ޓެމިލް ނާޑޫގައި ބޭއްވި ސިޔާސީ ރެލީއެއްގައި 38 މީހުން މަރުވެއްޖެ
އިންޑިއާގެ ޓެމިލް ނާޑޫގެ ކަރޫރު ޑިސްޓްރިކްޓްގައި ތަމަޅަގަ ވެޓްރީ ކަޒަގަމް (ޓީވީކޭ) ގެ ވެރިޔާ ވިޖޭ ބޭއްވި ސިޔާސީ ރެލީއެއްގައި ހިނގި ހާދިސާއެއްގައި 38 މީހުން މަރުވެއްޖެއެވެ. މަރުވި މީހުންގެ ތެރޭގައި 10 ކުޑަކުދިންނާއި 17 އަންހެނުން ހިމެނެއެވެ. އޮފިޝަލުން ބުނެފައިވާ ގޮތުގައި 46 މީހުންނަށް އަނިޔާވެފައިވެއެވެ.
ފުލުހުންގެ މަސްދަރުތަކުން އެންޑީޓީވީއަށް ބުނެފައިވާ ގޮތުގައި، ގިނަ އަދަދެއްގެ ބަޔަކު އެއްތަނަކަށް ޖަމާވެ، އެއްފަހަރާ ކުރިއަށް ދިއުމުގެ ސަބަބުން ބައެއް މީހުން ފިތިގެން ވެއްޓުނެވެ. މިކަމުގެ ސަބަބުން ހިނގި ހާދިސާގައި މީހުން މަރުވީއެވެ. ސީނިއަރ ފުލުސް އޮފިސަރެއް ލަފާކުރައްވާ ގޮތުގައި، ވިޖޭ ވާހަކަ ދެއްކުމަށް ހަމަޖެހިފައިވާ ތަނަށް 30,000 އަށް ވުރެ ގިނަ މީހުން ޖަމާވެފައިވެއެވެ. މިރެލީ ބާއްވާފައިވަނީ ވިޖޭގެ ރެލީއެއް ނަމައްކަލްގައި ބޭއްވުމަށް ފަހުއެވެ.
ނަމަވެސް، ވިޖޭ އެތަނަށް އައުން ހަ ގަޑިއިރަށް ވުރެ ގިނައިރު ލަސްވިއެވެ. މިހެން ލަސްވުމުގެ ސަބަބުން މީހުންގެ ތޮއްޖެހުން ކޮންޓްރޯލް ނުކުރެވޭ ވަރަށް އިތުރުވިއެވެ. މީހުން ގިނަވެ، ހޫނާއި ތޮއްޖެހުމުގެ ސަބަބުން ނޭވާ ހާސްވާން ފެށުމުން، ވިޖޭ އޭނާގެ ވާހަކަ ހުއްޓާލާފައި، މީހުންނަށް އެހީވުމަށްޓަކައި ފެންފުޅިތައް އެއްލަން ފެށިއެވެ. މިކަން ދައްކުވައިދޭ ވީޑިއޯތައް އާންމުވެފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ހޯމް އެފެއާޒް މިނިސްޓްރީ (އެމްއެޗްއޭ) އިން ވަނީ ބަޔާނެއް ނެރެފައި ކަމަށް މަސްދަރުތަކުން ބުނެއެވެ. ޓެމިލް ނާޑޫގެ މުޚްތާރު ވަޒީރު އެމްކޭ ސްޓާލިން، މިރޭ ކަރޫރަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މި ހާދިސާއާ މެދު ހައިރާންކަން ފާޅުކުރެއްވިއެވެ. އޭނާ ވަނީ މި ހާދިސާ ތަހުގީގު ކުރުމަށްޓަކައި، ރިޓަޔަރޑް ހައިކޯޓްގެ ފަނޑިޔާރު ޖަސްޓިސް އަރުނާ ޖަގަދީސަން އިސްކޮށް ހުންނަވާ ކޮމިޓީއެއް އެކުލަވާލާފައެވެ.
ސްޓާލިން ވިދާޅުވީ، މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ޗީފް މިނިސްޓަރުގެ ޕަބްލިކް ރިލީފް ފަންޑުން 10 ލައްކަ ރުޕީސް ދިނުމަށް އޭނާ އަމުރުކޮށްފައިވާ ކަމަށާއި، ހޮސްޕިޓަލްތަކުގައި ފަރުވާ ހޯދަމުންދާ މީހުންނަށް 1 ލައްކަ ރުޕީސް ދިނުމަށްވެސް އަމުރުކޮށްފައިވާ ކަމަށެވެ. ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ، ކަރޫރުގައި ބޭއްވި ސިޔާސީ ރެލީއެއްގައި ހިނގި މި ހާދިސާއަކީ ވަރަށް ހިތާމަވެރި ހާދިސާއެއް ކަމަށެވެ.
ހާދިސާއަށް ފަހު، ވިޖޭ ޓްރިޗީ އެއާޕޯޓަށް ގޮސް ޗެންނާއީއަށް ފުރިއެވެ. އޭނާ މީޑިއާއަށް އެއްވެސް ކޮމެންޓެއް ދިނުމަށް ދެކޮޅު ހެދިއިރު، އެއާޕޯޓުގައި ކެމެރާތަކަށް އޭނާގެ މޫނު ފޮރުވިއެވެ. އޭނާ މި ހާދިސާއާ ބެހޭގޮތުން ފުރަތަމަ ފަހަރަށް ވާހަކަ ދެއްކީ ސްޓޭޓްގެ ވެރިރަށަށް ފޭބުމަށް ފަހުގައެވެ.
ފުލުހުން ވަނީ މިހާދިސާއާއި ގުޅިގެން ޓީވީކޭގެ ކަރޫރު ޑިސްޓްރިކްޓް ސެކްރެޓަރީ މުތިޔާޒަގަންގެ މައްޗަށް މައްސަލައެއް ހުށަހަޅާފައެވެ. އޭނާއަކީ ވިޖޭގެ ރެލީ އިންތިޒާމު ކުރުމުގެ ޒިންމާ އުފުލި ފަރާތްތަކުގެ ތެރެއިން އެކެކެވެ.
ތަމަޅަގަ ވެޓްރީ ކަޒަގަމް (ޓީވީކޭ) އަކީ އިންޑިއާގެ ޓެމިލް ނާޑޫ ސްޓޭޓްގައި ހަރަކާތްތެރިވާ ސިޔާސީ ޕާޓީއެކެވެ. މި ޕާޓީ އުފެއްދީ އެކްޓަރު އަދި ސިޔާސީ ޝަޚްސިއްޔަތު ތަލަޕަތީ ވިޖޭ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހުއެވެ. ވިޖޭގެ ފޭން ކްލަބްތަކުގެ ބޮޑު ނެޓްވޯކަކުން މި ޕާޓީ އުފެދިފައިވާއިރު، ކުރިން ވިޖޭ މަައްކަލް އިޔައްކަމްގެ ދަށުން ހިންގި މި ކްލަބްތަކަކީ މިހާރު ޓީވީކޭގެ ބިންގަލެވެ.
Ads by MACL
