ފްލޮޓީލާ ގާފިލާއަށް އިސްރާއީލުން ހަމަލާދީ، އުޅަނދުތައް ފައްތާލާނެކަމުގެ ބިރުބޮޑުވެއްޖެ
ޣައްޒާއަށް އެހީގެ ސާމާނު ހިފައިގެން ދަތުރުކުރާ 47 އުޅަނދު ހިމެނޭ ފްލޮޓެލިއާ ގާފިލާއަކަށް އިސްރާއީލުން ހަމަލާދީ، އޭގެތެރެއިން ބައެއް އުޅަނދުތައް ކަނޑަށް ފައްތާލާނެކަމުގެ ބިރު ބޮޑުވެއްޖެއެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން އިސްރާއީލްގެ ސިފައިން ވަނީ މި ގާފިލާ ހުއްޓުވުމުގެ މަސައްކަތް ފަށާފައެވެ.
އަލްޖަޒީރާ އިން ރިޕޯޓްކުރި ގޮތުގައި، ބްރެޒިލްގެ އެކްޓިވިސްޓް އަދި ސްޓިއަރިންގ ކޮމިޓީގެ މެންބަރު ތިއާގޯ އަވިލާ ވިދާޅުވީ، އިސްރާއީލްގެ އަސްކަރީ އުޅަނދަކުން ފްލޮޓިލާގެ ދެ އުޅަނދެއް ކަމަށްވާ އަލްމާ އާއި ސިރިއުސްގެ މުވާސަލާތީ ނިޒާމަށް ހުރަސްއަޅައި، ނުރައްކާތެރި ގޮތަކަށް އެ އުޅަނދުތަކުގެ ވަށައިގެން ދުއްވާފައިވާ ކަމަށެވެ. އަވިލާ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، "އިލެކްޓްރޯނިކް ވަސީލަތްތަކަށް ގެއްލުން ލިބުނު ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އަޅުގަނޑުމެން ކުރިއަށް ދަމުން މިދަނީ!"
އިސްރާއީލް ސިފައިންގެ ބްރިގޭޑިއަރ ޖެނެރަލް އެފީ ޑެފްރިން ވިދާޅުވީ، އުޅަނދުތަކުގެ އަދަދު ގިނަވުމަކީ ކުރީގެ ފްލޮޓިލާ މަސައްކަތްތަކަށްވުރެ ބޮޑު ގޮންޖެހުމަކަށް ވިޔަސް، ނޭވީ މި އުޅަނދުތައް ހުއްޓުވުމަށް ތައްޔާރަށް ހުރި ކަމަށެވެ.
Ads by BMLއިސްރާއީލްގެ މީޑިއާތައް ބުނާގޮތުން، ނޭވީ އިން އުޅަނދުތަކަށް އަރައި، އެކްޓިވިސްޓުން ހައްޔަރުކޮށް، އެއް ބޮޑު ނޭވީ އުޅަނދަކަށް ގެންގޮސް، އެތަނުން އަޝްދޯދް ބަނދަރަށް ގެންގޮސް، ޤައުމުން ބޭރުކުރާނެ ކަމަށް ބެލެވެއެވެ. އަދި ބައެއް އުޅަނދުތައް އަޝްދޯދް ބަނދަރަށް ކަފުޖަހައިގެން ގެންދެވިދާނެ ކަމަށް ވެސް ވެއެވެ. ނަމަވެސް، މިލިޓަރީ މަސްދަރުތައް ބުނާގޮތުން، ބައެއް އުޅަނދުތައް ނޭވީ އިން ކަނޑުމަތީގައި ހަމަލާދީ ފައްތާލާނެކަމުގެ ބިރު އެބައޮތް ކަމަށް ޓައިމްސް އޮފް އިސްރާއީލުން ރިޕޯޓްކޮށްފައިވެއެވެ.
ހީބްރޫ މީޑިއާ އިން އަންގާރަ ދުވަހު ރިޕޯޓްކުރި ގޮތުގައި، އަޝްދޯދް ބަނދަރަށް ގެނެވޭ ބައިވެރިން ޔޯމް ކިޕޫރުގެ ތެރޭގައި ދެކުނު އިސްރާއީލްގެ ފެސިލިޓީއަކަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބުރާސްފަތި ހަވީރު ޤައުމުން ބޭރުވުމަށް އެއްބަސްވާ މީހުން ބޭރުކުރުމަށް 600 ފުލުހުން ބައިވެރިވާ އޮޕަރޭޝަނެއް ވަނީ ފަށާފައެވެ.
ޗެނަލް 12 އިން ބުނި ގޮތުގައި، ބޭރުވުމަށް އިންކާރުކުރާ މީހުންނާމެދު ކެޓްޒިއޯޓް ޖަލުގައި އުފައްދާ ޚާއްޞަ ޓްރައިބިއުނަލްއެއް މެދުވެރިކޮށް އިންޓީރިއަރ މިނިސްޓްރީގެ މުވައްޒަފުން ގޮތެއް ނިންމާނެއެވެ.
Ads by MACL
