އިސްރާއީލުން ފްލޮޓީލާގެ ބައިވެރިން ހައްޔަރުކުރަން ފަށައިފި
ޣައްޒާއަށް އެހީގެ ސާމާނު ހިފައިގެން ދަތުރުކުރަމުން ދިޔަ 40 އަށް ވުރެ ގިނަ އުޅަނދަށް އިސްރާއީލުން ހުރަސްއަޅައި 200 އަށް ވުރެ ގިނަ މީހުން ރަހީނުކޮށްފި ކަމަށް މި ދަތުރު އިންތިޒާމް ކުރާ ފަރާތްތަކުން ބުނެފިއެވެ. ގްލޯބަލް ސުމޫދު ފްލޮޓިލާގެ ތަރުޖަމާން ސައިފް އަބޫކެޝެކް އިންސްޓަގްރާމްގައި ހިއްސާކުރެއްވި މައުލޫމާތުގައިވާ ގޮތުން، އިސްރާއީލްގެ ކަނޑުމަތިން 13 އުޅަނދު ހުއްޓުވާފައިވާއިރު، އެ އުޅަނދުތަކުގައި 37 ގައުމުގެ 201 އަށް ވުރެ ގިނަ މީހުން ތިއްބެވެ. މި މީހުންގެ ތެރޭގައި ސްޕެއިންގެ 30 މީހުން، އިޓަލީގެ 22 މީހުން، ތުރުކީގެ 21 މީހުން އަދި މެލޭޝިއާގެ 12 މީހުން ހިމެނެއެވެ.
އަބޫކެޝެކް ވިދާޅުވީ ބައެއް މީހުން ހައްޔަރުކޮށްފައިވީ ނަމަވެސް މިޝަން ކުރިއަށްދާ ކަމަށާއި، ބާކީ ތިބި 30 އުޅަނދު "މެޑިޓެރޭނިއަން މެދުވެރިކޮށް ޣައްޒާގެ މައްޗަށް އަޅާފައިވާ ހިޞާރު ނިމުމަކަށް ގެނައުމަށް" ވަރުގަދަ ޢަޒުމެއްގައި ދަތުރު ކުރަމުންދާ ކަމަށެވެ.
އިސްރާއީލުން މި އުޅަނދުތަކަށް ހުރަސް އެޅުމަކީ މެލޭޝިއާ، ސްޕޭން، ތުރުކީ، އަދި ވެނެޒުއޭލާ ފަދަ އެތައް ގައުމަކުން ކުށްވެރިކުރާ ކަމެކެވެ. ބައިނަލްއަޤުވާމީ ގާނޫނީ ތަޖުރިބާކާރުން ބުނާ ގޮތުގައި އިސްރާއީލުގެ މި ޢަމަލަކީ ބައިނަލްއަޤުވާމީ ގާނޫނުތަކާ ހިލާފު ކަމެކެވެ. އަދި ފްލޮޓިލާގެ މެންބަރުން ހައްޔަރު ކުރުމަކީ އިސްރާއީލުން ހިންގާ "މީހުން ރަހީނު ކުރުމުގެ" އަމަލެއް ކަމަށް އެ ފަރާތްތަކުން ސިފަކުރެއެވެ.
Ads by BMLއިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތް އޮފީހުގެ މެރިޓައިމް ސެކްޝަންގެ ކުރީގެ އިސްވެރިޔާ ކްރެއިގް މަރޭ ސޯޝަލް މީޑިއާގައި ވިދާޅުވެފައިވަނީ، ފްލޮޓިލާ އޮތީ "ހައި ސީސްގައި" ކަމަށާއި އިސްރާއީލްގެ ސަރަހައްދީ ކަނޑު ސަރަހައްދުގައި ނޫން ކަމަށެވެ. އެހެންކަމުން އިސްރާއީލަށް އެއްވެސް އިޚްތިޞާޞެއް ނެތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޔޫއެން ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީގެ ގާނޫނީ ކަންކަމާ ގުޅޭ ބްރިޓިޝް ވަފުދުގެ އިސްވެރިޔާގެ މަގާމު ވެސް ކުރައްވާފައިވާ މަރޭ އިތުރަށް ވިދާޅުވީ، "ހައި ސީސްގައި އުޅޭ އުޅަނދަކަށް ދައުލަތެއްގެ ހަނގުރާމަވެރި އުޅަނދަކުން ހަމަލާދިނުމަކީ އެ އުޅަނދުގެ ދިދައިގެ ދައުލަތަށް ދެވޭ ހަމަލާއެކެވެ." އޭނާ ބަޔާންކުރެއްވި ގޮތުގައި ކަނޑުމަތީގައި "އުޅަނދުތައް ހިފެހެއްޓުމާއި ފަޅުވެރިން ވަގަށްނެގުމަކީ" ގައުމީ ގާނޫނުތަކުގެ ދަށުން ވެސް ދައުވާކުރެވިދާނެ ކަމެކެވެ. އެހެންކަމުން، އިނގިރޭސިވިލާތުގެ ދިދަ ޖަހާފައިވާ އުޅަނދުތަކުން މީހުން ވަގަށްނެގުމާ ގުޅޭގޮތުން ތަހުގީގުކޮށް ފިޔަވަޅު އެޅުމުގެ ޒިންމާއެއް މެޓްރޮޕޮލިޓަން ޕޮލިސް އަދި ޑީޕީޕީ (ޑިރެކްޓަރ އޮފް ޕަބްލިކް ޕްރޮސެކިއުޝަންސް) އަށް އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ. "މިކަން ކޮންމެ ދިދައެއްގެ ދައުލަތަކަށް ވެސް މިގޮތަށް ހިނގާނެއެވެ." މަރޭ ވިދާޅުވިއެވެ.
Ads by MACL
