ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އިޓަލީގެ ރޯމްގައި ފަލަސްތީނަށް ތާއީދުކޮށް މިލިއަނަކަށްވުރެ ގިނަ މީހުން މަގުތަކަށް ނިކުމެއްޖެ

އިޓަލީގެ ރޯމްގައި ކުރިއަށް ދާ މުޒާހަރާގެ ތެރެއިން -- ފޮޓޯ: ރޮއިޓާސް
އިޓަލީގެ ރޯމްގައި ކުރިއަށް ދާ މުޒާހަރާގެ ތެރެއިން -- ފޮޓޯ: ރޮއިޓާސް

އިޓަލީގެ ވެރިރަށް ރޯމްގެ މެދުތެރޭގައި ހޮނިހިރު ދުވަހު ފަލަސްތީނަށް ތާއީދުކޮށް ބޮޑު މުޒާހަރާއެއް ބާއްވައިފައިވާއިރު، މިއެއްވުންތަކުގައި މިލިއަނަކަށްވުރެ ގިނަމިހުން ބައިވެރިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިއީ އިޒްރޭލުން ޣައްޒާއަށް އެހީގެ ސާމާނު ހިފައިގެން ދިޔަ ބައިނަލްއަޤްވާމީ ފްލޮޓިލާއެއް ހުއްޓުވައި، އެކްޓިވިސްޓުން ހައްޔަރުކުރުމާ ގުޅިގެން އިޓަލީގައި ކުރިއަށްދާ މުޒާހަރާތަކުގެ ހަތަރުވަނަ ދުވަހެވެ.

މުޒާހަރާގެ ބައިވެރިން ފަލަސްތީނުގެ ދިދަތަކާއި ބެނާތައް ހިފައިގެން، "ފްރީ ފަލަސްތީން" (ފަލަސްތީނު މިނިވަންކުރާށޭ) ފަދަ ޝުއޫރުތައް ކިޔަމުން ކޮލިސިއަމް ކައިރިން ހިނގާފައި ދިޔައެވެ. އިންތިޒާމުކުރި ފަރާތްތަކުން ލަފާކުރާގޮތުގައި މި މުޒާހަރާގައި މަދުވެގެން 1 މިލިއަން މީހުން ބައިވެރިވާނެ ކަމަށެވެ.
ރޯމްގެ 65 އަހަރުގެ މިއުޒިޝަނެއް ކަމަށްވާ ފްރެންސެސްކޯ ގަލްޓިއޭރީ ވިދާޅުވިއެވެ. "އަހަރެން މިތަނަށް އައީ އެހެން ގިނަ ރަހުމަތްތެރިންނާއެކުގައެވެ. ސަބަބަކީ އަޅުގަނޑުމެން އެންމެން ވަކިވަކިން ހަރަކާތްތެރިވުން މުހިންމު ކަމަށް އަހަރެން ދެކޭތީއެވެ. އަޅުގަނޑުމެން އެންމެން ހަރަކާތްތެރިނުވާނަމަ، އެއްވެސް ބަދަލެއް ނާންނާނެއެވެ."
އިޒްރޭލުން ބުދަ ދުވަހުގެ ރޭ ފްލޮޓިލާ ހުއްޓުވުމާ ގުޅިގެން ޔޫރަޕްގެ އެކި ކަންކޮޅުތަކާއި ދުނިޔޭގެ އެހެން ބައެއް ހިސާބުތަކުގައިވެސް މުޒާހަރާތައް ފެށިފައިވާއިރު، އިޓަލީގައި ވަނީ ކޮންމެ ދުވަހަކުވެސް އެކި ސިޓީތަކުގައި މުޒާހަރާތައް ކުރިއަށްގޮސްފައެވެ.
ހުކުރު ދުވަހު، ޔޫނިއަންތަކުން ވަނީ ފްލޮޓިލާއަށް ތާއީދުކޮށް އާންމު ހަޅުތާލަކަށް ގޮވާލާފައެވެ. މި ހަޅުތާލުގައި އިންތިޒާމުކުރި ފަރާތްތަކުން ބުނާ ގޮތުގައި 2 މިލިއަނަށްވުރެ ގިނަ މީހުން ބައިވެރިވިއިރު، އެތެރޭގެ ކަންކަމާބެހޭ ވުޒާރާއިން ލަފާކުރީ 400,000 އެއްހާ މީހުން ބައިވެރިވި ކަމަށެވެ.
އިޓަލީގެ ކަނާތުފިޔައިގެ ސަރުކާރުން ވަނީ މި މުޒާހަރާތަކަށް ފާޑުކިޔާފައެވެ. ބޮޑުވަޒީރު ޖޯޖިއާ މެލޯނީ ވިދާޅުވީ، މުޒާހަރާގެ ބައިވެރިން ޣައްޒާގެ ނަމުގައި މަސައްކަތަށް ނުގޮސް ދިގު ހަފްތާ ބަންދެއް ހެދުމަށް ބަހަނާއެއް ދައްކަނީ ކަމަށެވެ.
ހޮނިހިރު ދުވަހު މެލޯނީ ވަނީ ރޯމްގެ މައި ރޭލު ސްޓޭޝަން ބޭރުގައި ހުރި ޕޯޕް ޖޯން ޕޯލް II ގެ ބުދެއްގައި ކުރަހާފައިވާ ފުރައްސާރައިގެ ގްރެފިޓީއަށް މުޒާހަރާގެ ބައިވެރިންނަށް ތުހުމަތުކޮށްފައެވެ. އަދި އެއީ "އައިޑިއޮލޮޖީއިން ކަނުވެފައިވާ ބަޔަކު ހިންގި ލަދުވެތި އަމަލެއް" ކަމަށް ވިދާޅުވިއެވެ.
އިޒްރޭލުން ޣައްޒާއަށް އަސްކަރީ ހަމަލާތައް ދޭން ފެށީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގައި ހަމާސް ހިންގި ހަމަލާއަކަށްފަހުގައެވެ. އެ ހަމަލާގައި 1,200 މީހުން މަރުވެ، 251 މީހުން ރަހީނުކުރެވުނެވެ. އެއަށްފަހު އިޒްރޭލުން ދިން ހަމަލާތަކުގައި ޣައްޒާގެ ސިއްހީ އިދާރާތަކުން ބުނާ ގޮތުގައި 66,000 އަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން މަރުވެފައިވެއެވެ. މިކަމާ ގުޅިގެން އިޒްރޭލަށް ވަނީ ނަސްލު ނައްތާލުމުގެ ތުހުމަތުތައް ކުރެވިފައެވެ. ނަމަވެސް އިޒްރޭލުން މި ތުހުމަތުތައް ވަރުގަދައަށް ދޮގުކުރެއެވެ.