ޣައްޒާ ސިޓީ ދޫކޮށްފައި ނުދާނަމަ ބާރުގެ ބޭނުންކުރާނެ ކަމުގެ އިންޒާރު އިސްރާއީލުން ދީފި
ޣައްޒާ ސިޓީ ދޫކޮށްފައި ނުދާނަމަ ބާރުގެ ބޭނުންކުރާނެ ކަމުގެ އިންޒާރު އިސްރާއީލުން ދީފިއެވެ.
އިސްރާއީލުން ގާޒާ ސިޓީގައި ތިބި ރައްޔިތުންނަށް އެ ސިޓީން ފޭބުމަށް އަނެއްކާވެސް އިންޒާރު ދީފައިވާއިރު, މި އިންޒާރުގައި ބުނެފައި ވަނީ، ސިޓީން ނުފައިބައިފިނަމަ، ބާރުގެ ބޭނުންކޮށްގެން އެމީހުން ބޭރުކުރާނެ ކަމަށެވެ. އިސްރާއީލުގެ ދިފާއީ ވަޒީރު ވިދާޅުވީ، ގާޒާ ސިޓީގައި މިހާރު ތިބި ކޮންމެ މީހަކީ "ޓެރަރިސްޓުންނާއި ޓެރަރިސްޓުންނަށް ތާއީދުކުރާ" މީހުން ކަމަށް ބަލާނެ ކަމަށެވެ.މިއަދު ފަތިހުން ފެށިގެން މިހާތަނަށް 13 ފަލަސްތީނުގެ ރައްޔިތަކު ޝަހީދުކޮށްލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އިސްރާއީލުން ގާޒާ ސިޓީއަށް ދެމުންދާ ވައިގެ ހަމަލާތަކުގެ ސަބަބުން، ގިނަ ބަޔަކު ދިރިއުޅޭ ސަރަހައްދުތައް ވަނީ ސުންނާފަތިވެފައެވެ. ސްކޫލްތަކާއި އެހެނިހެން އިމާރާތްތަކަށް ބޮޑެތި ގެއްލުންތައް ލިބި، އެތައް ބަޔަކު ވަނީ ހިޖުރަ ކުރުމަށް މަޖުބޫރުވެފައެވެ.
އަލް ޖަޒީރާއަށް މައުލޫމާތު ދެމުން މެޑިކަލް މަސްދަރުތަކުން ބުނެފައިވާ ގޮތުގައި، ގާޒާގެ މެދުތެރޭގައި ގެދޮރު ގެއްލިފައިވާ މީހުންނަށް އަމާޒުކޮށް އިސްރާއީލުން ދިން ހަމަލާއެއްގައި 9 މީހަކު މަރުވެ، 13 މީހަކު ޒަޚަމްވެފައިވެއެވެ. އަލް ބުރެއިޖް ރެފިއުޖީ ކޭމްޕްގައި ދިން ޑްރޯން ހަމަލާއެއްގައި ފަލަސްތީނުގެ ދެމަފިރިއަކު ވަނީ މަރުވެފައެވެ.
Ads by BMLޚާން ޔޫނިސްއަކީ "ރައްކާތެރި ސަރަހައްދެއް" ކަމަށް އިސްރާއީލުން ބުނި ނަމަވެސް، އެ ސަރަހައްދަށް ތަކުރާރުކޮށް ހަމަލާ ދެމުންދެއެވެ. އެގޮތުން، އަލް އަގްޞާ ޔުނިވާސިޓީ ކެމްޕަސް ތެރޭގައި ހުރި ގެދޮރު ގެއްލިފައިވާ މީހުންނަށް ޚާއްސަ ޓެންޓަކަށް ދިން ހަމަލާއެއްގައި 8 މީހަކު ޒަޚަމްވެފައިވެއެވެ.
ގާޒާ ސިޓީން ދެކުނަށް ދިއުމަށް ރައްޔިތުންނަށް މަޖުބޫރު ކުރި ނަމަވެސް، ބައެއް މީހުން ދަނީ އުތުރަށް ދިއުމަށް މަސައްކަތް ކުރަމުންނެވެ. ގާޒާ ސަރުކާރުގެ މީޑިއާ އޮފީހުން ބުދަ ދުވަހު ބުނެފައިވާ ގޮތުގައި، އާންމުން ދަތުރުކުރުމަށް ބޭނުންކުރާ މުހިންމު މަގެއް ކަމަށްވާ އަލް ރަޝީދު މަގު އިސްރާއީލުން ވަނީ ބަންދުކޮށްފައެވެ.
ހަމަނުޖެހުންތައް ގޯސްވުމުގެ ސަބަބުން، އިންޓަނޭޝަނަލް ކޮމިޓީ އޮފް ރެޑްކްރޮސް (އައިސީއާރުސީ) އާއި ޑޮކްޓާސް ވިތްއައުޓް ބޯޑާސް (އެމްއެސްއެފް) ފަދަ ޖަމާއަތްތަކުން ވަނީ ގާޒާގައި ކުރަމުންދާ މަސައްކަތްތައް ވަގުތީ ގޮތުން ހުއްޓާލާފައެވެ.
މި ހަމަލާތައް ކުރިއަށް ދާއިރު، ހަނގުރާމަ ނިމުމަކަށް ގެނެސް އަސީރުން މިނިވަން ކުރުމަށް އެމެރިކާއިން ހުށަހެޅި ޕްލޭނަކާ މެދު ހަމާސްއިން ދަނީ މަޝްވަރާކުރަމުންނެވެ.
Ads by MACL
