ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ޣައްޒާ ހަނގުރާމަ ނިންމުމަށް ޓްރަމްޕުގެ ހުށަހެޅުމަށް ހަމާސް އެއްބަސްވެއްޖެ

ޣައްޒާ ހަނގުރާމަ ނިންމުމަށް ޓްރަމްޕުގެ ހުށަހެޅުމަށް ހަމާސް އެއްބަސްވެއްޖެ

ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ޕްލޭނަށް ހަމާސްއިން އެއްބަސްވެއްޖެއެވެ. މި އެއްބަސްވުމުގައި އިޒްރޭލުގެ ހުރިހާ އަސީރުން މިނިވަންކުރުން ހިމެނެއެވެ. އެހެންނަމަވެސް ހަމާސްއަށް ވަނީ ޓްރަމްޕްގެ ފަރާތުން ހަރުކަށި އިންޒާރެއް އައިސްފައެވެ. އެއީ އާދީއްތަ ދުވަހުގެ ރޭ ޖީއެމްޓީން 10:00 (ރާއްޖޭ ގަޑިން އެ ރޭ މެންދަމުން އަލިވެ 3:00) ގެ ކުރިން އެއްބަސްވުމަށް އަމަލު ނުކޮށްފިނަމަ، "ދުވަހަކު ފެނިފައިނުވާ ވަރުގެ އަނިޔާވެރިކަން ހަމާސްއާ ދެކޮޅަށް ފެންނާނެ" ކަމަށެވެ.

ނޫސް ބަޔާނެއްގައި ހަމާސްއިން ބުނީ އިޒްރޭލުގެ ހައްޔަރުގައި ތިބި މީހުންނާއި މަރުވެފައިވާ މީހުންގެ ހަށިތައް ވެސް ހަވާލުކުރުމަށް އެއްބަސްވާ ކަމަށެވެ. އަދި މި އެއްބަސްވުމުގެ ތަފްސީލަށް ގޮސް، މީޑިއޭޓަރުން މެދުވެރިކޮށް މަޝްވަރާތައް ވަގުތުން ފަށަން ތައްޔާރަށް ތިބިކަން ޓެލެގްރާމްގައި އާންމުކުރި ބަޔާނެއްގައި ހަމާސްއިން ޔަގީންކޮށްދިނެވެ.

ޓްރަމްޕްގެ ހުށަހެޅުމުގައި ހަމާސް ޣައްޒާގެ ވެރިކަމުން ދުރުވެ، ފަލަސްތީނުގެ ސަރުކާރަކާ ހަވާލުކުރުން ހިމެނެއެވެ. މިކަމަށް ވެސް ހަމާސްއިން ވަނީ އެއްބަސްވެފައެވެ. އެހެންނަމަވެސް އެމީހުން ބުނީ ފަލަސްތީނު ރައްޔިތުން ބޭނުންވާ ގޮތަކަށް، އަރަބި އިސްލާމީ ޖަމާއަތްތަކުގެ އެއްބާރުލުމާއެކު ފަލަސްތީނުގެ ތަޖުރިބާކާރުންގެ ބަޔަކާ ޣައްޒާގެ ވެރިކަން ހަވާލުކުރަން އެއްބަސްވާނެ ކަމަށެވެ.

ޣައްޒާގެ މުސްތަގުބަލާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކާ ގުޅޭ ގޮތުން ރައީސް ޓްރަމްޕް ހުށަހެޅުއްވި އެހެން ކަންކަން ބައިނަލްއަގުވާމީ ގާނޫނުތަކާއި ގަރާރުތަކާ ގުޅިފައިވާ ކަމަށް ހަމާސްއިން ބުނެއެވެ. މި ކަންކަމާ މެދު އަމަލުކުރާނީ ގައުމީ ފެންވަރެއްގައި ކަމަށާއި، އެ އޮނިގަނޑު އެކުލަވައިލުމުގައި ޒިންމާދާރުކަމާއެކު ބައިވެރިވާނެ ކަމަށް ވެސް ހަމާސްއިން ބުނެފައިވެއެވެ.

ޓްރަމްޕްގެ ހުށަހެޅުމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެއްބަސްވެފައެވެ.

ޓްރަމްޕްގެ ހުށަހެޅުމުގެ މުހިންމު ނުކުތާތައް:

  • ހުށަހެޅުން ގަބޫލުކުރާ ކަމަށް އާންމުކޮށް އިއުލާނުކުރާތާ 72 ގަޑިއިރު ތެރޭ އިޒްރޭލުގެ ހުރިހާ އަސީރުން ދޫކޮށްލުމާއެކު ދެ ފަރާތުން ހަމަލާތައް ވަގުތުން ހުއްޓާލުން.

  • ކަނޑައެޅިފައިވާ ވަކި ހިސާބަކަށް އިޒްރޭލު ސިފައިން ފަހަތަށް ޖެހުން.

  • އުމުރަށް ޖަލަށް ލާފައިވާ ފަލަސްތީނުގެ 250 ގައިދީއަކު އިޒްރޭލުން މިނިވަންކުރުމާއި ޣައްޒާގައި ހަމަލާތައް ދޭން ފެށި ފަހުން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ 1،700 މީހަކު މިނިވަންކުރުން.

  • ހަމާސްގެ ހަތިޔާރު ބެހެއްޓުމާއި ފަލަސްތީނުގެ ސަރުކާރެއްގައި ހަމާސްގެ ބައިވެރިވުމެއް ނުބޭއްވުން.

  • ސުލްހަވެރިކަމާއެކު އުޅެން ބޭނުންވާ ހަމާސްގެ މެންބަރުންނަށް އެ ފުރުސަތު ލިބުން.

މި އެއްބަސްވުމަކީ ޣައްޒާގެ ހަމަލާތަކަށް ދާއިމީ ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގައި މުހިންމު ފިޔަވަޅެކެވެ. އެހެންނަމަވެސް ޓްރަމްޕްގެ އިންޒާރާއެކު، ހަމާސްއިން މި ފުރުސަތުގެ ބޭނުން ހިފައި، އެއްބަސްވުން ގަބޫލުކުރާނެތޯއާމެދު ސުވާލު އުފެދެއެވެ.