކުރާ" ކަމެއް ކަމަށެވެ. އޭނާ ވަނީ ނޭޓޯގެ އާޓިކަލް 4 އަށް އިޝާރާތް ކުރައްވާފައެވެ. މި އާޓިކަލްގައިވާ ގޮތުން މެންބަރު ޤައުމަކަށް މައްސަލައަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށް އެކުވެރިންގެ ބައްދަލުވުމެއް ބޭއްވުމުގެ އިޚްތިޔާރު ލިބިގެންވެއެވެ.

"އެކުވެރި ހުރިހާ ޤައުމުތަކުން ވެސް މިކަން އަޅުގަނޑުމެންނާ އެއްގޮތަށް ބަލައިގަންނާނެ ކަމާ މެދު އަޅުގަނޑަށް ޔަޤީންކަން ބޭނުން،" އޭނާ ވިދާޅުވިއެވެ.

ނަމަވެސް ޓަސްކް ވަނީ މިފަދަ ކަންކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކުރައްވާފައެވެ. "ސާފުނުވާ ހާލަތްތަކުގައި ހަނގުރާމައިގެ ނުރައްކާތެރި މަރުޙަލާއަކަށް މަގުފަހިކޮށްފާނެ ކަންކަމާ މެދު ގޮތެއް ނިންމުމުގެ ކުރިން ދެ ފަހަރަށް ވިސްނާލަން ޖެހޭނެ،" އޭނާ ވިދާޅުވިއެވެ.