ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ޗައިނާގައި މާފިއާ އާއިލާއެއްގެ 11 މީހަކަށް މަރުގެ ހުކުމް އިއްވައިފި

މިގޭންގުތައްވަނީ ދުނިޔޭގައި މަޝްހޫރުވެފައި ---
މިގޭންގުތައްވަނީ ދުނިޔޭގައި މަޝްހޫރުވެފައި ---

މިއަންމާގެ ކޮކަންގް ސަރަހައްދުގައި ސްކޭމް ސެންޓަރުތައް ހަދައިގެން އިންސާނިއްޔަތާ ޚިލާފު އަމަލުތައް ހިންގަމުން ދިޔަ ޗައިނާގެ މަޝްހޫރު މިނގް އާއިލާގެ 11 މެންބަރަކަށް މަރަން ޗައިނާގެ ކޯޓަކުން ހުކުމްކޮށްފައިވާ ކަމަށް ޗައިނާގެ ދައުލަތުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މިނގް އާއިލާއަކީ މިޔަންމާގެ ލައުކާއީ ޓައުންގައި، ޗައިނާގެ ބޯޑަރާ ކައިރީގައި ހަރަކާތްތެރިވި ހަތަރު ކްލޭނުގެ ތެރެއިން އެއް ކްލޭނެވެ. މި ޓައުން ވަނީ ޖޫއާ، މަސްތުވާތަކެތި އަދި ސްކޭމް ސެންޓަރުތަކުގެ މައި މަރުކަޒަކަށް ބަދަލުވެފަ އެވެ.

މިޔަންމާ އިން 2023 ވަނަ އަހަރު މި އާއިލާތަކުގެ ގިނަ މެންބަރުން ހައްޔަރުކޮށް، ޗައިނާގެ ކަމާބެހޭ ފަރާތްތަކާ ހަވާލުކުރި އެވެ.
ޗައިނާގެ ދައުލަތުގެ ބްރޯޑްކާސްޓަރު ސީސީޓީވީގެ ރިޕޯޓެއްގައިވާ ގޮތުން، މިނގް އާއިލާގެ ޖުމްލަ 39 މެންބަރުންނަށް ވެންޒޯއިން ހުކުމްކޮށްފައިވެ އެވެ.

މަރަން ހުކުމްކުރެވުނު 11 މެންބަރުންގެ އިތުރުން، ފަސް މެންބަރަކަށް ދެ އަހަރުގެ މުއްދަތަށް މަރުގެ ހުކުމް ފަސްކުރުމާއެކު މަރަން ހުކުމްކޮށްފައި ވެއެވެ. 11 މީހުންނަށް އުމުރު ދުވަހުގެ ޖަލު ހުކުމް އިއްވާފައިވާއިރު، ބާކީ ތިބި މީހުންނަށް ފަސް އަހަރާއި 24 އަހަރާ ދެމެދުގެ ޖަލު ހުކުމްތައް ވަނީ ކޮށްފަ އެވެ.

ކޯޓުގެ ހުކުމްގައިވާ ގޮތުގައި، 2015 ވަނަ އަހަރުން ފެށިގެން މިނގް އާއިލާ އާއި އެހެނިހެން ކުށްވެރި ގްރޫޕްތަކުން ވަނީ ޓެލެކޮމިއުނިކޭޝަންސް ފްރޯޑް، ޤަވާއިދާ ޚިލާފު ކެސިނޯ، މަސްތުވާތަކެތި ޓްރެފިކްކުރުން އަދި ޒިނޭކުރުން ފަދަ ކުށްތައް ހިންގާފަ އެވެ.

ކޯޓުގެ ނިންމުމުގައިވާ ގޮތުން، އެމީހުންގެ ޖުވާ އަދި ސްކޭމް ހަރަކާތްތަކުން 10 ބިލިއަން ޔުއާން (1.4 ބިލިއަން ޑޮލަރު) އަށް ވުރެ ގިނަ އާމްދަނީ ހޯދާފައިވެ އެވެ.

މީގެ ކުރިން ބައެއް ފަރާތްތަކުން ލަފާކޮށްފައިވާ ގޮތުގައި، މި ހަތަރު އާއިލާގެ ކެސިނޯތަކުން ކޮންމެ އަހަރަކު އެތައް ބިލިއަން ޑޮލަރެއްގެ މުޢާމަލާތްތައް ހިންގާފައިވެ އެވެ.
ކޯޓުގެ ހުކުމްގައި އިތުރަށް ބުނެފައިވާ ގޮތުގައި، މިނގް އާއިލާ އާއި އެހެނިހެން ކުށްވެރި ގްރޫޕްތައް ސްކޭމް ސެންޓަރުގެ އެތައް މަސައްކަތްތެރިންގެ މަރަށް ޒިންމާ ވެއެވެ. މިގޮތުން، އެއް ހާދިސާގައި މަސައްކަތްތެރިން ޗައިނާއަށް އެނބުރި ދިޔުން ހުއްޓުވުމަށްޓަކައި އެމީހުންނަށް ބަޑި ޖަހާ މަރާލާފައިވެ އެވެ.

ޗައިނާގެ ޖުވާ ކުޅުން ޤަވާއިދާ ޚިލާފު ވުމުގެ ސަބަބުން، ލައުކާއީގެ ކެސިނޯތައް ތަރައްޤީ ކުރެވުނު ނަމަވެސް، ފަހުން އެތަންތަން ވަނީ މަނީ ލޯންޑަރިންގ، ޓްރެފިކްކުރުން އަދި އެތައް ސްކޭމް ސެންޓަރުތަކެއްގެ މައި މަރުކަޒަކަށް ބަދަލުވެފަ އެވެ.

އެތަންތަން ވަނީ އ.ދ. އިން "ސްކޭމްޑެމިކް" ގެ ނަމުން ނަންދީފައިވާ ބޮޑު ކުށުގެ ނިޒާމެއްގެ މައިތަން ކަމަށް ބެލެވިފަ އެވެ. މިގޮތުން 100،000 އަށް ވުރެ ގިނަ ބިދޭސީން، އޭގެ ތެރެއިން ގިނަ އަދަދެއްގެ ޗައިނާ ރައްޔިތުން، ސްކޭމް ސެންޓަރުތަކަށް ގެންގޮސް، އެމީހުންނަށް އަސްކަރީ ބާރުން މަޖުބޫރުކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މީހުންނަށް އަމާޒުކޮށް ގިނަގަޑިއިރު މަސައްކަތް ކުރުވާފައިވެ އެވެ.