ދެ ދަރިން މަރާލި މަންމައެއްގެ ކުށް ސާބިތުވެއްޖެ
ނިއުޒީލެންޑްގެ ކޯޓަކުން އަންހެނެއްގެ މައްޗަށް، އޭނާގެ ދެ ކުދިން މަރާލައި، އެ ކުދިންގެ ހަށިގަނޑު ދަބަހެއްގެ ތެރޭގައި ފޮރުވިކަމުގެ ކުށް ސާބިތުކޮށްފިއެވެ. މި ހާދިސާ ދުނިޔޭގެ މީޑިއާތަކުގެ ސަމާލުކަން ވަރަށް ބޮޑަށް ހޯދާފައިވެއެވެ.
އޯކްލެންޑް ހައިކޯޓުގެ ޖޫރީއަކުން އުމުރުން 45 އަހަރުގެ ހަކިޔުންގް ލީގެ މައްޗަށް މި ކުށް ސާބިތުކުރީ ދެ ގަޑިއިރުގެ މަޝްވަރާތަކަށް ފަހުއެވެ. ލީގެ ވަކީލުން ހުށަހެޅި ނަފްސާނީ ބަލިކަމުގެ ދިފާއު ޖޫރީން ބަލައިގެންފައެއް ނުވެއެވެ.
ލީ ކުށްވެރިކަމަށް ހުކުމްކުރެވުނީ އޭނާގެ ހަ އަހަރުގެ ފިރިހެން ދަރި މިނޫ ޖޯ އާއި އަށް އަހަރުގެ އަންހެން ދަރި ޔޫނާ ޖޯ 2018 ވަނަ އަހަރުގެ ޖޫން މަހު މަރާލި ކަމަށެވެ. މި ހާދިސާ ހިނގާފައިވަނީ އޭނާގެ ފިރިމީހާ ކެންސަރު ބަލީގައި ނިޔާވިތާ މަސްތަކެއް ފަހުންނެވެ.
ޖަސްޓިސް ޖިއޮފްރީ ވެނިންގް ވަނީ ލީގެ މައްޗަށް ހުކުމް އިއްވުމަށްޓަކައި ނޮވެމްބަރު 26 ވަނަ ދުވަހާ ހަމައަށް އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރައްވާފައެވެ. ނިއުޒީލެންޑްގެ ގާނޫނުތަކުގެ ދަށުން ގަސްތުގައި މީހަކު މެރުމުގެ ކުށަށް މަޖުބޫރީ އުމުރު ދުވަހުގެ ހުކުމެއް އާދެއެވެ. އަދި ޕެރޯލްއަށް އެދެވޭނެ އެންމެ ކުރު މުއްދަތަކީ 10 އަހަރެވެ.
މި މައްސަލަ ދުނިޔޭގެ ސަމާލުކަމަށް އައީ 2022 ވަނަ އަހަރު، އޯކްލެންޑްގައި ހުރި ބޭނުންނުކުރާ ސްޓޯރޭޖް ފެސިލިޓީއަކުން ދެ ކުދިންގެ ހަށިގަނޑު ދަބަސްތަކެއްގެ ތެރެއިން ފެނުމުންނެވެ. ލީއަށް މާލީ ދަތިކަން ކުރިމަތިވެ، ސްޓޯރޭޖްގެ ކުލި ނުދެއްކުމުން، އެތަނުގެ ތަކެތި އޮންލައިން ނީލަމެއްގައި ވިއްކާލިއެވެ. އެ ތަކެތި ގަތް މީހާއަށް ދަބަސްތަކުގެ ތެރެއިން ހަށިގަނޑު ފެނުނީއެވެ.
ލީ ވަނީ ކުށްކުރި ދުވަހު އޭނާގެ ހާލަތު ރަނގަޅު ނޫންކަމަށް ބުނެ ދިފާއުވެފައެވެ. ނަމަވެސް ކްރައުން ޕްރޮސެކިއުޓަރ ނެޓަލީ ވޯކަރ ވިދާޅުވީ، ލީ ކުށްކުރުމަށް ފަހު އަމަލުކުރި ގޮތުން ދައްކުވައިދެނީ އޭނާ ރަނގަޅަށް ވިސްނައިގެން ކަންތައްތައް ކުރިކަމަށާއި، އޭނާ ކުށްކުރީ ހަމަބުއްދީގައި ހުރެގެން ކަމަށެވެ.
ނިއުޒީލެންޑްގެ ރައްޔިތެއް ކަމަށްވާ ލީ، 2018 ވަނަ އަހަރު ކުށްކުރުމަށް ފަހު ދެކުނު ކޮރެއާއަށް ގޮސް އޭނާގެ ނަން ބަދަލުކޮށްފައިވެއެވެ. ކުދިންގެ ހަށިގަނޑު ފެނުމުން، 2022 ވަނަ އަހަރު ނޮވެމްބަރު މަހު އޭނާ ދެކުނު ކޮރެއާއިން ހޯދައި ނިއުޒީލެންޑަށް އެކްސްޓްރެޑައިޓް ކުރެވުނެވެ.
ވޯކަރ ވިދާޅުވީ، ލީގެ އަމަލުތަކުން ދައްކުވައިދެނީ އޭނާގެ ދަރިންގެ ފުރާނަ ނެތިކޮށްލުމަށް ރޭވުންތެރިކަމާއެކު ވިސްނާފައިވާކަމަށާއި، އަދި އޭނާގެ ނުރައްކާތެރި ކުށް ފޮރުވުމަށް މަސައްކަތްކޮށްފައިވާކަމަށެވެ. އަދި މިއީ އެކަނި މައިންބަފައިންގެ ބުރަ އިން ސަލާމަތްވުމަށްޓަކައި ކުރި އަމިއްލަ އެދުން ބޮޑު ކުށެއް ކަމަށް ވެސް ވޯކަރ ވިދާޅުވިއެވެ. މިއީ ނަފްސާނީ ގޮތުން ހާލަތު ގޯސްވެފައިވާ މަންމައެއްގެ އަމަލެއް ނޫން ކަމަށް ވެސް ވޯކަރ ވިދާޅުވިއެވެ.
Ads by MACL
