ޣައްޒާއަށް ދަތުރުކުރަމުންދާ ފްލޮޓީލާ ޔޮޓްތައް: އިސްރާއީލުގެ އިންޒާރުތަކަށް ފަރުވާލެއް ނުބަހައްޓާ ކުރިއަށް
ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ހިސާރު ނިމުމަކަށް ގެނައުމަށް މަސައްކަތްކުރާ ފްލޮޓީލާ މޫވްމަންޓްގެ ޔޮޓްތައް، އިސްރާއީލުގެ އިންޒާރުތަކަށް ފަރުވާލެއް ނުބަހައްޓާ "ޔެލޯ ލައިން" ހުރަސްކޮށް ޣައްޒާއާ ދިމާލަށް ކުރިއަށް ދަތުރުކުރަން ފަށައިފިއެވެ.
ޔޮޓްތަކުގައި ތިބި ފަރާތްތަކުން ބުނާ ގޮތުގައި، ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ހިސާރު ނައްތާލުން މާ މުހިންމު ކަމަށްވާތީ އިސްރާއީލުގެ އަސްކަރިއްޔާގެ އިންޒާރުތަކަށް ބެލުމެއް ނޯންނާނެއެވެ.
ފްލޮޓީލާ މޫވްމަންޓްގެ ޔޮޓްތައް ޣައްޒާއާ ދިމާލަށް މިސްރާބުޖެހުމާއެކު، އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ އެ ހަރަކާތުގެ ބައިވެރިންނަށް އިންޒާރުދީ، ބިރުދައްކާފައެވެ. މިގޮތުން، ރޭގަނޑުގެ ވަގުތުތަކުގައި ޑްރޯން ބޭނުންކޮށްގެން ބައެއް ޔޮޓްތަކަށް ހަމަލާދިނުމާއި، މުއާސަލާތީ ހިދުމަތްތައް ކަނޑާލުމަށް މަސައްކަތްކޮށްފައިވެއެވެ. ޣައްޒާގެ ކަނޑުގެ ސަރަހައްދަށް ޔޮޓްތައް ނުވަނުމަށް އިސްރާއީލުން ވަނީ މީގެކުރިން ވެސް އިންޒާރުދީފައެވެ.
Ads by BMLމި ހަރަކާތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ސަތޭކަ އުޅަނދު ބައިވެރިވެއެވެ. މި އުޅަނދުތަކުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޣައްޒާގެ ހިސާރު ނިމުމަކަށް ގެނެސް، ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމެވެ.
ފްލޮޓީލާ މޫވްމަންޓްގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންއިން ވެސް ވަނީ ޔޮޓްތައް ޔެލޯލައިން ހުރަސްކޮށްފައިވާކަން ކަށަވަރުކޮށްދީފައެވެ. އަންނަ ބުރާސްފަތި ހިސާބުގައި "ރެޑް ލައިން" ވެސް ހުރަސްކުރެވޭނެ ކަމަށް ފްލޮޓީލާ މޫވްމަންޓްގެ ފަރާތުން ބުނެއެވެ.
އިސްރާއީލް ސިފައިން ޑްރޯން މެދުވެރިކޮށް ޔޮޓްތަކަށް ހަމަލާދޭތީ، ޖީއެސްއެފް (ގްލޯބަލް ސޯލިޑާރިޓީ ފްލޮޓީލާ) އިން ވަނީ މިކަން ބައިނަލްއަޤްވާމީ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައެވެ. މީގެ އިތުރުން ސްޕެއިން އަދި އިޓަލީ ފަދަ ޤައުމުތަކަށް ނިސްބަތްވާ ޔޮޓްތަކުގެ ބައިވެރިން ވެސް ވަނީ އެ ޤައުމުތަކުގެ އަސްކަރިއްޔާގެ ސަމާލުކަމަށް މިކަން ގެނެސްފައެވެ.
Ads by MACL
