ޣައްޒާއަށް އެހީގެ ދަތުރެއްކުރި ސުމޫދު ފްލޮޓިލާ އިޒްރޭލުން ހުއްޓުވުމާއި ގުޅިގެން ދުނިޔޭގެ އެކިކަންކޮޅުތަކުގައި މުރާހަރާކުރަނީ
ޣައްއަށް އެހީގެ ދަތުރެއްކުރި ސުމޫދު ފްލޮޓިލާ އިޒްރޭލުން ހުއްޓުވައި، އެކްޓިވިސްޓުން ހައްޔަރު ކުރުމާއި ގުޅިގެން ދުނިޔޭގެ އެކިކަންކޮޅުތަކުގައި މުރާހަރާކުރަންފަށައިފިއެވެ.
މި ހާދިސާއާ ގުޅިގެން ސްޕެއިންގެ ބާސެލޯނާގައި އިޒްރޭލާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ކުރިއަށްގޮސްފައިވާއިރު އިސްތަންބޫލާއި، ޔޫރަޕްގެ އެހެނިހެން ގައުމުތަކުގައިވެސް ވަނީ މުޒާހަރާތައް ފަށައިފައެވެ. މި މުޒާހަރާތައް މިރޭގެ ނިޔަލަށްވެސް ކުރިއަށްދާނެކަމަށް އިންތިޒާމުކުރާ ފަރާތްތަކުން ބުނެއެވެ.
އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިޒްރޭލުގެ ނޭވީން ވަނީ ގްލޯބަލް ސުމޫދު ފްލޮޓިލާގެ އެއް އުޅަނދު ފިޔަވައި ހުރިހާ އުޅަނދެއް ހުއްޓުވައިފައެވެ. ހުއްޓުވުނު އުޅަނދުތަކުގެ ތެރޭގައި މަޝްހޫރު ތިމާވެށީގެ ހަރަކާތްތެރިޔާ ގްރޭޓާ ތުންބާގް ވެސް ހިމެނިވަޑައިގަންނަވައެވެ. 40 އަށްވުރެ ގިނަ ގައުމުތަކުން ގިނަ އަދަދެއްގެ ހަރަކާތްތެރިން މި ފްލޮޓިލާގައި ބައިވެރިވެފައިވެއެވެ. އިޒްރޭލުން މި ހަރަކާތްތެރިން ހައްޔަރުކޮށްފައިވަނީ ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުންނެވެ. ފަލަސްތީނުގެ އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ވަކީލެއް ކަމަށްވާ ޑަޔާނާ ބުއްޓޫ ވިދާޅުވެފައިވަނީ، އިޒްރޭލުން މިކަމުގައި ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފުވެފައިވާ ކަމަށެވެ.
Ads by BMLފްލޮޓިލާގެ އުޅަނދުތައް ހުއްޓުވުމަށްފަހު، އިޒްރޭލުގެ ހާރިޖީ ވުޒާރާއިން ބުނެފައިވަނީ ހައްޔަރުކުރެވުނު ހަރަކާތްތެރިން އަޝްދޫދު ބަނދަރަށް ގެންގޮސްފައިވާ ކަމަށާއި، އެމީހުންގެ ހާލު ރަނގަޅު ކަމަށެވެ. އަދި އެމީހުން އަނބުރާ ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް، އިޒްރޭލުގައި ހުންނަ ފަލަސްތީނުގެ ގާނޫނީ މަރުކަޒެއް ކަމަށްވާ އަދާލާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިޒްރޭލުގެ އިމިގްރޭޝަން އޮތޯރިޓީން ވަނީ ހައްޔަރުކުރެވުނު ހަރަކާތްތެރިންނަށް ގާނޫނީ އެހީތެރިކަން ހޯދައިދިނުމަށް ހުރަސްއަޅާފައެވެ. މީގެ ކުރިންވެސް މިފަދަ ފްލޮޓިލާތައް އިޒްރޭލުން ހުއްޓުވައި، ހަރަކާތްތެރިން ހައްޔަރުކޮށް، މުދާ ހިފަހައްޓާފައިވެއެވެ. 2018 ވަނަ އަހަރު މިފަދަ ހާދިސާއެއްގައި ހަރަކާތްތެރިންނަށް އަނިޔާކޮށްފައިވާއިރު، 2010 ވަނަ އަހަރު ތުރުކީގެ މާވީ މަރްމަރާ އުޅަނދަށް އިޒްރޭލުގެ ފައުޖުން ހަމަލާދިނުމުގެ ސަބަބުން 10 ހަރަކާތްތެރިން މަރުވެފައިވެއެވެ.
މި ފްލޮޓިލާގެ އެއް އުޅަނދު ކަމަށްވާ 'މަރިނެޓް' އަކީ އިޒްރޭލުގެ ހުރަސްތަކަށް ބެލުމެއްނެތި ކުރިއަށްދާ އުޅަނދެކެވެ. ޕޮލެންޑުގެ ދިދަ ދަށުން ދަތުރުކުރާ މި އުޅަނދުގައި 6 މީހުން ތިބެއެވެ. ފްލޮޓިލާގެ ލައިވް ޓްރެކަރއިން ދައްކާ ގޮތުގައި، މަރިނެޓް މިހާރުވެސް ޣައްގެ ސަރަހައްދީ ކަނޑުން 100 ކިލޯމީޓަރު (62 މޭލު) ދުރުގައި، ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުގައި 2.16 ނޮޓް (ގާތްގަނޑަކަށް 4 ކިލޯމީޓަރު/ގަޑިއިރު) ބާރު މިނުގައި ދަތުރުކުރަމުންދެއެވެ. މި އުޅަނދުގެ އިންޖީނަށް ދިމާވި މައްސަލަތައް ހައްލުކުރެވިފައިވާ ކަމަށް އުޅަނދުގެ ކެޕްޓަން ވަނީ ސޯޝަލް މީޑިއާގައި ބުނެފައެވެ. ފްލޮޓިލާ އިންތިޒާމުކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މި އުޅަނދު އަދިވެސް ސްޓާލިންކް މެދުވެރިކޮށް ކޮމިއުނިކޭޝަންގައި ހުރި ކަމަށާއި، އުޅަނދު ދައްކުވައިދޭ ލައިވްސްޓްރީމެއް މިހާރުވެސް ހިނގަމުންދާ ކަމަށެވެ.
ގްލޯބަލް ސުމޫދު ފްލޮޓިލާ އިން އިންސްޓަގްރާމްގައި ބުނެފައިވަނީ، މަރިނެޓް އަކީ ހަމައެކަނި އުޅަނދެއް ނޫން ކަމަށާއި، އެއީ ބިރުވެރިކަމާއި، ބްލޮކޭޑާއި، އަނިޔާވެރިކަމާ ދެކޮޅަށް ހިފެހެއްޓިފައިވާ ހިތްވަރުގެ ރަމްޒެއް ކަމަށެވެ. އަދި "ޣައް އެކަނި ނޫން، ފަލަސްތީނު ހަނދާން ނައްތައެއް ނުލާނެ، އަހަރެމެން ދާކަށް ނޫޅެން" ކަމަށްވެސް ފްލޮޓިލާ އިންތިޒާމުކުރާ ފަރާތްތަކުން ބުނެފައިވެއެވެ.
މި ހާދިސާއާ ގުޅިގެން އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީ އާއި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވެސް ހާލަތު ގާތުން ބަލަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
Ads by MACL
